DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ސައްތައިން ސައްތަ ރެކޯޑަކާ އެކު ނައިވާދޫ އިން ޒޯން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ސައްތައިން ސައްތަ ރެކޯޑަކާ އެކު ނައިވާދޫ އިން ޒޯން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ނައިވާދޫ އިން ނޯތު ޒޯން އެކެއްގެ ޗެމްޕިއަން ޝީލްޑާ އެކު. ފޮޓޯ: ކްލަބް މޯލްޑިވްސް

ސައްތައިން ސައްތަ ރެކޯޑަކާ އެކު ނައިވާދޫ އިން ޒޯން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން • 8 އޮކްޓޫބަރު 2026

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އުތުރުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައިފި އެވެ. 

ނައިވާދޫ އިން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި 1-2 އިން ހއ. އިހަވަންދޫ ބަލިކޮށްގެންނެވެ. 

އަމިއްލަ ރަށުގައި ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެޓީމުން މުބާރާތުގައި 23 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.

ރޭގެ ފައިނަލް މެޗުގައި ނައިވާދޫގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އަސްލަމެވެ. އަސްލަމަކީ މިފަހަރު ނައިވާދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ނައިވާދޫގެ ދެ ވަނަ ގޯލަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ނައިވާދޫ އާއި އިހަވަންދޫ ވާދަކުރި ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ނައިވާދޫ އާއި އިހަވަންދޫ ވާދަކުރި ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

މެޗުގެ ދެ ވަނަ ހާފުގައި އިހަވަންދޫން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނައިވާދޫގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އެލްސައިދު އަލީ ހަމީދު އެވެ. މި ގޯލަށް ފަހު ވެސް އިހަވަންދޫން އެއްކޮށް ކުރިއަށްޖެހި މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި އެވެ. 

މެޗުގައި ިއިހަވަންދޫގެ ހަމަލާތައް އުފެއްދުމުގައި ނައިވާދޫގެ ގޯލްކީޕަރު އިބްރާހީމް ނާޖިހު މޮޅު ކުޅުމެއް ދެއްކި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ނާޖިހު އެވެ. 

ފައިނަލުން ބަލިވިޔަސް އިހަވަންދޫ ވަނީ މިފަހަރުގެ މުބާރާތުގައި ނައިވާދޫއާ ވަރުގަދަ ޗެލެންޖެއް ކޮށްފަ އެވެ. ލީގު ބުރުގައި އިހަވަންދޫ އަތުން ނައިވާދޫ 2-0 އިން މޮޅުވިއިރު އެ މެޗުގައި ވެސް އިހަވަންދޫން ވަނީ ނައިވާދޫގެ ވަރުގަދަ އެޓޭކް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ލީގު ބުރުގެ މެޗަށްވުރެ ފައިނަލް މެޗުގައި އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރި އެވެ. 

https://www.fahuminet.com/tournaments/fam-futsal-north-zone-1

ޒޯން އެކެއްގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ށ. ކަނޑިތީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ށ. ކަނޑިތީމެވެ. 

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހަނިމާދޫގެ މުހައްމަދު ސަމްހާން އެވެ. ޒޯން އެކެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ނައިވާދޫގެ މުހައްމަދު ޝާއިން އެވެ. ޝާއިން ވަނީ މުބާރާތުގައި 6 ގޯލު ޖަހައިފަ އެވެ. 

އެންމެ މޮޅު ކޯޗަކީ ނައިވާދޫގެ ފުޓްސަލްގައި އަބަދުވެސް ފާހަގަކޮށްލެވޭ ހިދުމަތެއް ދެމުން އަންނަ އަހުމަދު ސިނާން އެވެ. 

ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ނައިވާދޫގެ އަހުމަދު ހަމީދު (އަންމަޑޭ)، ނައިވާދޫގެ މުހައްމަދު ޝާއިން، އިހަވަންދޫގެ އިބްރާހީމް ހާމިދު، އިހަވަންދޫގެ އެލްސައިދު އަލީ ހަމީދު އަދި ނައިވާދޫގެ ގޯލްކީޕަރު އިބްރާހީމް ނާޖިހު އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، މުހައްމަދު ޝާއިން އެވެ. 

ޒޯން ޗެމްޕިއަންކަން ހޯދި ނައިވާދޫ އާއި ރަނަރަޕް އިހަވަންދޫ ދެން ވާދަކުރާނީ އުތުރުގެ ސަރަހައްދީ ލީގުގަ އެވެ. މި ލީގުގައި އުތުރުން ވާދަކުރާނީ ޒޯން ދޭއްގެ ޗެމްޕިއަން ރ. ދުވާފަރާއި ރ. އިނގުރައިދޫ އެވެ. މި ހަތަރު ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުގެ އެންމެ ކުރި ހޯދާ ޓީމަކަށް އުތުރުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Predict
Settings