ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި
އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި
އިންނަމާދޫ ފުޓްސަލް ޓީމާއި ރަސްމާދޫ ފުޓްސަލް ޓީމު މީގެކުރިން ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އިންނަމާދޫ ފުޓްސަލް ޓީމް

އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން • 17 ނޮވެމްބަރު 2026

ޗެމްޕިއަން ޓީމަށް ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި އެވެ.

އެމްޕީ ފަލާހް ރ. ފުޓްސަލް ޗެލެންޖު 2026 ގެ ނަމުގައި ރ. އިންނަމާދޫ ކައުންސިލް އިދާރާއިން އިންތިޒާމުކުރާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖެއްސިކަން އެ އިދާރާއިން އިއްޔެ ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖެއްސުމާއެކު މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، މުބާރާތުގައި ބައިވެރިވާ ޓީމުތަކާ ގުޅޭ ތަފްސީލް މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގެ ލައިވް ސްކޯ ވެސް މި ނޫހުގެ ވެބްސައިޓުން ގެނެސްދޭނެ އެވެ.

މިއަހަރުގެ ތެރޭގައި މި ނޫހުގެ ފަރާތުން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް އީދު ކަމަށްވާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރު ބޭއްވި ގިނަ ފުޓްސަލް މުބާރާތްތަކެއްގެ މީޑިއާ ޕާޓްނަރުކަން ކޮށްފަ އެވެ. މި މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި މި ނޫހުގެ ފަރާތުން ވަނީ އެއްހާހަށްވުރެ ގިނަ މެޗުގެ ލައިވް ސްކޯ ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދީފަ އެވެ.    

އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި މިލިއަން ރުފިޔާ ދޭ އިރު ރަނަރަޕް ޓީމަށް ދެ ލައްކަ ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ވެސް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ އިންނަމާދޫގައި ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކުން ރަޖިސްޓްރީ ވާން އިންނަމާދޫ ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ ސުންގަޑި އަކީ މި މަހުގެ 22 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އެވެ. މުބާރާތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަން ކުރަންޖެހެނީ އިންނަމާދޫ ކައުންސިލް އިދާރާއިން މުބާރާތަށް ހާއްސަކޮށްގެން  ތައްޔާރުކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށެވެ.

އެއް އަތޮޅެއްގައި މީހުން ދިރިއުޅޭ އެންމެ ގިނަ ރަށް އޮތް ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކޮށް، ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގައި ކޮންމެ ރަށަކުން ބައިވެރިވެވޭނީ އެންމެ ޓީމަކަށެވެ. އަދި، މުބާރާތުގައި އެ ޓީމަކަށް ބައިވެރިވެވޭނީ މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ އެ ޓީމެއް ނިސްބަތްވާ ރަށެއްގެ ކައުންސިލް އިދާރާ ނުވަތަ ކްލަބް ޖަމިއްޔާއެއް މެދުވެރިކޮށް އެ ރަށުގެ ނަމުގަ އެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 15 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތްއިރު ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ދެ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު މުބާރާތުގެ ގަވައިދުން ވަނީ ފަހިކޮށްދީފަ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings