އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހަތަރު ޒޯނެއްގައި އިއްޔެ މުހިއްމު މެޗުތަކެއް ކުޅުނުއިރު، އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކީ ތ. ވޭމަންޑޫ އިން ލ. އިސްދޫގެ މައްޗަށް ކުރި ހޯދި މެޗެވެ.
ތިމަރަފުށީގައި ކުރިއަށްދާ ސައުތު ޒޯން އެކެއްގެ ގްރޫޕް ބީގައި ރޭ ވޭމަންޑޫ އިން އިސްދޫގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ލ. ގަމެވެ. ގަމާއި އިސްދޫ އަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ދެ ރަށެވެ. އެކަމަކު ރޭ ވޭމަންޑޫ އިން އިސްދޫ ބަލިކުރުމާ އެކު މި ގްރޫޕުން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް އެޓީމަށް ވަނީ ފަހިވެފަ އެވެ.
ރޭގެ މެޗުގައި ވޭމަންޑޫން މޮޅު ކުޅުމެއް ދެއްކިއިރު، އިސްދޫ އަށް ލިބުނު ދެ ޕެނަލްޓީ ވޭމަންޑޫގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. ކައިރި އަދި ދުރުން ލިބުނު މި ޕެނަލްޓީ ވެސް ފޮނުވާލީ ލޫތު އަހުމަދު ފަހުމީ އެވެ. މެޗުގައި ވޭމަންޑޫގެ ހަމައެކަނި ގޯލު 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮލާހް އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްދޫގެ ޕެނަލްޓީތައް ހުއްޓުވައި ގިނަ ސޭވްތަކެއް ކުރި ވޭމަންޑޫގެ ގޯލްކީޕަރު ތޮލާލް ހަސަން އެވެ.
ސައުތު ޒޯން އެކެއްގައި ރޭ ވަނީ ގްރޫޕް އޭގައި ފުޓްސަލްގެ ވަރުގަދަ ދެ ރަށް ކަމަށްވާ ތިމަރަފުއްޓާއި ގއ. ދެއްވަދޫ ވެސް ވާދަކޮށްފަ އެވެ. ވަރަށް ހޫނު މެޗަކަށް ފަހު ދެއްވަދޫގެ މައްވަށް ތިމަރަފުށިން ކުރި ހޯދީ 1-2 އިންނެވެ.

ސައުތު ޒޯން ދޭއްގައި ރޭ ވަނީ ގދ. ވާދޫ އާއި ގދ. ފަރެސްމާތޮޑާ ކުޅެފަ އެވެ. މި މެޗު 0-6 ގެ ބޮޑު ތަފާތަކުން ކުރި ހޯދީ ވާދޫ އެވެ. ސައުތު ޒޯން ދޭއްގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ މެޗުތައް ކުރިއަށްދާ ފުވައްމުލަކެވެ.
އިއްޔެ ވަނީ ސެންޓްރަލް ޒޯން އެކަކާއި ސެންޓްރަލް ޒޯން ދޭއްގެ މެޗުތައް ވެސް ކުޅެފަ އެވެ. އިއްޔެ ސެންޓްރަލް ޒޯން އެކެއްގެ ގްރޫޕް އޭގައި ހިންމަފުއްޓާ ވާދަކޮށް ބޮޑުފޮޅުދޫ ވަނީ 6-2 އިން މޮޅުވެފަ އެވެ. މި ނަތީޖާއާއެކު ދެ މެޗުން ބަލިވެ މުބާރާތް ބާއްވާ ހިންމަފުށި ވަނީ ކަޓައިފަ އެވެ.
ސެންޓްރަލް ޒޯން އެކެއްގެ ގްރޫޕް ބީގައި ގާފަރު އިއްޔެ ވަނީ 0-4 އިން އދ. މަންދޫ ބަލިކޮށް ސެމީ ފައިނަލް ކަށަވަރުކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އދ. ދަނގެއްޗެވެ.
ސެންޓްރަލް ޒޯން ދޭއްގެ މެޗުތައް ދ. ކުޑަހުވަދޫގައި އިއްޔެ ފެށިއިރު، ފުރަތަމަ މެޗުގައި ކުޑަހުވަދޫ ވަނީ 2-4 އިން ފ. ނިލަންދޫ ބަލިކޮށްފަ އެވެ. އަނެއް މެޗަށް މ. ދިއްގަރު ހާޒިރުވެފައިނުވާތީ މި މެޗު 2-0 އިން ލިބުނީ ފ. ދަރަނބޫދޫއަށެވެ.
https://www.fahuminet.com/tournaments/fam-futsal-south-zone-1
އެފްއޭއެމް ފުޓްސަލްގައި މިހާރު ކުރިއަށްދަނީ ހުރިހާ ޒޯންތަކެއްގެ މެޗުތަކެވެ. މި މެޗުތަކަށް ފަހު ރީޖަން ލީގަށް ޓީމުތައް ކޮލިފައިވާނެ އެވެ. އުތުރުގެ ޒޯންތަކުގެ މެޗުތަކަށް ފަހު ރީޖަން ލީގުގެ ޓީމުތައް މިހާރު ވަނީ ކަށަވަރުވެފަ އެވެ.