ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ރަށުގައި ކުރިއަށްދިޔަ ވާދަވެރި ފުޓްބޯޅަ މުބާރާތް، އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އިރުމަތި އެފްސީ އިން ހޯދައިފި އެވެ.
އިރުމަތި ޗެމިއަންކަން ހޯދީ މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި ކާމިޔާބުކުރަން ނުކުތް ވެލާ ސްޕޯޓްސް ކްލަބާ ވާދަކޮށް މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. އެއަށްފަހު ނޭވާހިފަހައްޓާލަން ޖެހުނު ޕެނަލްޓީ ޝޫޓްއައުޓްގައި އިރުމަތި ކުރި ހޯދީ 8-7 އިންނެވެ.
އެތައް ސަތޭކަ ސަޕޯޓަރުންނާއެކު، ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް ބެލުމަށް އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ދަނޑަށް ގޮސްފަ އެވެ. ސަޕޯޓަރުންގެ ޖޯޝާއި ފޯރި މި މެޗުގައި ގަދަވި އެއް ސަބަބަކީ ވެލާ ސްޕޯޓްސް އިން ތިން ވަނަ ތަށި ހޯދަން ނުކުތުމާ އެކު އިރުމަތިން އެކަން ހުއްޓުވުމުގެ އަޒުމެއް އޮތުމެވެ.
މި ދެޓީމުގައި ހިމަނާފައިވާ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން (ބިޑި) ވަނީ މެޗުގައި ކުޅެފަ އެވެ. ނިއު ރޭޑިއަންޓުގެ ސެންޓޭ ވެލާ ސްޕޯޓްސް އަށް ކުޅުނުއިރު މާޒިޔާގެ ހައިޝަމް ކުޅުނީ އިރުމަތި ޓީމަށެވެ. ދެކުޅުންތެރިން އުފަން ރަށުގައި ކުޅުނު ފައިނަލް މެޗުގައި ކުޅުމަށް ދިޔައިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ލީގު މެޗުތައް ވެސް މިދުވަސްވަރު ކުރިއަށްދެ އެވެ.
މިއަދުގެ ފައިނަލުގައި ލީޑު ނެގީ އިރުމަތިންނެވެ. މި ގޯލު 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުނައިޝް ޒުބައިރު އެވެ. ވެލާ ސްޕޯޓްސްގެ ކެޕްޓަން ހުސައިން ޝަރީފް (މުޑާ) އޭރިޔާތެރޭ ހުރެ ދިފާއުކޮށް ފޮނުވާލި ބޯޅަ އުނައިޝް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.
އިރުމަތީގެ ގޯލަށް ފަހު ވެލާ އިން އިތުރަށް ކުރިއަށްޖެހި 23 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. އޭރިޔާ ބޭރުން ސެންޓޭގެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފުގައި ގޯލެއް ނުފެނުނުއިރު، އެއްވަރުވުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓް ވެގެންދިޔައީ ނޭވާ ހިފަހައްޓާލަން ޖެހުނު އާދަޔާހިލާފު ޝޫޓްއައުޓަކަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީ އިރުމަތީގެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަތުން ވަނީ ބޭކާރުވެފަ އެވެ. ބައްކު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އޭގެފަހުން ވެލާ ސްޕޯޓްސް އިން ވަނީ ޖެހިޖެހިގެން ހަތަރު ޕެނަލްޓީ ވައްދާލައިފަ އެވެ. އަދި އިރުމަތިން ވެސް ދިޔައީ ޕެނަލްޓީތައް ކާމިޔާބުކުރަމުންނެވެ.
ލީޑުގައި އޮވެ ފަސް ވަނަ ޕެނަލްޓީ ވައްދާލައިގެން ވެލާ ސްޕޯޓްސް އަށް ތާރީހީ ތަށި ހޯދަން ފުރުސަތު ލިބުނެވެ. އެކަމަކު އެޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ، ކެޕްޓަން މުޑާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިންނެވެ. ފަސް ޕެނަލްޓީ އަށް ފަހު ދެން ޖެހި ހަތަރު ޕެނަލްޓީ ވެސް އިރުމަތިން ކާމިޔާބުކުރި އެވެ. އިރުމަތި އެފްސީ އަށް ޗެމްޕިއަންކަން ޔަގީންވީ، ވެލާ ސްޕޯޓްސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ޕެނަލްޓީ މަތިން ދިއުމުންނެވެ.
ޕެނަލްޓީން ހޯދި މޮޅަށް ފަހު އިރުމަތި ޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މިއީ އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އިރުމަތިން ހޯދި ފުރަތަމަ ފަހަރެވެ.
އޭދަފުށި ކަޕްގެ ހަ ވަނަ މުބާރާތް މިއަދު ނިމުނުއިރު، ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ އެމްއޭ ޔުނައިޓެޑެވެ. ތިން ވަނަ މުބާރާތް ކާމިޔާބުކުރީ ހުސް ސޮނގުން ފުޓްބޯޅަ ޓީމެވެ. ހަތަރު ވަނަ މުބާރާތާއި ފަސް ވަނަ މުބާރާތް ކާމިޔާބުކުރީ ވެލާ ސްޕޯޓްސް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިރުމަތީގެ އިސްމާއީލް ފައުޒީ (އޮއްވި) އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެލާ ސްޕޯޓްސްގެ ސައްޓު އެވެ. ސައްޓު ވަނީ މުބާރާތުގައި ހަތަރު ގޯލު ޖަހައިފަ އެވެ.
އޭދަފުށި ކަޕްގެ މިއަހަރުގެ ފެއާޕްލޭ ޓީމަކީ ޗެމްޕިއަންކަން ވެސް ހޯދި އިރުމަތި އެފްސީ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އިރުމަތި އެފްސީ އަށް ތަށި ހޯދައިދިން ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ.
https://fahuminet.com/tournaments/eydhafushi-cup-2026
އޭދަފުށި ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ވެލާ ސްޕޯޓްސްގެ އިބްރާހީމް ނަދީމް އާދަމް އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ.
މުބާރާތުގެ އެންމެ ޝަރަފްވެރި މަގާމް، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިރުމަތި އެފްސީ އަށް ކުޅުނު ބައްކު އެވެ.