ހެލްތު ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.
މިރޭ ކުޅޭ ފުރަތަމަ ފައިނަލުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަނުގައި ވާދަކުރި ހެލްތު ރެކްރިއޭޝަން ކްލަބާއި މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ ޓީމެވެ. އޭގެފަހުން ކުޅޭ ފިރިހެން ފައިނަލުގައި ވާދަކުރާނީ ޓީމު ދަރުމަވަންތަ އާއި ޓިކާސް މޯލްޑިވިއަން އެއާ އެމްބިއުލާންސް އެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ އަންހެން އަދި ފިރިހެން ޓީމު ވެސް ފައިނަލުގައި ވާދަކުރުމެވެ.
މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ އަންހެން ޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޓީމު، އެޗްޕީއެސްއެންއާ ވާދަކޮށް މޯލްޑިވިއަން މޮޅުވީ ވާދަވެރި މެޗަކަށް ފަހު 2-1 އިންނެވެ.
އަންހެން ފައިނަލުގައި މޯލްޑިވިއަންއާ ދެކޮޅަށް ވަދަކުރާ ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދައިފަ އެވެ. އެޓީމު ސެމީ ފައިނަލުގައި ވަނީ ވިލާ ކޮލެޖުގެ ޓީމު ވީސީ ހީލާސް 0-8 އިން ބަލިކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގައި ހެލްތު ރެކްރިއޭޝަނުން ވަނީ މޯލްޑިވިއަންގެ މައްޗަށް 0-2 އިން ކުރި ހޯދައިފަ އެވެ.

ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގައި 20 ގޯލު ޖަހައިފަ އެވެ. ފައިނަލާ ހަމައަށް އެޓީމު ކުރި ދަތުރުގައި ބައިކޮޅަށް ގޯލެއް ވަދެފައެއްނުވެ އެވެ. މި ނަތީޖާއާ އެކު މިރޭގެ ފައިނަލަށް ނުކުންނައިރު ހެލްތު ރެކްރިއޭޝަން ކްލަބަށް އޮތް ހިތްހަމަޖެހުން ބޮޑެވެ. އަނެއްކޮޅުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ ވެސް މިރޭގެ ފައިނަލް ކާމިޔާބުކުރަން އެޓީމަށް ލިބޭ ހިތްވަރެކެވެ.
ހެލްތާ ދެކޮޅަށް ނުކުންނަ މޯލްޑިވިއަން އެއާ އެމްބިއުލާންސް ޓީމުން ވަނީ މިހާތަނަށް އައިއިރު ރަނގަޅު ނަތީޖާތަކެއް ނެރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމުން ފަސް މެޗުގައި 11 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް 5 ގޯލު ވަނީ ވަދެފަ އެވެ. މުބާރާތުގައި އެޓީމު ބަލިވި ހަމައެކަނި މެޗަކީ ގްރޫޕް ސްޓޭޖުގައި ހެލްތާ ދެކޮޅަށް ކުޅުނު މެޗެވެ.
ފިރިހެން ފައިނަލުގައި ވެސް މޯލްޑިވިއަން ޓިކާސް އެއާ އެމްބިއުލާންސް ޓީމު ވާދަކުރާއިރު، އެޓީމުން ވަނީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޓިކާސް އިން ފަސް މެޗުގައި 31 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 6 ގޯލެވެ. އެޓީމު ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ.
ޓިކާސް ޗެމްޕިއަންކަން ދިފާއުކުރަން ނުކުންނައިރު، އެޓީމާ ދެކޮޅަށް ނުކުންނަ ޓީމު ދަރުމަވަންތައަކީ ވެސް މޮޅު ކުޅުމެއް ދައްކައިގެން ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ގްރޫޕް ސްޓޭޖުގައި އެއް ވަނަ ހޯދިއިރު ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެޓީމުން ޓްރޭޑް ކްލަބް ބަލިކުރި އެވެ. އަދި، އުނދަގޫ ސެމީ ފައިނަލުގައި މިބްސާ 2-3 އިން ބަލިކުރި އެވެ. މުބާރާތުގައި ދަރުމަވަންތަ ބަލިވި ހަމައެކަނި މެޗަކީ ގްރޫޕް ސްޓޭޖުގައި ރައްޔިތުންގެ މަޖިލީހުގެ ޓީމު، ޕެމާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ބަލިވީ 6-8 އިންނެވެ.
https://www.fahuminet.com/tournaments/health-cup-2026-mens-division
https://www.fahuminet.com/tournaments/health-cup-2026-womens-division
ހެލްތު ކަޕްގެ ފޯރިގަދަ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، އަންހެން ޑިވިޝަނުގެ ފައިނަލް ފަށާނީ މިރޭ 8:45 ގަ އެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ 9:45 ގަ އެވެ. މި ދެ މެޗު ވެސް ވަގުތުން ދައްކާނެ އެވެ. އަދި މެޗުގެ ލައިވްސްކޯ ފަހުމިނެޓުން ގެނެސްދޭނެ އެވެ.