ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ދެ އަވައްޓެރިންގެ ކުރިމަތިލުމުން އޭދަފުށި ކަޕް މާދަމާ ފަށަނީ
ވާދަވެރި ދެ އަވައްޓެރިންގެ ކުރިމަތިލުމުން އޭދަފުށި ކަޕް މާދަމާ ފަށަނީ
މިދިޔަ އަހަރުގެ ފައިނަލުގައި ވެލާ ސްޕޯޓްސް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ވެލާ ސްޕޯޓްސް

ވާދަވެރި ދެ އަވައްޓެރިންގެ ކުރިމަތިލުމުން އޭދަފުށި ކަޕް މާދަމާ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން 4 ސެޕްޓެމްބަރު 2026

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ބ. އޭދަފުށީގައި ބާއްވާ އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތް، ވާދަވެރި ދެ އަވައްޓެރިންގެ ކުރިމަތިލުމާއެކު ފަށަން ތައްޔާރުވެއްޖެ އެވެ. 

އޭދަފުށި ކަޕްގައި މިއަހަރު ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ފުޓްބޯޅަ ޓީމުގެ އިތުރުން އިރުމަތި އެފްސީ އަދި ޓީމް މިޑްލް އީސްޓް އެވެ. 

މުބާރާތް ކުޅޭނީ އޭދަފުށީގައި އަމިއްލަ ވިޔަފާރިވެރިއަކު ތަރައްގީކޮށްފައިވާ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ. 

މިފަހަރުގެ މުބާރާތަށް ވެލާ ސްޕޯޓްސް ނުކުންނަނީ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ހޯދާށެވެ. އޭދަފުށީގެ ފުޓްބޯޅައިގައި މީގެކުރިން ފުޓްބޯޅަ މުބާރާތެއް ތިން ފަހަރު ކާމިޔާބުކުރެވުނީ އެންމެ ޓީމަކަށެވެ. އެއީ ދެހާހުގެ ކުރީކޮޅު އިރުމަތިން ނުކުތް ޓީމެވެ. އޭރު އެރަށުގައި މި މުބާރާތް ކުޅޭނީ އީދު ބަންދުގަ އެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ފުޓްބޯޅަ ޓީމެވެ. މިއީ އެރަށުގެ އެއް އަވަށަކަށް ނިސްބަތްވާ އަވައްޓެރި އަދި ވާދަވެރި ދެ ޓީމެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

މެޗުތައް ކުރިއަށްދާނީ ލީގު ބުރެއް ގޮތަށް އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެ ވަަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ބަޔަކަށެވެ. 

އޭދަފުށި ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހަވީރު އެވެ. 

އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތް ފެށީ 2021 ވަނަ އަހަރު އެވެ. ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ އެރަށު އެމްއޭ ޔުނައިޓެޑެވެ. ތިން ވަނަ މުބާރާތުގެ ޗެމްޕިއަންކަން ހުސް ސޮންގުން ހޯދިއިރު މިދިޔަ ދެ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެލާ ސްޕޯޓްސް އިންނެވެ. 

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ވެލާ ސްޕޯޓްސް އާއި ހުސް ސޮންގުން ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings