DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ނައުހާގެ އާދަޔާހިލާފު މޮޅު ކުޅުމާ އެކު ކަމްބެކާސް އިން ޗެމްޕިއަންކަން ދިފާއުކޮށްފި
ނައުހާގެ އާދަޔާހިލާފު މޮޅު ކުޅުމާ އެކު ކަމްބެކާސް އިން ޗެމްޕިއަންކަން ދިފާއުކޮށްފި
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް ޗެމްޕިއަންކަން ހޯދި ކަމްބެކާސް ޓީމު. ފޮޓޯ: ނޫމަރާ ކައުންސިލް

ނައުހާގެ އާދަޔާހިލާފު މޮޅު ކުޅުމާ އެކު ކަމްބެކާސް އިން ޗެމްޕިއަންކަން ދިފާއުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން • 10 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ކަމްބެކާސް އިން ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެވެސް ޗެމްޕިއަން ކަމްބެކާސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ހަމަކިރިޔާއާ ވާދަކޮށް 9-7 އިން މޮޅުވެގެންނެވެ. 

މި ދެޓީމުގެ ތެރެއިން ލީގު ބުރުގައި ހަމަކިރިޔާ އިން ވަނީ 6-7 އިން ކަމްބެކާސް ބަލިކޮށްފަ އެވެ. އެކަމަކު ތަށި ހޯދަން ނުކުތް ފައިނަލް މެޗުގައި ކަމްބެކާސް އިން ވަނީ ހަމަކިރިޔާގެ މައްޗަށް ކާމިޔާބީ ހޯދައިފަ އެވެ. 

ރޭގެ ފައިނަލުގައި އެންމެ ފާހަގަކޮށްލެވުނީ ކަމްބެކާސް ޓީމުގެ ފާތިމަތު ނައުހާގެ އާދަޔާހިލާފު މޮޅު ކުޅުމެވެ. ފައިނަލުގައި އެޓީމުން ޖެހި 9 ގޯލުގެ ތެރެއިން 8 ގޯލު ޖެހީ ނައުހާ އެވެ. މުޅި މެޗުގައި ވެސް ނައުހާ ހުއްޓުވަން ކަމަކިރިޔާ ޓީމަށް ގޮންޖެހުން ކުރިމަތިވި އެވެ.

ނައުހާގެ އިތުރުން ކަމްބެކާސް އަށް ގޯލު ކާމިޔާބުކޮށްދިނީ އާމިނަތު ނޫރާ އެވެ. ހަމަކިރިޔާ ޓީމުގެ 7 ގޯލުގެ ތެރެއިން އިޝާ އަބްދުލްހައްނާން 4 ގޯލު ޖެހި އެވެ. އަދި ސަރާ ސަމީމް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އާއިޝަތު ރިފްގާ އެވެ. 

މުބާރާތުގެ ރަނަރަޕްކަން ލިބުނު ހަމަކިރިޔާ. ފައިނަލުގައި ވެސް އެޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކި. ފޮޓޯ: ނޫމަރާ ކައުންސިލް
މުބާރާތުގެ ރަނަރަޕްކަން ލިބުނު ހަމަކިރިޔާ. ފައިނަލުގައި ވެސް އެޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކި. ފޮޓޯ: ނޫމަރާ ކައުންސިލް

މެޗަށް ބަލާއިރު، ފުރަތަމަ ހާފު ނިމުނީ 4-2 އިން ކަމްބެކާސް ކުރީގައި އޮވެގެންނެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ހަމަކިރިޔާ އިން ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗު އެއްވަރުކޮށް އުންމީދު ހޯދި ނަމަވެސް ފަހަތުން އަރައި ކަމްބެކާސްގެ ނައުހާ އިތުރު ގޯލުތަކެއް ކާމިޔާބުކުރި އެވެ. އަދި ދެ ވަނަ ހާފުގައި ލީޑު ނެގި ގޮތަށް މެޗު ނިމެންދެން ކަމްބެކާސް އިން ވަނީ 9-7 ގެ ލީޑުގައި ހިފަހައްޓައިފަ އެވެ. 

ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގައި ތިން ޓީމު ވާދަކުރި އެވެ. މި ދެޓީމުގެ އިތުރުން ދެން ވާދަކުރީ ސްޓްރައިކާސް އެވެ. ފައިނަލުން ޖާގަ ނުލިބުނަސް އެޓީމުން ވެސް މުބާރާތުގައި ވަރަށް ވާދަވެރި ކުޅުމެއް ދެއްކި އެވެ. 

މުބާރާތުގެ އެންމެ ޝަރަފްވެރި އެވޯޑްތައް ހޯދި ކަމްބެކާސް ޓީމުގެ ނައުހާ. ފޮޓޯ: ނޫމަރާ ކައުންސިލް
މުބާރާތުގެ އެންމެ ޝަރަފްވެރި އެވޯޑްތައް ހޯދި ކަމްބެކާސް ޓީމުގެ ނައުހާ. ފޮޓޯ: ނޫމަރާ ކައުންސިލް

މުބާރާތުގެ އެންމެ ޝަރަފްވެރި މަގާމްތައް ގެންދިޔައީ ޗެމްޕިއަން ކަމްބެކާސްގެ ނައުހާ އެވެ. ނައުހާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ލަނޑު ލިސްޓުގެ އެއް ވަނަ ނައުހާ އަތުލީ ފައިނަލުގައި ކާމިޔާބުކުރި 8 ގޯލާ އެކު ޖުމްލަ 15 ގޯލު ހަމަކޮށްގެންނެވެ. ނޫމަރާ އަށް ނިސްބަތްވާ ނައުހާ އަކީ ހޭންޑްބޯލްގައި އުންމީދީ މޮޅު ކުޅުންތެރިއެއްކަން މުބާރާތުގައި ވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފަ އެވެ. 

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމަކިރިޔާގެ ރުހާ ހަސަން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ކަމްބެކާސްގެ ގޯލު ބެލެހެއްޓި އާއިޝަތު އާއިދާ އެވެ. 

ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން. ފޮޓޯ: ނޫމަރާ ކައުންސިލް
ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން. ފޮޓޯ: ނޫމަރާ ކައުންސިލް

އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ސްޓްރައިކާސް ޓީމަށް 9 ގޯލު ކާމިޔާބުކޮށްދިން އާއިޝަތު ނިޔާޒާ، ހަމަކިރިޔާގެ ރައުހާ ހަސަން، ހަމަކިރިޔާގެ ސަރާ ސަމީމް، ހަމަކިރިޔާގެ އިޝާ އަބްދުލްހަންނާން، ޗެމްޕިއަން ކަމްބެކާސްގެ އާމިނަތު ނޫރާ، ކަމްބެކާސްގެ އާއިޝަތު ސިޔާދާ އަދި ކަމްބެކާސްގެ ކީޕަރު އާއިޝަތު އާއިދާ އެވެ. 

ނޫމަރާ ކައުންސިލް ހޭންޑްބޯލް ތިން ވަނަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ދީފަ އެވެ. އެރަށުގެ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާ އެކު ކުރިއަށްދިޔަ މުބާރާތުން ހޭންޑްބޯލްގައި ކުރިއަށްދެވޭނެ އުންމީދީ ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިފަ އެވެ. 

https://fahuminet.com/tournaments/noomaraa-council-handball-tournament

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި މިރޭ އޮންނާނީ ފުޓްސަލް ފައިނަލެވެ. މި ފައިނަލުގައި ވާދަކުރާނީ ކަތިރިއަންސް އާއި ކޭލި އެވެ. މި މެޗުގެ ލައިވްސްކޯ އާއި އިތުރު މައުލޫމާތުތައް މި ވެބްސައިޓުން ފެންނާނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings