އދ. ހަންޏާމީދޫގައި ކުރިއަށްދިޔަ ފްލޯފިކްސް ހަންޏާސް ކަޕްގެ ޗެމްޕިއަންކަން ނެކްސަސް އިން ދިފާއުކޮށްފި އެވެ.
ހަންޏާސް ކަޕްގެ ތަށި ހަންޏާމީދޫ އަށް ނިސްބަތްވާ ނެކްސަސް އިން ހޯދީ އޮމަދޫ އިން މުބާރާތުގައި ވާދަކުރި މިޑްލް ކްރައުޑް 8-0 ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.
މިދިޔަ އަހަރު ވެސް ހަންޏާސް ކަޕްގެ ޗެމްޕިއަންކަން ނެކްސަސް އިން ހޯދީ މިޑްލް ކްރައުޑް ބަލިކޮށްގެންނެވެ. އެ ފައިނަލް މެޗުން ނެކްސަސް މޮޅުވީ 4-1 އިންނެވެ.
ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ވެސް ހިމެނުނު ނެކްސަސް އިން ރޭ ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.
މެޗުގައި ނެކްސަސްގެ އިބްރާހީމް ރިމާހު (ރިމޭ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި އެޓީމުގެ މިފްޒާލް އަބްދުލްހަކީމާއި ޝަނާން ރަޝާދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ ހުސައިން އާނިމް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިމޭ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ޝަނާން އަށެވެ. ނެކްސަސް ޓީމުން ފެނުނު މި ދެކުޅުންތެރިންނަކީ ވެސް ކ. ގާފަރު ފުޓްސަލް ޓީމުގައި ހިމެނޭ ހުނަރުވެރި މޮޅު ދެ ކުޅުންތެރިންނެވެ.
ހަންޏާސް ކަޕްގައި މިއަހަރު ހަތް ޓީމު ވާދަކުރި އެވެ. ހަތް ޓީމު ނިސްބަތްވަނީ އދ. އަތޮޅުގެ ހަތަރު ރަށަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދައިފަ އެވެ.
ހަންޏާސް ކަޕަކީ އދ. ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެރަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރަނީ ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާ އެކު އެވެ. އަދި މިއަހަރުގެ މުބާރާތް އިންތިޒާމުކުރީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ.

ނެކްސަސް އިން 2025 އަދި 2026 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު، 2023 އަދި 2024 ވަނަ އަހަރުގެ ޗެމްޕިއަން ޓީމަކީ ލަކުޑި އެވެ. އެޓީމު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއްނުވެ އެވެ. ހަންޏާސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެފްސީ ސްލެޔާސް އެވެ. ސްލެޔާސް ވެސް މިފަހަރު ވާދަކޮށްފައެއްނުވެ އެވެ.
https://fahuminet.com/tournaments/hanyaax-cup-2026
މިއަހަރުގެ ހަންޏާސް ކަޕްގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ދީފަ އެވެ.
މިއަހަރުގެ ހަންޏާސް ކަޕްގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.