ވިލުފުށީގައި ކުރިއަށްދާ ދި ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ލީގު ބުރުގެ ކުޅުން ނިމި، މުބާރާތުގެ އެންމެ ފޯރިގަދަ ހިސާބުގައި ޓީމުތައް ވާދަކުރާނެ ތަރުތީބު ކަށަވަރުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އަހަރުން ހިސާބުން ވަނީ 3-8 އިން ސަނދަރަ ގޯޅި ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އިމްޕީރިއަމް ސްޕޯޓްސް ކްލަބް ވަނީ ޔުނައިޓެޑް މަރުހަބާއާ ވާދަކޮށް 0-2 އިން މޮޅުވެފަ އެވެ.
ލީގު ބުރުގެ ކުޅުން ނިމުނުއިރު އެއް ވަނަ ހޯދީ 12 ޕޮއިންޓާ އެކު ސަހަރާ ކަންމައްޗެވެ. އަދި އެޓީމަށް ވަނީ ފައިނަލުގެ ސީދާ ޖާގައެއް ވެސް ކަށަވަރުވެފަ އެވެ. ދެ ވަނަ ލިބުނީ 9 ޕޮއިންޓާ އެކު އަހަރުން ހިސާބަށެވެ. ތިން ވަނަ އަށް ދިޔައީ 6 ޕޮއިންޓް ލިބުނު ސަނދަރަ ގޯޅި އެވެ.
މިއަދުގެ މޮޅާ އެކު 3 ޕޮއިންޓް ހޯދައި އިމްޕީރިއަމް ނިންމާލީ ހަތަރު ވަނައިގަ އެވެ. ފުލަށް ދިޔައީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވި ޔުނައިޓެޑް މަރުހަބާ އެވެ.
ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ކުޅޭ ޕްލޭ އޮފް މެޗުގައި ވާދަކުރާނީ އަހަރުން ހިސާބާއި ސަނދަރަ ގޯޅި އެވެ. މި މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ.
ޕްލޭ އޮފް މެޗުގެ ކުރިން ސަނދަރަ ގޯޅި ބަލިކުރެވުމަކީ އަހަރުން ހިސާބަށް ލިބުނު އިތުބާރެކެވެ. މިއަދުގެ މެޗުގައި އަހަރުން ހިސާބުގެ އަހުމަދު ރައްޔާން، ހުސައިން ޝަރީފް (އޮންލީ) އަދި އިބްރާހީމް އައިހަމް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ އެޓީމުގެ އިބްރާހީމް ރިމާހު (ރިމޭ) އާއި ސަލްމާން ސަދީފެވެ.
ސަނދަރަ ގޯޅީގެ ތިން ގޯލުގެ ތެރެއިން ހުސައިން ސިލްމީޒް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޝާން އެވެ.
މިއަދުގެ މެޗުގައި ބޮޑު ތަފާތެއް ފެނުނަސް މާދަމާ ހަވީރު ކުޅޭ މެޗުގައި ޔަގީނުން ވެސް ބޮޑު ވާދަވެރިކަމެއް ފެންނާނެ އެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
ލީގު ބުރުގެ ފަހު މެޗަށް އިމްޕީރިއަމް އާއި ޔުނައިޓެޑް މަރުހަބާ ނުކުތްއިރު ވެސް އެ ދެ ޓީމު އޮތީ މުބާރާތުން ކަޓައިފަ އެވެ. އެކަމަކު ދެ ޓީމު ވެސް ނުކުތީ ތިން ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނަ ހޯދުމުގެ އުންމީދުގަ އެވެ. މެޗުން މޮޅުވުމާ އެކު ޒުވާން ކުޅުންތެރިން ހިމެނޭ އިމްޕީރިއަމް މުބާރާތް ނިންމާލީ ހިތްހަމަޖެހުމަކާ އެކު އެވެ.
ދި ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޕްލޭއޮފް މެޗު މާދަމާ ހަވީރު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ.