ށ. ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯލް މުބާރާތް މިރޭ ފަށާނެ އެވެ.
ހޭންޑްބޯލް މުބާރާތުގައި ތިން ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ކަމްބެކާސް އާއި ހަމަކިރިޔާގެ އިތުރުން ސްޓްރައިކާސް އެވެ.
ނޫމަރާ ހޭންޑްބޯލް މުބާރާތުގެ އެންމެ ހާއްސަ ކަމަކީ މިހާރު އެރަށުގައި ކުރިއަށްދާ ފުޓްސަލް މުބާރާތާ އެއްވަރުގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވުމެވެ. މިގޮތުން، ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސް 10،000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.
މިއަދުން ފެށިގެން ނޮވެމްބަރު 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ފައިނަލްގަ އެވެ.
ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 8 ޖަހާއިރު ވާދަކުރާނީ ސްޓްރައިކާސް އާއި ހަމަކިރިިޔާ އެވެ.
https://www.fahuminet.com/tournaments/noomaraa-council-handball-tournament
ނޫމަރާ ހޭންޑްބޯލް މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯގެ އިތުރުން މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޭލި އާއި ކަތިރިޔަންސް އެވެ.