ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓެމަރާރިއޯސް އިން އެންމެ ފަހުގެ ޗެމްޕިއަން ކަބަޓާން އެސްސީ ބަލިކޮށްފި އެވެ.
މުބާރާތް ހުޅުވި މެޗުގައި ކަބަޓާން އެފްޓީއާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދި ކަބަޓާން އެސްސީގެ މައްޗަށް ޓެމަރާރިއޯސް އިން ކުރި ހޯދީ 0-4 އިންނެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި މުހައްމަދު އިޝާމް (ޝަންޓޭ) ހިމަނައިގެން ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ނުކުތް ޓެމަރާރިއޯސް އަށް މިއަދުގެ މެޗުގައި ކަބަޓާންގެ ގޯލް ހުޅުވައިދިނީ ރާއްކޮ އެވެ.
މުބާރާތަށް ކަބަޓާނުން ނެރުނު ސްކޮޑްގައި ހިމެނި ނަން މަޝްހޫރު ދެ ކުޅުންތެރިންގެ ތެރެއިން ކިރްގިސްތާނުގެ އުލާން އިއްޔެ އެޓީމުން ކުޅުނު މެޗުގައި ފެނިފައި ނުވި ނަމަވެސް މިއަދުގެ މެޗުގައި ޓެމަރާރިއޯސްއާ ދެކޮޅަށް އޭނާ ވަނީ ކުޅެފަ އެވެ. މެޗުގެ ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑެއްގައި އޮވެގެން ޓެމަރާރިއޯސް އިން ނިންމާލިއިރު ދެވަނަ ހާފުގައި އެ ޓީމުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އަލީ ފާރިޝް އެވެ. އަނެއް ލަނޑު ޓެމަރާރިއޯސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްކޮ އެވެ.
މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތާ އެކުއެކީހެން ކުރިއަށްދާ އެ އިދާރާގެ ދެވަނަ ހޭންޑްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ޗެލެންޖާސްއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާ ގާތަށް އެ ޓީމު ވަނީ ޖެހިލައިފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެމެރަލްޑާ ވާދަކޮށް ކުރި ހޯދާފައިވާ ޗެލެންޖާސްއިން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ކަމަނަ ބަލިކުރީ 10-17 އިންނެވެ. މި މެޗުގައި ޗެލެންޖާސްގެ ތަރި މަރިޔަމް ލަހުފާ 12 ޕޮއިންޓް އެ ޓީމަށް ހޯދައިދިން އިރު ލަހުފާވަނީ މިއަދުގެ މެޗާއެކު ޖެހިޖެހިގެން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ކަމަނައާއި ޗެލެންޖާސް ވާދަކުރި މެޗުގައި ކަމަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ ހަ ޕޮއިންޓް ހޯދައިދިން އީމާނާ އަލީ އެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހޭންޑްބޯލް މުބާރާތުގައި މިއަދު ދެ މެޗު ކުޅެފައިވާއިރު މިރޭ ކުޅުނު މެޗުގައި އެމެރަލްޑާ ވާދަކޮށް ގުޒެލްއިން ވަނީ ކުރި ހޯދައިފަ އެވެ.
https://fahuminet.com/tournaments/maalhendhoo-council-futsal-tournament-2026
ގުޒެލްއިން މި މެޗު 14-25 އިން ކާމިޔާބުކުރި އިރު މި މެޗުގައި ގުޒެލްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ 13 ޕޮއިންޓް ހޯދި މަލާޒާ މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާއިޝަތު ސާއިނާ ވަނީ 12 ޕޮއިންޓް ހޯދައިދީފަ އެވެ. މި މެޗުގައި އެމެރަލްޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އަށް ޕޮއިންޓް ހޯދައިދިން ފާތިމަތު އަފާފް އެވެ. މި ނަތީޖާއާއެކު އެމެރަލްޑަށް ވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ.
https://fahuminet.com/tournaments/maalhendhoo-council-handball-tournament%202026
މާދަމާވެސް ފުޓްސަލް މުބާރާތުގެ މެޗަކާއި، ހޭންޑްބޯލް މުބާރާތުގެ ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުޓްސަލް މުބާރާތުގައި ލީގު އުސޫލުން ކުޅޭ އެންމެ ފަހު މެޗުގައި ކަބަޓާން އެފްޓީ އާއި ޓެމަރާރިއޯސް ވާދަކުރާއިރު މާދަމާ ހަވީރު ކުޅޭ ހޭންޑްބޯލް މެޗުގައި ބައްދަލުކުރާނީ ޗެލެންޖާސް އާއި ގުޒެލް އެވެ. މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަމަނަ އާއި އެމެރަލްޑެވެ.