މިހާރު ކުރިއަށްދާ ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގައި މިރޭ ވާދަކުރާނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ރަނަރަޕް މަގާމު ހޯދި އޯކޭ ބޯއިޒް އާއި މިފަހަރުގެ މުބާރާތަށް ވަރުގަދައަށް ތައްޔާރުވި ހަންޓާސް އެވެ.
އޯކޭ ބޯއިޒްއިން ތިންވަނަ ފަހަރަށް މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެންތާސްއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް އަޔަސް މުބާރާތުގައި ރެއާ ހަމައަށް އެއްވެސް މެޗަކުން ބަލިނުވެ އޮތް ޕެންތާސްއާ ދެކޮޅަށް ގްރޫޕް އޭގެ އެއްވަނަ ހޯދި އޯކޭ ބޯއީޒް ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސް އޯކޭ ބޯއީޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޯކޭ ބޯއީޒް އަށް ހާއްޕެ ކާމިޔާބުކޮށްދިން ހަތަރު ވަނަ ލަނޑެވެ.
މުބާރާތުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ޕެންތާސް އަށް ރޭގެ މެޗުގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ ފަހު ހާފުގެ މެދެއްހާ ހިސާބުގައި ކާމިޔާބުކޮށްދިނީ ނިފާލް ނަސީރެވެ.

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަށް ވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުން ހަންޓާސް ޖާގަ ހޯދީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް އައި އޯކޭ ޔުނައިޓެޑް 1-4 އިން ބަލިކުރުމަށްފަހު އެވެ.
ރޭގެ މެޗުގައި ފެނުނު ފަސް ގޯލްގެ ތެރެއިން ފުރަތަމަ ހަތަރު ގޯލްވެސް ކާމިޔާބުކުރީ ހަންޓާސް އިންނެވެ. ހަންޓާސްއިން ރޭގެ މެޗުގައި ޖެހި ހަތަރު ގޯލްގެ ތެރެއިން މުހައްމަދު ސާއިން ދެ ގޯލް ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޒްޔާން އިބްރާހީމް އެވެ. އަޒްޔާން ވަނީ މިފަހަރުގެ މުބާރާތުގައި ރޭ ޖެހި ދެ ގޯލާއެކު މިހާތަނަށް ހަތް ގޯލް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި އޯކޭ ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލް މެޗުގެ އެންމެ ފަހުމިނެޓްގައި ކާމިޔާބުކޮށްދިނީ ގައްސާން އަބޫބަކުރެވެ.
އޯކޭ ބޯއީޒްގެ ރެކޯޑް ރަނގަޅަސް ހަންޓާސްގެ ނުރައްކާ ބޮޑު ވާނެ
މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު މިރޭގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ އޯކޭ ބޯއީޒްގެ އަމާޒަކަށް ޔަގީނުންވެސް ވާނީ މުބާރާތުގެ ފައިނަލުން ބަލިވުމުގެ ސިލްސިލާ ނިންމައި ގާފަރުގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމެވެ.

މުބާރާތުގެ ފައިނަލްގައި މުޅިން އަލަށް ވާދަކުރާ ހަންޓާސް އިން މިފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު އެންމެ ފުރަތަމަ އަމާޒަކަށް އެ ޓީމުން ހަދައިފައި އޮތީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކޮށް މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އެކްސް ބޯއީޒް އަތުން ބަލިވި ހަންޓާސް އަދި މިފަހަރުގެ މުބާރާތުގައި ބަލިވެފައި ނެތް އިރު ގްރޫޕް ސްޓޭޖުގައި އޯކޭ ބޯއީޒް އާއި ހަންޓާސް ވާދަކުރި މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މިފަހަރުގެ މުބާރާތުގައި އޯކޭ ބޯއިޒް އާއި ހަންޓާސް މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު ގޯލް ޖެހުމާއި، ދިފާއީ ރެކޯޑުން ވެސް ކުރި ލިބެނީ އޯކޭ ބޯއީޒް އަށެވެ. އޯކޭ ބޯއީޒް އިން މިހާތަނަށް މި މުބާރާތުގައި 18 ގޯލް ކާމިޔާބުކޮށްފައިވާ އިރު ހަންޓާސްއިން ވަނީ 14 ގޯލް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޯކޭ ބޯއީޒް އިން ޖެހި 18 ގޯލްގެ ތެރެއިން 12 ގޯލަކީ މާލިންސް މުބާރާތުން ކަޓައިފައި އޮއްވައި ކުޅުނު މެޗުގައި އެ ޓީމު ކޮޅަށް ވައްދާލި ގޯލްތަކެވެ. ހަންޓާސް ކޮޅަށް މި މުބާރާތުގައި ފަސް ގޯލް ވަދެފައިވާ އިރު އޯކޭ ބޯއީޒް ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
https://fahuminet.com/tournaments/gaafaru-council-cup-2026
މިރޭގެ ފައިނަލަށް އޯކޭ ބޯއީޒް އާއި ހަންޓާސް ނުކުންނައިރު މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނައިގައިވެސް އޮތީ މި ދެ ޓީމަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. ޖުމްލަ ހަތް ގޯލާއެކު މިވަގުތު އެންމެ ކުރީގައި އުޅެނީ އޯކޭ ބޯއީޒްގެ މާހީ މުފީދާއި، ހަންޓާސްގެ އަޒްޔާން އިބްރާހީމް އެވެ.
އޯކޭ ބޯއީޒް އާއި ހަންޓާސް ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.