ފްލޯފިކްސް ހަންޏާސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން ނެކްސަސް އާއި މިޑްލް ކްރައުޑް އަދި ރިއަލިޓީ މޮޅުވެއްޖެ އެވެ.
ރޭގެ މެޗަކީ މުބާރާތުގައި މިޑްލް ކްރައުޑް ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން އެޓީމު ފުރަތަމަ މޮޅު ހޯދީ ޒިލެފީއާ ވާދަކޮށް 6-1 އިންނެވެ.
މެޗުގައި މިޑްލް ކްރައުޑްގެ އަލީ ޝާޒް އާއި އަބްދުﷲ ނާހިލް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ބާކީ ދެ ގޯލު ޖެހީ މުހައްމަދު އަބާން އާއި އަހުމަދު އަހުސަމް އެވެ. ޒިލެފީގެ ހަމައެކަނި ގޯލު ޖެހީ ގާސިމް ސައްމާމް އެވެ.
ގްރޫޕް އޭގައި އޮތީ މިޑްލް ކްރައުޑާއި ދަ ކްލަބްގެ އިތުރުން ޒިލެފީ އެވެ. ރޭގެ ނަތީޖާއާ އެކު ޒިލެފީ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެޓީމު ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނީ މިރޭ މިޑްލް ކްރައުޑާއި ދަ ކްލަބް ވާދަކުރާ މެޗުންނެވެ.
ފުރަތަަމަ މެޗުގައި ނެކްސަސް އަތުން ބަލިވިޔަސް ރިއަލިޓީން ރޭ ވަނީ ކަޓައްޕާ އެފްޓީ 4-5 އިން ބަލިކޮށްފަ އެވެ.
ވާދަވެރި ކުޅުމަކަށް ފަހު ރިއަލިޓީ މޮޅުވި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އިމްރާން، ދެ ގޯލު ޖެހި އަޒްޔާން އިބްރާހީމް، އާދަމް އާޒިމް އަދި އިސްމާއީލް ޝިޔާޒް އެވެ. ކަޓައްޕާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިސްމާއީލް ނަޒީރު އެވެ. އަނެއް ދެ ގޯލު ޖެހީ ލުޖައިން ހަސަން ރަފީއު އާއި މުހައްމަދު އަފްލާމް އަލީ އެވެ.

ފުރަތަމަ މެޗުގައި ރިއަލިޓީ އަތުން 5-0 އިން މޮޅުވި ނެކްސަސް އިން ރޭ ވެސް ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ. ރޭ ނެމިސް ސްޕޯޓްސް ކްލަބާ ވާދަކޮށް ނެކްސަސް މޮޅުވީ 1-7 އިންނެވެ.
މި މެޗުގައި ނެކްސަސްގެ ހަތް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޝަނާން ރަޝީދު އެވެ. ޝަނާން ވަނީ ފުރަތަމަ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން އަލީ އަހްލާމް، އިބްރާހީމް ރިމާހު، މުހައްމަދު ޝާމް ސައިފުﷲ، މިފްޒާލް އަބްދުއްހަސީބު އަދި އަހުނަފް ޒާހިރު ވަނީ ގޯލު ޖަހައިފަ އެވެ. ނެމިސްގެ ހަމައެކަނި ގޯލަކީ ނެކްސަސްގެ އަލީ އަހުލާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވީ ނެކްސަސް އެވެ. ރިއަލިޓީ އާއި ނެމިސް އަށް 3 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ކަޓައްޕާ އެފްޓީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ފްލޯފިކްސް ހަންޏާސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ މިއަދު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ކަޓައްޕާ އެފްޓީ ނުކުންނާނީ ނެކްސަސްއާ ދެކޮޅަށެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ނެމިސް އާއި ރިއަލިޓީ ވާދަކުރާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ކުޅޭނީ މިޑްލް ކްރައުޑާއި ދަ ކްލަބް އެވެ.
ސެމީ ފައިނަލް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭގެފަހުން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.