އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން އެކެއްގެ ކުޅުން އިއްޔެ ފެށިއިރު، ފުރަތަމަ މެޗުތަކުން އއ. މަތިވެރި އާއި ކ. ގާފަރު މޮޅުވެއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ފުޓްސަލް ޗެމްޕިއަންޝިޕްގެ ކުޅުން އިއްޔެ އަލުން ފެށީ މެދުކެނޑުމަކަށް ފަހު އެވެ. މުބާރާތުގެ ކުޅުން މެދުކަނޑާލީ ޗައިނާގައި ގައުމީ ފުޓްސަލް ޓީމު ކުޅުނު މުބާރާތަށެވެ.
ސެންޓްރަލް ޒޯން އެކެއްގެ މެޗުތައް ކުރިއަށްދަނީ ކ. ހިންމަފުށީގަ އެވެ. މި ޒޯނުގައި ދެ ގްރޫޕް ހިމެނޭއިރު ގްރޫޕް އޭގައި ހިމެނެނީ އއ. މަތިވެރި، އއ. ބޮޑުފޮޅުދޫ އަދި ކ. ހިންމަފުއްޓެވެ. ގްރޫޕް ބީގައި ހިމެނެނީ ކ. ގާފަރު، އދ. މަންދޫ އަދި އދ. ދަނގެއްޗެވެ.
މުބާރާތުގައި އިއްޔެ ކުޅުނީ ގްރޫޕް އޭގެ ފުރަތަމަ މެޗާއި ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މީގެތެރެއިން ގްރޫޕް އޭގައި ހިމެނޭ، މުބާރާތް ހޯސްޓްކުރާ ހިންމަފުއްޓާ ވާދަކޮށް މަތިވެރި ވަނީ 4-2 އިން މޮޅުވެފަ އެވެ. އަދި ގްރޫޕް ބީގައި ދަނގެއްޗާ ވާދަކޮށް ގާފަރު ވަނީ 0-1 ގެ އުނދަގޫ މޮޅެއް ހޯދައިފަ އެވެ.
މަތިވެރިން ކުރި ހޯދި މެޗުގައި އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަފުރާޒު އާއި މުހައްމަދު ޒާހިދު ސައީދުގެ އިތުރުން އަހުމަރު ފިރާޝް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް ނަސީމް އެވެ. މެޗުގައި ހިންމަފުށީގެ ހަމައެކަނި ގޯލު ޖެހީ އަލީ ސާޖިދު އެވެ.

ދަނގެއްޗާ ވާދަކޮށް ގާފަރު މޮޅުވި މެޗުގެ ހަމައެކަނި ގޯލު ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ މާއިސް (މައްޓު) އެވެ. މި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ދަނގެތީގެ ގޯލްކީޕަރު އަހުމަދު މާހިން މުހައްމަދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މައްޓު އެވެ.
ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ މެޗުތައް ކުޅުމަށް ފަހު ޒޯން ބުރުގައި އެންމެ ފުރަތަމަ ކުޅުނީ ނޯތު ޒޯން އެކެއް އަދި ދޭއްގެ މެޗުތަކެވެ. މި މެޗުތަކަށް ފަހު އުތުރުން ރީގަން ލީގަށް ކޮލިފައިވީ ޒޯން އެކެއްގެ ޗެމްޕިއަން ހދ. ނައިވާދޫ އާއި ރަނަރަޕް ހއ. އިހަވަންދޫގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަން ރ. ދުވާފަރު އަދި ރ. އިނގުރައިދޫ އެވެ.
https://www.fahuminet.com/tournaments/fam-futsal-central-zone-1
ނޯތު ޒޯނުން ކޮލިފައިވި ހަތަރު ޓީމު ދެން ކުޅޭނީ ސަރަހައްދީ ލީގުގަ އެވެ. ސެންޓްރަލް ޒޯން އެކެއްގެ ކުޅުން އިއްޔެ ހިންމަފުށީގައި ފެށިއިރު މާދަމާ ޒެންޓްރަލް ޒޯން ދޭއްގެ ކުޅުން ދ. ކުޑަހުވަދޫގައި ފަށާނެ އެވެ. އަދި، މާދަމާ ރޭ ސައުތު ޒޯން އެކެއްގެ ކުޅުން ތ. ތިމަރަފުށީގައި ފަށާއިރު ސައުތު ޒޯން ދޭއްގެ ކުޅުން ފުވައްމުލައް ސިޓީގައި ފަށާނެ އެވެ.
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ މެޗުތަކަށް ފަހު ދެން ކުރިއަށްދާނީ ރީޖަން ލީގުގެ މެޗުތަކެވެ.