އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އުތުރުގެ ޒޯން ދޭއްގައި މިއަދު ހަވީރު ރ. ދުވާފަރުން ބ. އޭދަފުށި ބަލިކޮށްފި އެވެ.
މަނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު ދުވާފަރުން ކާމިޔާބުކުރީ 2-1 އިންނެވެ.
އުތުރުގެ ޒޯން ދޭއްގައި ހަތް ރަށަކުން އަންނަނީ ވާދަކުރަމުންނެވެ. މިއަދު ހަވީރު ކުޅުނު ދުވާފަރާއި އޭދަފުށި ހިމެނެނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނ. އަތޮޅުގެ ޗެމްޕިއަން މަގޫދޫ އެވެ.
މިއަދުގެ މެޗު ފަށައިގެން އޭދަފުށިން މޮޅަށް ކުޅެމުން ދަނިކޮށް ދުވާފަރުން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް އަނާން އަލީ އެވެ. އަނާން އަށް އޭރިޔާ ބޭރުން ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
ދުވާފަރުން ލީޑު ނެގުމުން އޭދަފުށިން އަނެއްކާވެސް ކުރިއަށްޖެހި ހަމަލާތައް ވަރުގަދަކުރި އެވެ. އެކަމަކު މި ހަމަލާތަކުގެ ބޭނުންނުހިިފި އުޅެނިކޮށް ދުވާފަރުން ދެ ވަނަ ގޯލެއް ވައްދާލި އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މުސްލިމް މުހައްމަދެވެ. ދުވާފަރު ކުޅުންތެރިޔާ މަތިން ފޮނުވާލި ބޯޅަ އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު އަތުގައި ޖެހިފައި، ހުރަސް ދަނޑީގައި ވެސް ޖެހިފައި ވެއްޓުނު ބޯޅަ މުސްލިމް ގޯލަށް ވައްދާލީ ފަސޭހަކަމާއެކު ބޮލުން ޖަހަ އެވެ.
ދެ ވަނަ ހާފު ދެ ގޯލު ފަހަތުގައި އޮވެގެން ފަށައި، އޭދަފުށީގެ މުޅި ޓީމު ކުޅުނީ ފުލް އެޓޭކުގަ އެވެ. މި ހާފުގައި އޭދަފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. އޭރިޔާތެރޭ ހުރެ ބައްކު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ދުވާފަރުގެ ގޯލްކީޕަރު އަތުގައި ޖެހިފަ އެވެ.
އޭދަފުށިން ފުލުފުލުގައި އެޓޭކުތައް އުފައްދަމުން ގޮސް މެޗުގެ ފަހު މިނެޓާ ގާތްވިއިރު އެޓީމަށް ދުރު ޕެނަލްޓީ އެއް ވެސް ލިބުނެވެ. އެކަމަކު އިތުބާރު ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓެ) ފޮނުވާލި ޕެނަލްޓީ ދުވާފަރުގެ ކީޕަރު ނަދީމް ފައިން މަތަކުރީ އެވެ.
ދެ ވަނަ ހާފު އެއްކޮށްހެން ޑިފެންސްކޮށްގެން ކުޅުނު ދުވާފަރުން ވަނީ މެޗުގެ ފަހު ކަށިގަނޑާއި ހަމައަށް ލީޑުގައި އޮވެ ނިންމާލާފަ އެވެ.
https://www.fahuminet.com/tournaments/fam-futsal-north-zone-2
ތިން ޓީމު ހިމެނޭ ގްރޫޕުގައި ވަރުގަދަ އޭދަފުށި ބަލިކުރެވުމަކީ ދުވާފަރަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން އެޓީމުން މިއަދު އޭދަފުށީގެ މައްޗަށް ކުރި ހޯދީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު އިސާމް (ޝަންޓޭ) ނުލަ އެވެ.
އުތުރުގެ ޒޯން ދޭއްގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް އޭގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި މަނަދޫ އާއި ތުޅާދޫ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ހިންނަވަރާއި އިނގުރައިދޫ ވާދަކުރާނެ އެވެ.
މި މެޗުތަކުގެ އިތުރުން އުތުރުގެ ޒޯން އެކެއްގެ މެޗުތައް ވެސް މާދަމާ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.