އޭދަފުށި ކަޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ އިރުމަތި އެފްސީ އިން ހޯދައިފި އެވެ.
އިރުމަތި ފައިނަލުގެ ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ސެމީ މެޗުގައި 0-5 އިން ހުސް ސޮނގުން ފުޓްބޯޅަ ކްލަބް ބަލިކޮށްގެންނެވެ.
މޮޅާ އެކު އިރުމަތި އެފްސީ ފައިނަލުގައި ވާދަކުރާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބާ އެވެ. މިދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ފައިނަލުގައި ވާދަކުރީ ވެލާ އާއި އިރުމައްޗެވެ. މިއީ މި ދެޓީމު ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފަހަރެވެ.
މެޗުގައި ހުސް ސޮނގުންނަށް ވުރެ އިރުމަތި އެފްސީ ފެނުނީ މާބޮޑަށް ވެސް ވަރުގަދަކޮށެވެ. ހާއްސަކޮށް އެޓީމު އެޓޭކަށް އަރާ ވަގުތު އުފައްދާ ހަމަލާތައް ނުރައްކަލެވެ. މުބާރާތުގައި މީގެކުރިން ކުޅުނު މެޗުތަކާ އަޅާބަލާއިރު ހުސް ސޮނގުން ޓީމުގެ ފަރާތުން ފެނުނީ އުންމީދުކުރި ވަރުގެ ކުޅުމެއް ނޫނެވެ.
އިރުމަތީގެ ފަސް ގޯލު އެޓީމަށް ކާމިޔާބުކުރީ ފަސް ކުޅުންތެރިންނެވެ. އެއީ ބިދޭސީ ފޯވާޑް ބޯޑޫ ޕްރިންސް އާއި އުނައިޝް ޒުބައިރުގެ އިތުރުން ރައްޒާން ރަޝީދު އަދި އިމްތިޝާލް އަބްދުއްރަހީމާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.
އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް އެންމެ ފުރަތަމަ ފައިނަލުގައި ވާދަކުރީ 2024 ވަނަ އަހަރު އެވެ. އެފަހަރު ވެލާ މޮޅުވީ 1-5 އިންނެވެ. އެ މެޗުގައި ވެލާގެ މުހައްމަދު ފާސިރު (ފާއްޓެ) ހަތަރު ގޯލު ޖެހި އެވެ. މިފަހަރު ވެސް ފާއްޓެ ފެންނަނީ ވެލާ ޓީމުންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެލާ އިން އިރުމަތި ބަލިކުރީ ވާދަވެރި ކުޅުމަކަށް ފަހު 2-1 އިންނެވެ.
https://fahuminet.com/tournaments/eydhafushi-cup-2026
މިއަހަރުގެ ފައިނަލަށް ދެ ޓީމު ނުކުންނައިރު، ލީގު ބުރުގައި އިރުމަތި އެފްސީއާ ވާދަކޮށް ވެލާ ވަނީ 2-0 އިން މޮޅުވެފަ އެވެ.
ތިން ވަނަ ފަހަރަށް ތަށި ހޯދަން ވެލާ ވަނީ މިފަހަރު އިތުރަށް ވަރުގަދަކޮށްފަ އެވެ. އެކަމަކު މިދިޔަ ދެ އަހަރުގެ ފައިނަލުގެ ތަޖުރިބާއާއެކު އިރުމަތި ޓީމުގައި ވެސް އެރަށާއި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން އެބަތިއްބެވެ.
އިރުމަތި އެފްސީ އާއި ވެލާ ވާދަކުރާ ތިން ވަނަ ފައިނަލް އޮންނާނީ މާދަމާ ހަވީރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ.