ފައިނަލުގައި ޗިކޯސް އެފްސީ 4-2 އިން ބަލިކޮށް، ނ. މިލަދޫގައި ބޭއްވި އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑީ-ޓެން އެފްސީ ކާމިޔާބުކޮށްފި އެވެ.
ފުޓްސަލް ތަރިން ހިމެނުނު ވާދަވެރި ފައިނަލް މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ފައިނަލް މެޗު ބެލުމަށް މިލަދޫގެ ގިނަ ބަޔަކު ފުޓްސަލް ދަނޑަށް ވަނީ ގޮސްފަ އެވެ.
ޑީ-ޓެން އިން ފައިނަލް މެޗު ކާމިޔާބުކުރީ ޗިކޯސް ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ.
މެޗުގައި ޗިކޯސްގެ ދެ ގޯލު ޖެހީ ހުސައިން ޝާފީ އާއި އަލީ މާއިސް (މައްޓު) އެވެ. މި ދެކުޅުންތެރިން ވެސް ވަނީ ޗިކޯސް ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޑީ-ޓެންގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ކައިސަން ބިން ހިސާން އާއި އަހުމަދު އިނަފް އަބްދުﷲ އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ކާމިޔާބުކުރި އެވެ. ޑީ-ޓެން ޓީމުގައި ހިމެނުނު އަލީ ހާޒިފް (ހާއްޕެ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ ތަޖުރިބާއާ އެކު ޑީ-ޓެން ޓީމުގައި މިފަހަރު އެންމެ ވިދާލި ދެ ކުޅުންތެރިންނަކީ އިނަފް އާއި ކައިސަން އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުޓްސަލް ތަރި ހާއްޕެ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހާއްޕެގެ އިތުރުން ޑީ-ޓެންގެ އިނަފް އާއި ޗިކޯސްގެ މައްޓު އަދި ޝާފީގެ އިތުރުން އިބްރާހީމް ލަމީން މުހައްމަދެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ލަމީން އެވެ. ފެއާ ޕްލޭ ޓީމަކަށް ގޯލްޑެން ފެލްކަންސް ހޮވުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޑީ-ޓެން ޓީމުގެ މުހައްމަދު ޝަބީން އާދަމް އެވެ.
މުބާރާތުގެ ކިންގުކަން ހޯދީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި ހާއްޕެ އެވެ.
މިލަދޫ ޔޫތު މޫވްމަންޓްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެމްވައިއެމް ހަތް ވަނަ ފުޓްސަލް ޗެލެންޖުގައި މިއަހަރު ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދިޔައީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ގަދަ ހަތަރު ޓީމު ސެމީ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު ވަނީ 75،000 ރުފިޔާގެ ފައިސާގެ ބޮޑު އިނާމެއް ދީފަ އެވެ. ރަނަރަޕް ޓީމަށް ދީފައިވަނީ 25،000 ރުފިޔާ އެވެ. މިއީ އެންމެ ފަހުން އެ ޖަމިއްޔާއިން ބޭއްވި މުބާރާތުގައި ދިން ފައިސާގެ އިނާމަށްވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 40,000 ރުފިޔާ އެވެ. ރަނަރަޕް ޓީމަށް އެފަހަރު ދިނީ 15,000 ރުފިޔާ އެވެ.
މިލަދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދިޔަ މިފަހަރުގެ މުބާރާތަކީ ވެސް ފޯރިގަދަ އަދި ވާދަވެރިކަން ފެނުނު މުބާރާތެކެވެ.
https://www.fahuminet.com/tournaments/miladhoo-mym-futsal-challenge-2026
މިލަދޫ ރައްޔިތުންގެ ކުރިއެރުމާއި، ލާބައަށް އެހީތެރިވެދިނުމަށްޓަކައި 2017 ވަނަ އަހަރު އުފަންކުރި މިލަދޫ ޔޫތު މޫވްމަންޓުން އަންނަނީ ފުޓްސަލްގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ އަދި ބަށި މުބާރާތްތައްވެސް ބާއްވަމުންނެވެ. ކުޅިވަރު ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގެ އިތުރުން މިލަދޫ ޔޫތު މޫވްމަންޓުން އަންނަނީ ރައްޔިތުންގެ ދިނީ ހޭލުންތެރިކަން އިތުރުކުރުމަށްތަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.