އޭދަފުށި ކަޕްގައި މިއަދު ހަވީރު އިރުމަތި އެފްސީ ދެ ގޯލު ކުރީގައި އޮއްވައި ފަހަތުން އަރައި ޖެހި ގޯލުތަކާ އެކު ހުސް ސޮނގުން 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.
މެޗު ފަށައިގެން ފުރަތަމަ 20 މިނެޓު ތެރޭ އިރުމަތިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަސީމް އެވެ. އިބްރާހީމް ޝަރީފް (ލުއްޑަ) އަރިމަތިން ނަަގައިދިން ބޯޅަ އަލީ ނަސީމް ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ. އޭގެ ފަހުން 20 ވަނަ މިނެޓުގައި އިރުމަތީގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. މިއީ ބޯޑޫ ޕްރިންސް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ބައްކު ހަމަޖެހިލާފާއި ގޯލުގެ ކަނަށް ވައްދާލި ބޯޅައެކެވެ.
ދެ ގޯލު ފަހަތުގައި އޮވެ ހުސް ސޮނގުން ވަނީ ހިތްވަރާ އެކު ކުޅެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެޓީމުފެ ފުރަތަމަ ގޯލު 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖެހީ އަލީ ޒުބައިރު އެވެ. އޭރިޔާ ބޭރުން ދަނޑުގެ އަރިމަތިން އަލީ ޒުބައިރު ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
މި ގޯލަށް ފަހު ދެ ވަނަ ހާފަށް ހުސް ސޮނގުން ނުކުތީ އިތުރަށް ވަރުގަދަކޮށެވެ. އެޓީމުން ނަތީޖާ ހަމަހަމަކުރި ގޯލު 60 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ފޯވާޑް މުހައްމަދު ޚަލީލް އެވެ. އުމަރުޖަނޯވް އަޚްރޯރް ދިން ބޯޅަ ހޯދުމަށް ފަހު ޚަލީލް ބޯޅަ ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުސް ސޮނގުން ޓީމުގެ ހައްސާން އަބްދުއްލަތީފް އެވެ.
އޭދަފުށި މުބާރާތުގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓާ ހޯދާފައިވާ ވެލާ ސްޕޯޓްސް ކްލަބެވެ. ދެ ވަނައިގައި އޮތް އިރުމަތި އެފްސީ އަށް 4 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ހުސް ސޮނގުންނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ފުލުގައި އޮތީ ފުރަތަމަ މެޗުން ބަލިވި ޓީމް މިޑްލް އީސްޓް އެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. މި މެޗުގައި ވާދަކުރާނީ އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް ކްލަބެވެ.
https://fahuminet.com/tournaments/eydhafushi-cup-2026
އޭދަފުށި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރާނީ ލީގު ބުރުގެ ދެ ވަނަ އަދި ތިން ވަނަ ޓީމެވެ.