އދ. އަތޮޅުގެ ހަތަރު ރަށަކުން ޓީމުތައް ވާދަކުރާ ހަންޏާސް ކަޕް ސެޕްޓެމްބަރު 14 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ހަންޏާސް ކަޕަކީ އދ. ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެރަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރަނީ ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާ އެކު އެވެ. އަދި މިއަހަރުގެ މުބާރާތް އިންތިޒާމުކުރަނީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ.
މިއީ މި މުބާރާތް އެރަށުގައި ބާއްވާ ހަތް ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެރަށުގައި ހަންޏާސް ކަޕް ބޭއްވީ 2020 ވަނަ އަހަރު އެވެ.
މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ދަ ކްލަބް، ޒިލެފީ އައި މިޑްލް ކްރައުޑް އެވެ. ގްރޫޕް ބީގައި ހިމެނެނީ ރިއަލިޓީ، ނެކްސަސްގެ އިތުރުން ނެމިސް ސްޕޯޓްސް ކްލަބް އަދި ކަޓައްޕާ އެފްޓީ އެވެ.
މި ޓީމުތަކުގެ ތެރެއިން ރިއަލިޓީ އާއި ކަޓައްޕާ އަދި ޒެލިފީ އަކީ މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ތިން ޓީމެވެ. މި ތިން ޓީމުގެ ތެރެއިން ކަޓައްޕާ އާއި ދަ ކްލަބް ނިސްބަތްވަނީ ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ މަހިބަދޫ އަށެވެ. ރިއަލިޓީ އަކީ އެ އަތޮޅު މަންދޫގެ ޓީމެކެވެ.
އެހެން ޓީމުތަކަށް ބަލާއިރު، މިޑްލް ކްރައުޑް ނިސްބަތްވަނީ އޮމަދޫ އަށެވެ. ނެމިސް އާއި ނެކްސަސް އަކީ މުބާރާތް ބާއްވާ ހަންޏާމީދޫގެ ދެ ޓީމެވެ.
ހަންޏާސް ކަޕްގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ހަވީރު ކުޅޭނީ ދަ ކްލަބް އާއި ޒިލެފީ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ 16 ސެޕްޓެމްބަރުގެ ނިޔަލަށެވެ. ސެމީ ފައިނަލް ދެ މެޗު ސެޕްޓެމްބަރު 17 ގައި ކުޅޭއިރު ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 18 ވާ ހުކުރު ދުވަހު އެވެ.
ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނޭގޮތަށް ގަވައިދުގައި ހިމަނާފައިވާއިރު މިއަހަރުގެ މުބާރާތުގައި ވެސް މަޝްހޫރު ފުޓްސަލް ތަރިން ފެންނާނެ އެވެ. އަދި، މުބާރާތުގެ ތައްޔާރީތައް ޓީމުތަކުން މިހާރު އަންނަނީ ފޯރިއާއެކު ވަމުންނެވެ.
މިދިޔަ އަހަރު އޮތް ހަންޏާސް ކަޕްގައި ވާދަކުރީ ފަސް ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ނެކްސަސް ހޯދިއިރު ރަނަރަޕް ޓީމަކީ މިޑްލް ކްރައުޑް އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2023 އަދި 2024 ވަނަ އަހަރު ހޯދީ ލަކުޑި ޓީމެވެ. އެކަމަކު އެޓީމު މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައެއްނުވެ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރީ އެފްސީ ސްލޭޔާސް އެވެ. އެކަމަކު އެޓީމުގެ ނަމުގައި މިއަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ.
ހަންޏާސް ކަޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 800 އެއްހާ މީހުން ދިރިއުޅޭ ހަންޏާސް ކަޕް އެރަށުގެ ގްރޫޕަކުން އިންތިޒާމުކުރާއިރު ހެޔޮ އެދޭ ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބޭކަން އިންތިޒާމުކުރާ ފަރާތުން ވަނީ ހާމަކޮށްފަ އެވެ. އަދި މުބާރާތުގެ ފަރާތުން އަންނަނީ ބައެއް އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މީގެކުރިން ހަންޏާސް ކަޕުން ވަނީ ހަންޏާމީދޫގެ ސްކޫލާއި ސިއްހީ މަރުކަޒުގެ އިތުރުން ލޯފަން ކުދިންގެ ޖަމިއްޔާއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
https://www.fahuminet.com/tournaments/hanyaax-cup-2026
މިއަހަރުގެ މުބާރާތް ފަށަން ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ކުރިން ސްކޫލް ކުދިންގެ ވޮލީބޯލް އަދި ފުޓްސަލް ކޯޗިން ކޭމްޕެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހަންޏާސް ކަޕްގެ އެންމެ ފަހުގެ މައުލޫމާތާއި، މުބާރާތުގެ ލައިވްސްކޯ "ފަހުމިނެޓް" ނޫހުން ގެނެސްދޭގޮަތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރކަން ކުރާނީ ވެސް މި ނޫހުންނެވެ.