ނ. މިލަދޫގައި ކުރިއަށްދާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅެން ތައްޔާރުވެއްޖެ އެވެ.
މިލަދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ވެސް މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅުނު ބުރުން އެއް ވަނަ ހޯދި ޗިކޯސް އެފްސީ އާއި ހަތަރު ވަނަ އަށް ސެމީ ފައިނަލުން ޖާގަ ހޯދި ގޯލްޑަން ފެލްކަންސް އެވެ.
މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޗިކޯސް އެފްސީއިން ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު މި މުބާރާތުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. މިފަހަރު ގެ މުބާރާތުގައި އެ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ނުވަ ގޯލް ޖަހައިފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ޗިކޯސްއާ ދެކޮޅަށް ނުކުންނަ ގޯލްޑަން ފެލްކަންސް އަށް މިފަހަރުގެ މުބާރާތުގައި އަދި ކާމިޔާބުކުރެވިފައި ވަނީ އެންމެ މެޗެކެވެ. މަގޫދޫއަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސް އިން މި މުބާރާތުގައި މިހާތަނަށް 12 ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް 13 ގޯލް ވަނީ ވަދެފަ އެވެ. ލީގު އުސޫލުން ކުޅުނު ބުރުގައި ޗިކޯސް އާއި ގޯލްޑަން ފެލްކަންސް ވާދަކުރި މެޗު ޗިކޯސް އިން ކާމިޔާބުކުރީ 1-4 އިންނެވެ.
މިލަދޫ ޔޫތު މޫވްމަންޓުން ބާއްވާ ހަތް ވަނަ ފުޓްސަލް ޗެލެންޖުގައި މިރޭ 10 ޖަހާއިރު ކުޅޭ ގޮތަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު އުސޫލުން ކުޅުނު ބުރުން ދެވަނަ ހޯދި ޑީ ޓެން އެފްސީ އާއި ތިންވަނަ ހޯދި ފެލްކަންސް އެވެ.
މުބާރާތް ހުޅުވި މެޗުގައިވެސް ބައްދަލުކުރި މި ދެ ޓީމު މިރޭ ސެމީ ފައިނަލަށް ނުކުންނައިރު ޑީ ޓެން އަދި މިފަހަރުގެ މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. މުބާރާތުގައި ޑީ ޓެން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރި އިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޑީ ޓެން އިން މިފަހަރުގެ މުބާރާތުގައި 12 ގޯލް ޖަހައިފައިވާއިރު އެ ޓީމު ކޮޅަށް ހަ ގޯލް ވަނީ ވަދެފަ އެވެ.
https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026
ޑީ ޓެން އާ މިރޭ ވާދަކުރާ ފެލްކަންސް އަށް މިފަހަރުގެ މުބާރާތުގައި އަދި މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. މުބާރާތުގައި މިހާތަނަށް ފެލްކަންސް އިން ހަތް ގޯލް ކާމިޔާބުކުރި އިރު 14 ގޯލް ބައިކޮޅަށް ވަދެފައިވެ އެވެ. މި މުބާރާތުގައި ފެލްކަންސް އާއި ޑީ ޓެން ފުރަތަމަ ބައްދަލުކުރި މެޗު ނިމިފައިވަނީ 3-3 އިން އެއްވަރުވެގެންނެވެ.
މިލަދޫ ކައުންސިލް އިދާރާގެ ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75 ހާސް ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.