DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ތިން ވަނަ ފައިނަލުން ބަލިނުވާން އިރުމަތި ނުކުންނައިރު، ވެލާ ސްޕޯޓްސް ތާރީހީ ކާމިޔާބެއްގެ އުންމީދުގައި
ތިން ވަނަ ފައިނަލުން ބަލިނުވާން އިރުމަތި ނުކުންނައިރު، ވެލާ ސްޕޯޓްސް ތާރީހީ ކާމިޔާބެއްގެ އުންމީދުގައި
ވެލާ ސްޕޯޓްސް އާއި އިރުމަތި އެފްސީ ލީގު ބުރުގައި ކުޅުނު މެޗުގެ ތެރެއިން. ވާދަވެރި ފައިނަލަކަށް މި ދެޓީމު މިއަދު ހަވީރު ނުކުންނާނެ. ފޮޓޯ: އޭދަފުށި ކައުންސިލް

ތިން ވަނަ ފައިނަލުން ބަލިނުވާން އިރުމަތި ނުކުންނައިރު، ވެލާ ސްޕޯޓްސް ތާރީހީ ކާމިޔާބެއްގެ އުންމީދުގައި

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 16 ސެޕްޓެމްބަރު 2026

 

އޭދަފުށި ކަޕްގެ ފައިނަލްގައި މިއަދު ހަވީރު ވެލާ ސްޕޯޓްސް ކްލަބާއި، އިރުމަތި އެފްސީ ވާދަކުރާއިރު މި މެޗަކީ އޭދަފުށިގެ ފުޓްބޯޅައިގެ ތާރީހް ބަދަލުވުމާއި، ނުވުން ގުޅިފައި އޮތް މުހިންމު މެޗެކެވެ.

ރަށުގެ ހުޅަނގު އަވަށަށް ނިސްބަތްވާ ވެލާ ސްޕޯޓްސް  އިން މިއަދުގެ މި މުހިންމު މެޗަށް ނުކުންނާނީ މި މެޗު ކާމިޔާބުކޮށް ކާމިޔާބުކޮށް އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދާ ދެވަނަ ޓީމުގެ ޝަރަފް ހޯދާށެވެ. މި ޝަރަފް މިހާތަނަށް ހޯދާފައި އޮތް ހަމައެކަނި ޓީމަކީ ވެލާއާ ފައިނަލްގައި މިއަދު ވާދަކުރާ އިރުމަތި އެފްސީ ނިސްބަތްވާ އިރުމަތި އަވަށުން މީގެ އަހަރުތަކެއް ކުރިން މުބާރާތްތަކުގައި ވާދަކުރަމުން އައި ސައިނޯސާ އެފްސީ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވެލާ ސްޕޯޓްސް ކްލަބާ ދެކޮޅަށް އިރުމަތި އެފްސީއިން މިއަދު ނުކުންނާނީ އެ ޓީމު ނިސްބަތްވާ އަވަށަށް ލިބިފައި އޮތް ފަހުރު ދަމަހައްޓަން އެކަންޏެއް ނޫނެވެ. އިރުމަތި އެފްސީއަށް މުބާރާތް ކާމިޔާބުކުރަން މިދިޔަ ދެ އަހަރު ލިބުނު ފުރުސަތު ގެއްލުނީ ފައިނަލްގައި ވެލާއާ ވާދަކޮށް ބަލިވުމުންނެވެ. އަނެއްކޮޅުން އޭދަފުށި ކަޕްގެ ހަ ވަނަ މުބާރާތް މިއަހަރު ކުޅޭއިރު މިއީ ވެލާ ސްޕޯޓްސް ފައިނަލުގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. 

މިދިޔަ ދެ އަހަރުވެސް އިރުމަތި އެފްސީގައި ހިމެނުނު ގިނަ ކުޅުންތެރިންނާއެކު މިއަދުގެ ފައިނަލަށް ނުކުންނައިރު މިދިޔަ ދެ އަހަރުގެ ފައިނަލުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލަން އެޓީމުން ބޭނުންވާނެކަން ޔަގީނެވެ.

އޭދަފުށި ކަޕްގެ ފައިނަލްގައި 2024 ވަނަ އަހަރު މި ދެ ޓީމު ވާދަކުރި ފައިނަލް މެޗު ފަސޭހަ ކަމާއެކު 1-5 އިން ކާމިޔާބުކުރި ނަމަވެސް މިދިޔަ އަހަރު މި ދެ ޓީމު ވާދަކުރި ފައިނަލް މެޗު ވެލާއަށް ކާމިޔާބުކުރެވުނީ 1-2 އިންނެވެ. މިފަހަރުގެ މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައި މި ދެޓީމު ވާދަކުރި މެޗު 0-2 އިން ކާމިޔާބުކޮށްފައިވަނީ ވެލާ ސްޕޯޓްސް ކްލަބެވެ.

ފައިނަލުގެ ޖާގަ ވެލާ ކަށަވަރުކުރީ ލީގު ބުރުގެ ތިން މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމުން ތިން މެޗުގައި 10 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެހެންވެ ލީގު ބުރުގެ ނަތީޖާތަކަށް ބަލާއިރު ވެލާ އޮތީ މާބޮޑަށް ވެސް ވަރުގަދަކޮށެވެ. 

ވެލާ ޓީމުގެ ނަތީޖާތައް ރަނގަޅުވުމުގެ ފަހަތުގައި އޮތީ އެޓީމުގެ ވަރުގަދަ ސްކޮޑެވެ. އޭދަފުށި ކަޕަށް އަބަދުވެސް ދުރާލާ ތައްޔާރުވާ ވެލާ ސްޕޯޓްސްގެ މެނޭޖްމަންޓުން މިފަހަރު ޓީމު އެކުލަވާލީ ސީދާ ތިން ވަނަ ތަށި ހޯދުމަށް އަމާޒުހިފައިގެންނެވެ.

އެޓީމުގައި ތިބި ތަރިންނަށް ބަލާއިރު އެންމެ ފާހަގަކުރެވެނީ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މި ދެކުޅުންތެރިންނަކީ އޭދަފުށީގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނެވެ. މިފަހަރުގެ މުބާރާތުގައި ސައްޓު ހަތަރު ގޯލު ޖަހާފައިވާއިރު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ސައްޓު އެވެ. ފާއްޓެ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވެސް ތަރިއެކެވެ. ފާއްޓެއާ އެކު އޭނާގެ ކޮއްކޮ އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ވެސް ވެލާ ސްޕޯޓްސް ޓީމުގައި ވަނީ ހިމަނައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސެންޓޭ މިއަދު ވެލާ ސްޕޯޓްސް ޓީމުން ފެންނާނެ އެވެ. 

ސެންޓޭގެ އިތުރުން މާޒިޔާ އަށް ކުޅޭ އޭދަފުށީގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ވެލާ ސްޕޯޓްސްގައި ހިމެނެ އެވެ. އަދި ވެލާ ސްޕޯޓްސްގެ ކެޕްޓަންކަމުގެ ޒިންމާ ނަގަމުން އަންނަ ހުސައިން ޝަރީފް (މުޑާ) އަކީ ވެސް އެޓީމުގެ މުހިންމު ތަނބެކެވެ. އަދި ރަށުން ބޭރުން އެޓީމުގައި ހިމެނި ހާޒިމް ފައުޒީގެ ދައުރުގެ ވެސް މިފަހަރުގެ މުބާރާތުގައި ބޮޑެވެ. 

ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން، އޭދަފުށީގެ ފުޓްބޯޅައިގައި ހުނަރުގެ ގޮތުން މިހާރު ފާހަގަކޮށްލެވޭ އަހުމަދު ޖައުޝަން އަބްދުﷲ ވެސް އަންނަނީ ވެލާ ސްޕޯޓްސްގައި މިފަހަރު މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގައި މިހާތަނަށް ޖެހި ތިން ގޯލާ އެކު ޖައުޝަން އޮތީ ލަނޑު ލިސްޓުގެ ދެ ވަނައިގަ އެވެ. އޭދަފުށީގެ ކުޅުންތެރިންގެ އިތުރުން ވެލާ ސްޕޯޓްސް އިން މިފަހަރުގެ ޓީމުގައި ވަނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ވެސް ހިމަނައިފަ އެވެ. 

ވެލާ ސްޕޯޓްސް އާއި އިރުމަތި އެފްސީ ލީގު ބުރުގައި ކުޅުނު މެޗުގެ ތެރެއިން. ވެލާގެ ރެކޯޑް ހުއްޓުވަން އިރުމަތީ އެފްސީ އަށް މިއަދު އޮތީ ވަރުގަދަ ޗެލެންޖެއް. ފޮޓޯ: އޭދަފުށި ކައުންސިލް
ވެލާ ސްޕޯޓްސް އާއި އިރުމަތި އެފްސީ ލީގު ބުރުގައި ކުޅުނު މެޗުގެ ތެރެއިން. ވެލާގެ ރެކޯޑް ހުއްޓުވަން އިރުމަތީ އެފްސީ އަށް މިއަދު އޮތީ ވަރުގަދަ ޗެލެންޖެއް. ފޮޓޯ: އޭދަފުށި ކައުންސިލް

ކުޅުންތެރިން އުފައްދައި އެކުޅުންތެރިންގެ ބޭނުން އެންމެ މޮޅަށް ހިފާ އެއް ކޯޗު، އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ކޯޗުކަމުގައި ނުކުންނަ އިރުމަތި އެފްސީގައި ވެސް އޮތީ ފައިނަލުގައި ވާދަކޮށް ވެލާ ސްޕޯޓްސް އަށް ރަނގަޅު ޗެލެންޖެއް ދެވޭނެ ޓީމެކެވެ. އިރުމަތި އެފްސީ ފައިނަލުގެ ޖާގަ ހޯދީ ލީގު ބުރުގެ ދެ ވަނަ ހޯދައި ސެމީ މެޗުގައި ހުސް ސޮނގުން ބަލިކޮށްގެންނެވެ. 

އެޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އެއް މެޗު އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފަ އެވެ. ހަތަރު މެޗުގައި 9 ގޯލު ޖެހިއިރު ބައިކޮޅަށް 5 ގޯލު ވަނީ ވަދެފަ އެވެ. 

އިރުމަތި ޓީމުގައި އޭދަފުށީގެ މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ބިދޭސީ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. އެޓީމު ފައިނަލަށް ކުރި ދަތުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ފުޓްސަލް އާއި ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. ބައްކު ވަނީ މިހާތަނަށް ތިން ގޯލު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އެޓީމުގެ ފަހަތް ބަލަހައްޓަމުން ރައްޒާން ރަޝީދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. 

ރާއްޖޭގެ ފުޓްބޯޅައިގައި މީގެކުރިން ފެނުނު ބިދޭސީ ފޯވާޑް ބޯޑޫ ޕްރިންސް ވެސް އަންނަނީ އިރުމަތި ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ޓީމުގައި ހިމަނާފައިވާ އެންމެ މަޝްހޫރު ނަމަކީ މާޒިޔާ އާއި ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން އެވެ. ސެންޓޭ އެކޭ އެއްގޮތަށް ހައިޝަމް މިއަދުގެ މެޗުގައި ކުޅޭނެތޯ އެއީ އަދި ޔަގީންނުވާ ކަމެކެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

އިރުމަތި އެފްސީގެ އެހެން ކުޅުންތެރިންނަށް ބަލާއިރު އަލީ ނަސީމް އާއި އުނައިޝް ޒުބައިރު އަދި އިސްމާއީލް ފައުޒީ ފާހަގަކޮށްލެވެ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް އޭދަފުށީގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. 

އޭދަފުށި ކަޕްގެ ވަރުގަދަ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭއިރު، ދަނޑުގެ ޓިކެޓްތައް މިހާރު ވަނީ ހުސްވެފަ އެވެ. ފައިނަލް މެޗުގެ ޓިކެޓް ގަތުމަށް އިއްޔެ ބޯ ވިއްސާރައިގައި ވެސް އެރަށުގައި ދަމާލީ ދިގު ކިއޫއެކެވެ. 

އޭދަފުށި ކަޕްގެ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 3:45 ގަ އެވެ. މި މެޗުގެ ލައިވްސްކޯ ފަހުމިނެޓުން ގެނެސްދޭނެ އެވެ. 

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings