މިހާރު ވިލުފުށީގައި ކުރިއަށްދާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގައި ވާދަކުރަމުން އަންނަ ފަސް ޓީމުގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިން ގިނަ ޓީމެއްގެ ގޮތުގައި ފާހަކުރެވެނީ މުބާރާތުގައި މުޅިން އަލަށް މިފަހަރު ބައިވެރިވި އިމްޕީރިއަމް ސްޕޯޓްސް ކްލަބެވެ.
ވިލުފުށި ސްކޫލްގެ ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވަމުން އައި ފުޓްސަލްއަށް ލޯބިކުރާ ކުދިންތަކެއްގެ އެދުމުގެ މަތިން މިދިޔަ އަހަރު އުފެއްދި އިމްޕީރިއަމް ސްޕޯޓްސް ކްލަބުން ވަނީ މި މުބާރާތުގެ ކުރިން ރަށުގައި ބޭއްވި އެކި ފެންވަރުގެ ތިން މުބާރާތެއްގައި ބައިވެރިވެ ތަޖުރިބާތަކެއް ހޯދައިފަ އެވެ.
މި ތިން މުބާރާތުގެ ތެރެއިން އެ ޓީމު އެންމެ ފަހުން ވާދަކުރި ކުޑަ ގޯލް މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ފުރުސަތު ލިބިފައިވުމާއެކު މިފަހަރުގެ ޔުނިޓީ ކަޕްގައި އެ ޓީމުގެ އަމާޒަކަށް ހަދައިފައިވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމެވެ.
އިމްޕީރިއަމް ސްޕޯޓްސް ކްލަބް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެ ޓީމުގެ މެނޭޖަރު އާދަމް ނިޝާން "ފަހުމިނެޓް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މުބާރާތަށް ޓީމު ތައްޔާރުވާން 15 ވަރަކަށް ދުވަސް ކުރިން ޓީމުގެ ފަރިތަކުރުންތައް ފެށި ކަމަށާއި، އެހެންނަމަވެސް ބައެއް ކުޅުންތެރިންނަކީ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް ވުމާއެކު އެ ކުދިންނަށް ގަވައިދުން ފަރިތަކުރުންތަކުގައި ބައިވެރިވާން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
މި ގޮންޖެހުންތަކާ އެކު މުބާރާތާ ކުރިމަތިލި އިމްޕީރިއަމް އަށް ފުރަތަމަ ވެސް ވާދަކުރަންޖެހުނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ސަހަރާ ކަންމައްޗާ އެވެ. އެ މެޗުގައި ސަހަރާ ކަންމަތިން 8 ގޯލް އިމްޕީރިއަމް ކޮޅަށް ޖެހި އިރު ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) ކުޅެމުން އަންނަ ސަހަރާ ކަންމަތި ކޮޅަށް އިމްޕީރިއަމް އިން ވަނީ ގޯލެއް ވައްދާލައިފަ އެވެ. މުބާރާތުގައި އިމްޕީރިއަމް ކުޅުނު ދެވަނަ މެޗުގައި ވެސް އެ ޓީމަށް ކުރިމަތިލާން ޖެހުނީ ވަރުގަދަ ޗެލެންޖަކާ އެވެ.
https://www.facebook.com/permalink.php?story_fbid=pfbid0xMwyWsoKQfY5KFGCBwirLKr4ZpLPGpJyDM7DEr7EiATZNsxdEVjGBgirk66o2XMl&id=61595005061403&__cft__[0]=AZj-KSZjcqKnaHMFNgVGDaKBvALZrVelwH4J4b18ks-3Z_hkuGdFEDK4OuZG-sj6akIOlZIf5rkvii8jnWuppbMVDFRCAXZISrMU77RQXtkxwVS30ZoW2Fah7PWLCsAeYPa4Pg61X3YK&__tn__=%2CO%2CP-R
މުބާރާތުގެ ތަށި ހޯދުމުގެ އަޒމުގައި ރާއްޖޭގެ ފުޓްސަލްގައި ނަން ހިނގާ ދެ ކުޅުންތެރިއަކު ހިމަނައިގެން ނުކުތް އަހަރުން ހިސާބާ ދެކޮޅަށް ކުޅުނު މެޗުން ވެސް އިމްޕީރިއަމް ބަލިވީ 8 ލަނޑުގެ ތަފާތުންނެވެ. މުބާރާތުގައި ވާދަކުރަމުން އަންނަ އެންމެ ވަރުގަދަ ދެ ޓީމާ ދެކޮޅަށް ކުޅެ އެންމެ ބޭނުންވި ނަތީޖާ ނުކުމެފައި ނުވިޔަސް އިމްޕީރިއަމްގެ ޒުވާން ކުޅުންތެރިންގެ ހިތްވަރު ދެރައެއް ނުވެ އެވެ.
އަދިވެސް ޓީމުގެ ކުޅުންތެރިން އުންމީދު ކަނޑައެއް ނުލާ. ފުރަތަމަ ދެ މެޗުން ބަލިވިއަސް އެކުދިންގެ ޓާގެޓަކަށް އަދިވެސް އޮތީ ދެން އޮތް ދެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުން. ޓީމުގެ ހުރިހާ ކުދިން ވެސް ތިބީ ވަރަށް ކިކްގަ، އެކުދިން އެއްވެސް ވަރަކަށް މާޔޫސް އެއް ނުވޭ.
އިމްޕީރިއަމްގެ މެނޭހަރު އާދަމް ނިޝާން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުންޏެވެ.
"މިދިޔަ ދެ މެޗުގައި ޓީމު ބަލިވިޔަސް ވަރަށް ރަގަޅަށް ޓީމު ކުޅުނު. ގިނަ ފުރުސަތު ތަކެއް ވެސް ލަނޑު ޖަހަން ހޯދި. އެކަމަކު ކުދިންގެ ތަޖުރިބާ މަދު ތަންކޮޅު ބޮޑަށް ދެއްކީ." އިމްޕީރިއަމްއިން މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ނިޝާން ބުންޏެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
ނިޝާން ފާހަގަކުރި ގޮތުގައި ކުރިއަށް އޮތް ދެ މެޗުގައި ނަތީޖާ ރަގަޅު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، މުބާރާތުގައި ކުޅެމުން އަންނަ ފުޓްސަލް ތަރިންގެ ފަރާތުން ވެސް އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުގެ ބަސްތައް ލިބިފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ މި ޓީމުގެ ކުޅުންތެރިންގެ ކުޅުމަށް ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބިފަ ހުރީ. ގިނަ މެޗުތަކެއް ލިބުނު ވަރަކަށް ރަގަޅުވާނެ ކަމަށް މި މުބާރާތުގަ ކުޅޭ ބައެއް ފުޓްސަލް ތަރިން ވެސް ބުނެފަ ހުރީ. އެއީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ލީގު ބުރުގައި އިމްޕީރިއަމް އިން ދެން ކުޅެންޖެހޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ޓޭބަލްގެ ތިން ވަނައިގައި އޮތް ސަނދަރަ ގޯޅިއާ ދެކޮޅަށެވެ. ފަހު މެޗުގައި މާދަމާ ވާދަކުރާނީ ޔުނައިޓެޑް މަރުހަބާއާ އެވެ.