މިހާރު ކުރިއަށްދާ ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ޓީމް ދަރުމަވަންތަ އާއި ޓިކާސް މޯލްޑިވިއަން އެއާ އެމްބިއުލާންސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމު، މިބްސާ އަދި ހުޅުމާލެ ހޮސްޕިޓަލުން ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
ރޭ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ނަތީޖާތަކަށް ބަލާއިރު ޓީމު ދަރުމަވަންތަ ސެމީ ފައިނަލް ކަށަވަރުކުރީ ޓްރޭޑް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީގައި 3-4 އިން ކުރި ހޯދައިގެންނެވެ.
މެޗުގައި ދަރުމަވަންތައިގެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ހަލީމް އެވެ. ޓްރޭޑް ކްލަބުގެ ގޯލު ޖެހީ އަލީ އިބްރާހީމް އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ދަރުމަވަންތައިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޓްރޭޑް ކްލަބަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓިކާސް ވަނީ މޮޅު ކުޅުމެއް ދައްކައި، ރައްޔިތުންގެ މަޖިލީހުގެ ޓީމު ޕެމާ 1-5 އިން ބަލިކޮށްފަ އެވެ. މެޗުގައި ޓިކާސްގެ ފަސް ގޯލު ޖެހީ، އަލީ ނާހިލް އަހުމަދާއި، ރައްޒާން އަބްދުއްސަމަދުގެ އިތުރުން އަލީ ގައިޝް އާމިރު އަދި އާދަމް އަޒްމީނާއި ހަސަން ނާސިހު އާދަމް އެވެ. ޕެމާގެ ހަމައެކަނި ގޯލު ޖެހީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓިކާސްގެ އަޒްމީން އެވެ.
ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި މިބްސާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ހެލްތު ރެކްރިއޭޝަން ކްލަބް 0-4 އިން ބަލިކޮށްފަ އެވެ. މެޗުގައި މިބްސާގެ އަލީ އަޖުމަލް ވަނީ ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ މުހައްމަދު ސާމީ އާއި އަބްދުﷲ ޔާމީންގެ އިތުރުން ޝިނާން ޝަރީފް އެވެ.
ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަ މެޗަކަށްވީ ފަހު މެޗެވެ. މިގޮތުން މޯލްޑިވްސް ގޭހުގެ ޓީމު، ލިކުއިޑް ނިޓްރޮޖެން އެފްސީ އާއި ހުޅުމާލެ ހޮސްޕިޓަލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ހުޅުމާލޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ނާއިފް އާއި ހަސަން ސޮލާހުގެ އިތުރުން އިބްރާހީމް ސޯލިހު އެވެ. ލިކުއިޑް ނިޓްރޮޖެންގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރާއިފް އާއި މިފްޒާލް އާދަމްގެ އިތުރުން ހުސައިން އަހުސަމް މޫސާ އެވެ.
އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ހުޅުމާލެ ހޮސްޕިޓަލުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. ނިޓްރޮޖެންގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. ހުޅުމާލެ ހޮސްޕިޓަލުން ޕެނަލްޓީގައި ކުރި ހޯދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ ގޯލުގައި ހުށިޔާރު ކުޅުމެއް ދެއްކި ކީޕަރު، މުހައްމަދު އަހުސަން އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ވެސް ކުއާޓާ މެޗު ކުޅެން އޮތް ދުވަހު އެވެ. އެޓީމަށް ކުއާޓާގެ ޖާގައެއް ލިބުނީ، ކުރިން އެ ޖާގަ ލިބިފައި އޮތް ކްލަބް އާސަންދަ ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ހިމެނުމުން އެޓީމަށް ލިބިފައިވާ ޕޮއިންޓް އުނިކުރުމުންނެވެ.
https://www.fahuminet.com/tournaments/health-cup-2026-mens-division
ސެމީ ފައިނަލް މެޗުތައް އޮންނާނީ އާދީއްތަ ދުވަހުގެ ރެ އެވެ.
ހެލްތު ކަޕްގައި 25 ޓީމު ބައިވެރިވިއިރު، އަންހެން ޑިވިޝަނުގައި 9 ޓީމު ވާދަކުރި އެވެ. އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް ވެސް މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހެލްތު ކަޕްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެ އެވެ.