DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އޯކޭ ބޯއީޒް އުފުލާލައިފި
ގާފަރު ކައުންސިލް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އޯކޭ ބޯއީޒް އުފުލާލައިފި
ގާފަރު ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އޯކޭ ބޯއީޒް އިން އުފުލާލަނީ. ފޮޓޯ: ގާފަރު ކައުންސިލް

ގާފަރު ކައުންސިލް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އޯކޭ ބޯއީޒް އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން • 1 ނޮވެމްބަރު 2026

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޯކޭ ބޯއީޒް ހޯދައިފި އެވެ. 

އޯކޭ ބޯއީޒް ޗެމްޕިއަންކަން ހޯދީ ރޭ ގާފަރު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީގައި ހަންޓާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މެޗުގެ ފުރިހަަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އޯކޭ ބޯއީޒް ކުރި ހޯދީ 4-5 އިންނެވެ. 

ރޭގެ މެޗުގެ ފުރަތަމަ ގޯލު 30 ވަނަ މިނެޓުގައި ޖެހީ ހަންޓާސްގެ މުހައްމަދު ސާއިން އެވެ. ހަންޓާސް މޮޅުވާން ދަނިކޮށް އޯކޭ ބޯއީޒް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ "ފަހުމިނެޓް" ގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޚަމީސް ރަޝީދު އެވެ. އަލީ ހާފިޒް (ހާއްޕެ) ދިން ހިތްގައިމު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޚަމީސް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. 

ޕެނަލްޓީގައި އޯކޭ ބޯއީޒް އިން އެޓީމުގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ހަންޓާސް ވެސް ފުރަތަމަ ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އެކަމަކު ފަހު ޕެނަލްޓީ ބޭރަށް ދިއުމާ އެކު އޯކޭ ބޯއީޒް އަށް ޗެމްޕިއަންކަން ޔަގީންވި އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ގާފަރު ކައުންސިލް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ގާފަރު ކައުންސިލް

މިއީ އޯކޭ ބޯއީޒް އަށް ގާފަރު ފުޓްސަލްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ ދެ އަހަރުގެ މުބާރާތުގައި ވެސް އެޓީމު ބަލިވީ ފައިނަލުންނެވެ. ދެ ފައިނަލުގައި ވެސް އޯކޭ ބޯއީޒް ބަލިވީ ވާދަވެރި އެކްސް ބޯއީޒްއާ ވާދަކޮށް 1-0 އިންނެވެ. 

މުބާރާތުގެ ކުރިން މި ނޫހަށް ދިން އިންޓަވިއުގައި އޯކޭ ބޯއީޒް ޓީމުން ބުނީ، މިފަހަރު އެޓީމު އެކުލަވާލީ މުހިއްމު ކުޅުންތެރިއަކަށް ނުކުޅެވުނަސް އެކުޅުންތެރިން ރީޕްލޭސް ކުރެވޭ ވަރަށް ސްކޮޑް ވަރުގަދަކޮށްގެން ކަމަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުން އެކަން ސާބިތު ވެސް ކޮށްދިނެވެ. ޗެމްޕިއަންކަން ހޯދި ދަތުރުގައި ތިން މެޗުން މޮޅުވެ ތިން މެޗު އެއްވަރުވިއިރު އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ. މި މެޗުތަކުގައި 19 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. 

މުބާރާތުގެ ކިންގުކަން ރިމޭ އަށް

ގާފަރު ފުޓްސަލް ފައިނަލަށް ފަހު ރޭ ވަނީ އިނާމުދިނުމުގެ ރަސްމިއްޔާތު ވެސް ބާއްވައިފަ އެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ވަޒީރު އަބްދުﷲ ރާފިއު އެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރަނަރަޕް ހަންޓާސް އަށް ކުޅުނު އީރާނުގެ ފުޓްސަލް ތަރި މޮހްސެން މޮންޓަޒެމީ އެވެ. 

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ދެ ކުޅުންތެރިއަކަށް ލިބުނެވެ. އެއީ ހަތް ގޯލާ އެކު އޯކޭ ބޯއީޒްގެ މާހީ މުފީދު އާއި ހަންޓާސްގެ އަޒްޔާން އިބްރާހީމް އެވެ. 

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އޯކޭގެ ކުޑައިގެން ދަށުން ނުކުތް އޯކޭ ޔުނައިޓެޑް އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ ހަންޓާސްގެ އަހުމަދު އަޝްފާގެވެ. 

ކިންގުގެ މަގާމް ހޯދި ރިމޭ. މިއީ ފުޓްސަލްގައި ރިމޭ އަށް ކާމިޔާބު އަހަރެއް. ފޮޓޯ: ގާފަރު ކައުންސިލް
ކިންގުގެ މަގާމް ހޯދި ރިމޭ. މިއީ ފުޓްސަލްގައި ރިމޭ އަށް ކާމިޔާބު އަހަރެއް. ފޮޓޯ: ގާފަރު ކައުންސިލް

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އޯކޭ ބޯއީޒް އަށް މޮޅު ކުޅުމެއް ދެއްކި މާހީ މުފީދު އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އޯކޭ ބޯއީޒްގެ ކޯޗު މުހައްމަދު ވާސިފް އެވެ. 

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އޯކޭ ބޯއީޒްގެ އިބްރާހީމް ރިމާހު (ރިމޭ)، ހަންޓާސްގެ އަޒްޔާން އިބްރާހީމް، ސެމީ ފައިނަލުގައި ވާދަކުރި ޕެންތާސްގެ އައްޒާމް ނިޔާޒް، އޯކޭ ބޯއީޒްގެ ނާއިހު މުފީދު އަދި ހަންޓާސްގެ ގޯލްކީޕަރު މުހައްމަދު ޔާސީން އެވެ. 

މުބާރާތުގެ ކިންގުކަން ހޯދީ ގާފަރުގެ މަޝްހޫރު ފުޓްސަލް ތަރި ރިމޭ އެވެ. އަމިއްލަ ރަށުގެ ކިންގުކަމުގެ އިތުރުން ރިމޭ ވަނީ މިއަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އޮފީސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

ގާފަރު ކައުންސިލުން އިންތިޒާމުކުރި ފުޓްސަލް މުބާރާތުގައި 9 ޓީމު ވާދަކުރި އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދިޔައީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. 

https://www.fahuminet.com/tournaments/gaafaru-council-cup-2026

ފުޓްސަލްގެ ގިނަ ތަރިންތަކެއް ނިސްބަތްވާ ގާފަރު ފުޓްސަލް މުބާރާތުގައި މިއަހަރު ވަނީ އެރަށުގެ އިތުރު ހުނަރުވެރިން ފާހަގަކުރެވިފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Predict
Settings