ފުރަތަމަ ސަފްޙާ / ޚަބަރު / ޗިކޯސް ތިން ވަނަ ތަށި ހޯދަން މިރޭ ނުކުންނައިރު ޑީ ޓެން އޮތީ ވަރުގަދަކޮށް
ޗިކޯސް ތިން ވަނަ ތަށި ހޯދަން މިރޭ ނުކުންނައިރު ޑީ ޓެން އޮތީ ވަރުގަދަކޮށް
ޑީ ޓެންގެ ހާއްޕެ، ޗިކޯސްގެ މައްޓު އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ. މި ދެޓީމުގެ ވާދަވެރި ފައިނަލް މިރޭ ކުޅޭނެ. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

ޗިކޯސް ތިން ވަނަ ތަށި ހޯދަން މިރޭ ނުކުންނައިރު ޑީ ޓެން އޮތީ ވަރުގަދަކޮށް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 30 އޮގަސްޓް 2026

ނ. މިލަދޫގައި މިހާރު ކުރިއަށްދާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ޗިކޯސް އެފްސީ އާއި ޑީ ޓެން އެފްސީ މިރޭ ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މިލަދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަތް ވަނަ ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިރޭ އެންމެ ފަހުގެ ރަނަރަޕް ޗިކޯސް އާއި ޑީ ޓެން ވާދަކުރާއިރު މި ދެ ޓީމު މި މުބާރާތުގައި އަދި ބަލިވެފައެއް ނެތެވެ. ލީގު އުސޫލުން ކުރިއަށްގެންދިޔަ މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މިލަދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލުން ޗިކޯސް ޖާގަ ހޯދާފައިވަނީ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގެ ބުރު ކާމިޔާބުކުރި މަގޫދޫއަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސް 1-3 އިން ސެމީ ފައިނަލްގައި ބަލިކޮށްގެންނެވެ. ޑީ ޓެން އިން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި 1-6 އިން ފެލްކަންސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޑީ ޓެން ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކޮށްފަ އެވެ. އެޓީމުން ފަސް މެޗުގައި 18 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ.

ކުޅުންތެރިންނަށް ބަލާއިރު ޑީ ޓެން ޓީމުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފުޓްސަލްގެ އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި ސާފް ފުޓްސަލް ކަޕް ރާއްޖޭން ކާމިޔާބުކުރިިއިރު ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު ރާހިލް ރަޝީދު (ރާއްކެ) އެވެ. މި ދެކުޅުންތެރިންގެ މޮޅު ކުޅުން މި މުބާރާތުގައި ވެސް އަންނަނީ ތަކުރާރު ކުރަމުންނެވެ. 

ހާއްޕެ އާއި ރާއްކޮގެ އިތުރުން އަހުމަދު އިނަފް އަބްދުﷲ ވެސް އަންނަނީ ޑީ ޓެން ޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދެމުންނެވެ. އަދި އެޓީމުގެ ކައިސަން ބިން ހިސާން އަކީ ވެސް ސެމީ ފައިނަލުގައި ގޯލު ޖެހި، ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. 

ޗިކޯސް އަށް ބަލާއިރު، އެޓީމުން ވަނީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އެއްވަރުވީ ލީގު ބުރުގައި ޑީ ޓެންއާ ދެކޮޅަށް ކުޅުނު މެޗެވެ. ފަސް މެޗުގައި 12 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. 

ޗިކޯސް ކޮޅަށް މަދު ގޯލުތަކެއް ވަނުމުގެ ސަބަބަކީ އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި ރާއްޖޭގެ ތަޖުރިބާކާރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު އައްޒާމް ހިމެނުނެވެ. އައްޒާމަކީ ރާއްޖޭގެ ފުޓްސަލްގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމެވެ. ތަޖުރިބާރާއި ހުނަރާއި ލީޑަރޝިޕަށް ބަލާއިރު އައްޒާމަކީ އެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. 

އައްޒާމާ އެކު ޗިކޯސް ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެއް ފެންވަރެއްގައި ފުޓްސަލްގެ ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ އަލީ މާއިސް (މައްޓު) އެވެ. އިދިކޮޅު ޓީމަށް ހިފަހައްޓަން މައްޓު ވަނީ މުބާރާތުގައި މިހާތަނަށް 6 ގޯލު ޖަހައިފަ އެވެ. ފައިނަލަށް ނުކުންނައިރު ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް މައްޓު އެވެ. 

ޗިކޯސް ޓީމުން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ހުސައިން ޝާފީ އެވެ. މުބާރާތުގައި ޝާފީ މިހާތަނަށް 4 ގޯލު ޖަހާފައިވާއިރު އޭގެތެރެއިން ދެ ގޯލު ޖެހީ ސެމީ ފައިނަލުގައި ގޯލްޑަން ފެލްކަންސް ކޮޅަށެވެ. އެހެންވެ ފައިނަލަށް ނުކުންނައިރު ޝާފީގެ މުހިއްމުކަން ޗިކޯސް އަށް އިތުރަށް ބޮޑުވާނެ އެވެ. 

https://www.fahuminet.com/tournaments/miladhoo-mym-futsal-challenge-2026

މިލަދޫގައި ފޯރިއާއެކު ކުރިއަށްދާ ފުޓްސަލް އީދުގެ ފައިނަލުގައި ޗިކޯސް އާއި ޑީ ޓެން ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މި މެޗުގެ ލައިވް ކަވަރޭޖް "ފަހުމިނެޓް" ގެ ޕޭޖުން ފެންނާނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings