ރާއްޖޭގެ މީޑިއާތަކަށް ހާއްސަކޮށްގެން ސަން ސިޔާމް މީޑއާއިން އިންވިޓޭޝަނަލް ފުޓްސަލް ކަޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ސަން ސިޔާމް އިންވިޓޭޝަނަލް ކަޕް ބާއްވަން ތާވަލުކޮށްފައިވަނީ ޖަނަވަރީ މަހުގެ 21 އިން 23 އަށް މާލޭގަ އެވެ.
ސަން ސިޔާމް މީޑިއާ އިން ބުނީ، މުބާރާތުގައި މިހާތަނަށް 10 މީޑިއާއަކުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ މީޑިއާތަކަކީ، ޕީއެސްއެމް، ގާފު މީޑިއާ ގްރޫޕް، އައިސް ނެޓްވޯކް، އެމްއެމް ޓީވީ، އެސްއެސް ޓީވީ، ވީ ޓީވީ، މެންދުރު ޓީވީ، ޗެނަލް 13 އަދި އަދަދު ނޫހުގެ އިތުރުން މިހާރު ނޫހެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ އެސްއެމްއީ ޑިޖިޓަލް އާއި ދަ ވެންލިން ގްރޫޕެވެ.
މި މުބާރާތުގެ އެންމެ ހާއްސަ ކަމަކީ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ކްލަބް މޯލްޑިވްސް ކިންގްސް ކަޕުން ފުރުސަތު ލިބުމެވެ. ކިންގްސް ކަޕަކީ ފުޓްސަލްގެ ޗެމްޕިއަން ޓީމުތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެކެވެ.
ސަން ސިޔާމް މީޑިއާ ގްރޫޕުން ފުޓްސަލް ދަނޑަށް މީޑިއާތައް އެއްތަންކުރާއިރު، މީގެކުރިން ވެސް ބައެއް މީޑިއާތަކުން ވަނީ ފުޓްސަލް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޕީއެސްއެމްއަކީ ކްލަބް މޯލްޑިވްސް ކްލަސިކާއި އޮފީސް ލީގުގައި ވެސް މީގެކުރިން ކުޅެފައިވާ ޓީމެކެވެ.
ސަން ސިޔާމް މީޑިއާ އިން ހުޅުވާލި ފުރުސަތަކާ އެކު މީޑިއާތަކުން މިހާރު އަންނަނީ ފޯރިއާއެކު މި މުބާރާތަށް ތައްޔާރުވަމުންނެވެ. އަދި، ސަން ސިޔާމް މީޑިއާ ގްރޫޕުން ވެސް އަންނަނީ ފުރިހަމަކަމާ އެކު މުބާރާތް ކުރިއަށް ގެންދިއުމަށް އިންތިޒާމުތައް ހަމަޖައްސަމުންނެވެ.