DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ސަހަރާ ކަންމަތި ބަލިކޮށް އަހަރުން ހިސާބުން ދި ޔުނިޓީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ސަހަރާ ކަންމަތި ބަލިކޮށް އަހަރުން ހިސާބުން ދި ޔުނިޓީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
އަހަރުން ހިސާބުން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: ވިލުފުށި ކައުންސިލް

ސަހަރާ ކަންމަތި ބަލިކޮށް އަހަރުން ހިސާބުން ދި ޔުނިޓީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން • 10 ނޮވެމްބަރު 2026

ފައިނަލުގައި މޮޅު ކުޅުމެއް ދައްކައި، ވިލުފުށީގައި ބޭއްވި ދި ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަހަރުން ހިސާބުން ހޯދައިފި އެވެ. 

ވިލުފުށި ކައުންސިލުން އިންތިޒާމުކުރި މުބާރާތުގެ ޗެމްޕިއަންކަން އަހަރުން ހިސާބުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ވާދަވެރި ސަހަރާ ކަންމަތި 5-1 އިން ބަލިކޮށްގެންނެވެ. 

މި ދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 1-2 އިން ކާމިޔާބުކުރީ ސަހަރާ ކަންމައްޗެވެ. އެހެންވެ މިއަދުގެ ފައިނަލަށް މެޗަށް އަހަރުން ހިސާބުން ނުކުތީ އެ ނަތީޖާ ބަދަލުކޮށް ތަށި ހޯދުމުގެ ވަރުގަދަ އަޒުމާއެކުގަ އެވެ. 

މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސަހަރާ ކަންމައްޗެވެ. އަނެއްކޮޅުން ޗެމްޕިއަންކަން ހޯދި އަހަރުން ހިސާބަކީ މިފަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކުރި ޓީމެކެވެ. އެކަމަކު ފުރަތަމަ ފަހަރުވެސް އަހަރުން ހިސާބު ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. 

މެޗުގައި ސަހަރާ ކަންމައްޗަށް ގޯލެއް ވެސް ވައްދާލެވުނީ އަހަރުން ހިސާބުން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށެވެ. ފުރަތަމަ ގޯލު މެޗުގެ 8 ވަނަ މިނެޓުގައި ޖެހީ އަހަރުން ހިސާބުގެ ހުސައިން ޝަރީފް (އޮންލީ) އެވެ. އެޓީމުގެ ދެ ވަނަ ގޯލު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސަލްމާން ސަދީފް އެވެ. 

ދެ ވަނަ ހާފުގައި ސަހަރާ ކަންމަތިން ވަނީ އެޓޭކުތައް ވަރުގަދަކޮށް އަހަރުން ހިސާބުގެ ގޯލު ފޫއަޅުވާލަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ސަހަރާ ކަންމަތިން ދިޔައީ ވަރުގަދަކޮށް ޑިފެންސްކޮށް ލިބޭ ފުރުސަތުތަކުގައި ގޯލު ވެސް ޖަހަމުންނެވެ. މެޗުގައި އަހަރުން ހިސާބުގެ ފަހު ތިން ގޯލާއި ސަހަރާ ކަންމަތީގެ ހަމައެކަނި ގޯލު ވެސް ފެނުނީ ފަހު ފަސް މިނެޓާއި އިތުރުވަގުތުގަ އެވެ. 

އަހަރުން ހިސާބުގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު 35 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް ރިމާހު (ރިމޭ) އެވެ. ހަތަރު ގޯލުގެ ލީޑެއްގައި އަހަރުން ހިސާބު އޮއްވައި ސަހަރާ ކަންމަތީގެ ހަމައެކަނި ގޯލު މެޗުގެ ފަހުމިނެޓުގައި ޖެހީ މުހައްމަދު މައްދާހު އެވެ. އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި އަހަރުން ހިސާބުގެ އޮންލީ އިތުރު ގޯލެއް ޖަހައި އެޓީމަށް ތަށި ޔަގީންކޮށްދިނެވެ. 

މުބާރާތުގެ ކިންގުކަން އޮންލީ އަށް

އަހަރުން ހިސާބުން ޗެމްޕިއަންކަން ހޯދި ދަތުރާ އެކު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމަށް ކުޅުނު މަޝްހޫރު ފުޓްސަލް ތަރި ހުސައިން ޝަރީފް (އޮންލީ) އެވެ. 

އޮންލީ ވަނީ މުބާރާތުގައި އެޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައި، މުހިއްމު ގޯލުތަކެއް ވެސް ޖަހައިފަ އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ޗެމްޕިއަން އަހަރުން ހިސާބުގެ ތިން ކުޅުންތެރިން ކަމަށްވާ އޮންލީ އާއި މޫސާ ފަތުހީއާއި އިބްރާހީމް ރިމާހް (ރިމޭ) ގެ އިތުރުން ސަހަރާ ކަންމަތީގެ އަލީ ހާފިޒް (ހާއްޕެ) އަދި އެޓީމުގެ އަހުމަދު ޔާސިރެވެ. 

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ސަހަރާ ކަންމަތީގެ އަހުމަދު ޔާސިރެވެ. ޔާސިރު ވަނީ މުބާރާތުގައި 15 ގޯލު ޖަހައިފަ އެވެ. އޭގެތެރޭގައި އެއް މެޗުގައި ޔާސިރު 12 ގޯލު ޖެހި އެވެ. 

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އިމްޕީރިއަމް ސްޕޯޓްސް ކްލަބުގެ ޔޫސުފް ޝާޔާން އެވެ.

https://fahuminet.com/tournaments/the-unity-futsal-championship-vilufushi 

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން ވަހީދުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ބޭއްވި މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ވަނީ ދީފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. 

ތ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށުގައި ފޯރިއާއެކު ކުރިއަށްދިޔަ ފުޓްސަލް ޗެމްޕިއަންޝިޕްގައި ވިލުފުށީގެ ފަސް ޓީމު ވާދަކުރި އެވެ. ޗެމްޕިއަން އަހަރުން ހިސާބާއި ސަހަރާ ކަންމަތީގެ އިތުރުން މުބާރާތުގައި ވާދަކުރީ، ސަނދަރަ ގޯޅި އާއި ޔުނައިޓެޑް މަރުހަބާ އަދި އިމްޕީރިއަމް ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings