ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބް ގުޅިގެން އިންތިޒާމުކުރި މިއަހަރުގެ ހެލްތު ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހެލްތު ރެކްރިއޭޝަން ކްލަބް ހޯދިއިރު ފިިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީކަސް އެއާ އެމްބިއުލާންސުން ހޯދައިފި އެވެ.
މި ދެޓީމަކީ މިދިޔަ އަހަރުގެ ވެސް ދެ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުތައް ޝަރަފްވެރިކޮށްދެއްވީ، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެވެ. ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ހެލްތާ ދެކޮޅަށް ނުކުތީ މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އެކަމަކު މި ހާފުގައި ހެލްތުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ހަމަލާތައް ގިނަކޮށްފަ އެވެ.
މެޗުގެ ނަތީޖާ އެނބުރުނީ ދެ ވަނަ ހާފުގައި ހެލްތުގެ ސިންވާ އަބްދުއްލަތީފް ދެއްކި މޮޅު ކުޅުމުންނެވެ. މެޗުގެ ދެ ގޯލު ވެސް ޖެހީ ސިންވާ އެވެ. އޭރިޔާ ބޭރުން، ގާތްގަނޑަކަށް އެއް ހިސާބަކުން ލިބުނު ދެ ބޯޅަ ވެސް ތިރިތިރިން ވައްދާލީ ގޯލުގެ ކަނަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ސިންވާ އެވެ.
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީކަސް ހޯދީ ޓީމު ދަރުމަވަންތައާ ވާދަކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު މެޗުގެ ކުރީކޮޅު ކާމިޔާބުކުރީ ދަރުމަވަންތައިގެ އިސްމާއީލް އަރީޝް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޓީކަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ގައިޝް އާމިރު އެވެ. އޭގެފަހުން އެޓީމަށް ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލަދިން ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ނާސިހު އާދަމް އާއި އަލީ ނާހިލް އަހުމަދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާހިލް އެވެ.

އަންހެން ޑިވިޝަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ކްލަބް އާސަންދައިގައި އާމިނަތު މައިހާ މޫސާ އެވެ. މައިހާ ވަނީ މުބާރާތުގައި 8 ގޯލު ޖަހައިފަ އެވެ. ފިރިހެން ޑިވިޝަނުގެ ރަން ބޫޓު 16 ގޯލާ އެކު ހޯދީ ޓީކަސްގެ އަލީ ނާހިލް އަހުމަދެވެ.
އަންހެން ޑިވިޝަނުގެ ބެސްޓް ކޯޗުގެ މަގާމް، ހެލްތު ރެކްރިއޭޝަން ކްލަބުގެ އަހުމަދު އަބްދުﷲ ހޯދިއިރު ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޓީކަސް އެއާ އެމްބިއުލާންސްގެ ސަނީން ހުސައިން ރިޔާޒް އެވެ.
އެންމެ މޮޅު ސަޕޯޓިން ޓީމަށް އަންހެން ޑިވިޝަނުން ޓީމް އައިކެއާ ހޮވުނުއިރު ފިރިހެން ޑިވިޝަނުން ހޮވުނީ މެޑިކާ ހޮސްޕިޓަލެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ހެލްތުގެ ގޯލްކީޕަރު ލުބްނާ ހުސައިން މަނިކް، ހެލްތުގެ ކެޕްޓަން އާއިޝަތު ސާމިޔާ، ހެލްތުގެ ސިންވާ އަބްދުއްލަތީފް، މޯލްޑިވިއަންގެ ފާތިމަތު ދިމްޝާ އަދި މޯލްޑިވިއަންގެ އާތިކާ މުމްތާޒް އެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ޓީމް ދަރުމަވަންތައިގެ ގޯލްކީޕަރު ހަސަން އަބްދުﷲ، ޓީކަސް އެއާ އެމްބިއުލާންސްގެ ހަސަން ނާސިހު އާދަމް، ދަރުމަވަންތައިގެ ހަސަން ހަލީމް، ޓީކަސްގެ އަލީ ނާހިލް އަހުމަދު އަދި ޓީކަސްގެ އާދަމް އަޒްމީން އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެލްތުގެ ކެޕްޓަން ސާމިޔާ އެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީކަސްގެ ނާހިލް އެވެ.
ހެލްތު ކަޕަކީ ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުގައި ޖުމްލަ 25 ޓީމު ވާދަކުރި އެވެ. އެއީ އަންހެން ޑިވިޝަނުގައި 9 ޓީމު އަދި ފިރިހެން ޑިވިޝަނުގައި 16 ޓީމެވެ.
https://www.fahuminet.com/tournaments/health-cup-2026-womens-division
ހެލްތު ކަޕްގެ ދެ ވަނަ އެޑިޝަން ފެނުނީ މިދިޔަ އަހަރަށްވުރެ ފޯރިގަދަކޮށެވެ. މި މުބާރާތުގެ މިއަހަރުގެ ލައިވްސްކޯ ޕާޓްނަރަކީ ފަހުމިނެޓެވެ.
https://www.fahuminet.com/tournaments/health-cup-2026-mens-division
މި ނޫހުގެ ފަރާތުން ހެލްތު ކަޕާ ގުޅިގެން ވަނީ ސްކޯ ޕްރިޑިކްޝަން ޗެލެންޖެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރިޑިކްޝަން ކާމިޔާބުކުރީ އާގިލް މުހައްމަދެވެ. އާގިލް އަށް ދީފައިވަނީ ރާއްޖޭގެ ކޮންމެވެސް މަންޒިލަކަށް ދެ މީހަކަށް ދަތުރުކުރެވޭ ގޮތަށް މޯލްޑިވިއަންގެ ޓިކެޓެކެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ އާގިލް އަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.