އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މިޑްލް އީސްޓާ ވާދަކުރި މެޗު އިރުމަތި އެފްސީ އިން 2-1 އިން ކާމިޔާބުކޮށްފި އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގެ މިއަދުގެ މެޗުގައި އިރުމަތި އެފްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި އިރުމަތީގެ ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި ޖެހީ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. އިބްރާހީމް ޝަރީފް (ލުއްޑަ) ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ބައްކު އެ ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.
ބައްކުގެ ހިތްގައިމު ގޯލާ އެކު އިރުމަތިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެޓީމުގެ ދެ ވަނަ ގޯލު ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ޖެހީ ރައްޒާން ރަޝީދު އެވެ. ލުއްޑަ ނަގައިދިން ހިލޭ ޖެހުން އޭރިޔާތެރޭ ހުރެ ރައްޒާން ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.
ދެ ގޯލުގެ ފަހަތުގައި އޮވެފައި މިޑްލް އީސްޓަށް އުންމީދެއް ލިބުނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ރިފާތު މުހައްމަދު ހިލޭ ޖެހުމަކުން ވައްދާލި ގޯލުންނެވެ.
އެ ގޯލަށް ފަހު މިޑްލް އީސްޓުން ކުރިއަށްޖެހި މެޗު އެއްވަރުކުރެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު އިރުމަތިން ވަނީ ވިސްނުންތެރިކަމާ އެކު ކުޅެ މެޗުގެ ނަތީޖާ 2-1 ގައި ނިންމާލާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބައްކު އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންގާރަ ދުވަހު އެވެ. އެދުވަހު ކުޅޭ މެޗުގައި ވެލާ ސްޕޯޓްސް ކްލަބް ނުކުންނާނީ މިޑްލް އީސްޓާ ދެކޮޅަށެވެ.
މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ވެލާ އިން ވަނީ ފުރަތަމަ މެޗުގައި ހުސް ސޮނގުން 1-5 އިން ބަލިކޮށްފަ އެވެ.
ހަތަރު ޓީމު ވާދަކުރާ އޭދަފުށި ކަޕްގެ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނީ ލީގު ބުރުން އެއް ވަނަ ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ޕްލޭއޮފް މެޗުންނެވެ. ލީގު ބުރުގެ ހަތަރު ވަނަ ލިބޭ ޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތު ބަންދު ވާނެ އެވެ.
https://fahuminet.com/tournaments/eydhafushi-cup-2026
ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ރަށުގައި މިފަހަރުގެ މުބާރާތުގައި ވެސް ދިވެހި މަޝްހޫރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ޓީމުތަކުގައި ހިމެނެ އެވެ.