އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ތަފާތު މޮޅު ކުޅުމެއް ދައްކައި ނިލަންދޫ އިން ކާމިޔާބުކޮށްފި އެވެ.
ނިލަންދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ އެރަށުގައި ކުޅުނު އަތޮޅު ފައިނަލުގައި އަވައްޓެރި ދަރަނބޫދޫގެ މައްޗަށް 2-12 އިން ކުރި ހޯދައިގެންނެވެ.
ރޭގެ މެޗުގައި ނިލަންދޫގެ އަހުމަދު ރިޒްވާން އިސްމާއީލް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި މޫސާ ޖަމާލް އާއި ބިދޭސީ ކުޅުންތެރިޔާ އުލާން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަލީ، އިޔާޒް އަހުމަދު، އިސްމާއީލް އަތީދު، މުހައްމަދު ޝިމްރާން އަލީ އަދި އާދިލް އަލީ އެވެ.
ދަރަނބޫދޫގެ ދެ ގޯލު މެޗުގައި ޖެހީ އަލީ ނަސީރު އާއި އަތޫފް އާދަމް އެވެ.

އަތޮޅު ބުރުގައި ނިލަންދޫން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރި އެވެ. އެއްވަރުވީ ގްރޫޕް ސްޓޭޖުގައި ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗެވެ.
ނިލަންދޫ ލީގު ބުރުގެ އެއް ވަނަ ހޯދިއިރު ދަރަނބޫދޫ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ލީގު ބުރުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
އަތޮޅު ފައިނަލުން ފުރުސަތު ލިބުމާއެކު މި ދެޓީމަށް ވެސް މިހާރު ވަނީ ޒޯންގެ ޖާގަ ލިބިފަ އެވެ. ނިލަންދޫ އާއި ދަރަނބޫދޫގެ އިތުރުން އަތޮޅު ބުރުގައި މަގޫދޫ އާއި ބިލެއްދޫ އަދި ފީއަލި ވާދަކުރި އެވެ. ފ. އަތޮޅަކީ ހުރިހާ ރަށަކުން މުބާރާތުގައި ވާދަކުރި ހަމައެކަނި އަތޮޅެވެ.
https://www.fahuminet.com/tournaments/fam-f-atoll-futsal-championship
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ވަނީ މ. އަތޮޅު ބުރުގެ މެޗުތަކުގެ ލީގު ބުރު ނިމިފަ އެވެ. ލީގު ބުރުގެ އެއް ވަނަ ދިއްގަރު ހޯދިއިރު ދެ ވަނަ ހޯދީ ވޭވަށެވެ. މި ދެ ޓީމަށް ވަނީ އަތޮޅު ފައިނަލާ އެކު ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ. ލީގު ބުރުން ކެޓީ ތިން ވަނަ ލިބުނު މުލަކާއި މުބާރާތް ބޭއްވި މުލީ ޓީމެވެ. މ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު އެވެ.
އަތޮޅު ބުރުގެ ތ. އަދި ލ. އަތޮޅުގެ މެޗުތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.