އދ. ހަންޏާމީދޫގައި މިހާރު ކުރިއަށްދާ ފްލޯފިކްސް ހަންޏާސް ކަޕްގެ ފައިނަލުގައި މިއަހަރު ވެސް މިޑްލް ކްރައުޑާއި ނެކްސަސް ވާދަކުރަން ޖެހިއްޖެ އެވެ.
ހަންޏާސް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހަންޏާމީދޫ ފުޓްސަލް ދަނޑުގައި ރޭ ވަނީ ކުޅެފަ އެވެ. ފުރަތަމަ ސެމީގައި އެ އަތޮޅު މަންދޫ އަށް ނިސްބަތްވާ ރިއަލިޓީއާ ވާދަކޮށް އޮމަދޫ އިން މުބާރާތުގައި ވާދަކުރާ މިޑްލް ކްރައުޑް މޮޅުވީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި މިޑްލް ކްރައުޑް ކުރި ހޯދީ 4-5 އިންނެވެ.
މެޗުގައި މިޑްލް ކްރައުޑްގެ އިސްމާއީލް މަހުފޫޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ އަހުމަދު އަހުސަމް އެވެ. ރިއަލިޓީގެ ތިން ގޯލު ޖެހީ އަޒްޔާން އިބްރާހީމް އާއި އަހުމަދު ހަމްދާންގެ އިތުރުން އަހުމަދު ހަމީދު އެވެ.
ޕެނަލްޓީގައި ރިއަލީޓީ އަށް ނާކާމިޔާބުވީ އަޒްޔާން ޖެހި ފަސް ވަނަ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.
ދެ ވަނަ ސެމީގައި ހަންޏާމީދޫ އަށް ނިސްބަތްވާ ނެކްސަސް އިން މަހިބަދޫގެ ދަ ކްލަބްގެ މައްޗަށް ކުރި ހޯދީ 1-4 އިންނެވެ. މި މެޗުގައި ނެކްސަސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދު އެވެ. ދެން ގޯލު ޖެހީ އަހުނަޒް ޒާހިރު އާއި އިބްރާހީމް ރިމާހު (ރިމޭ) އެވެ. ދަ ކްލަބްގެ ހަމައެކަނި ގޯލު ޖެހީ އާދަމް ފަހުމާން އެވެ.
ފައިނަލުގައި މިރޭ މިޑްލް ކްރައުޑާއި ނެކްސަސް ވާދަކުރާއިރު މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ފެނުނީ މި ދެޓީމުގެ ކުރިމަތިލުމެކެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ނެކްސަސް އިން ހޯދީ 1-4 އިން މިޑްލް ކްރައުޑް ބަލިކޮށްގެންނެވެ.
https://fahuminet.com/tournaments/hanyaax-cup-2026
ފައިނަލަށް ނުކުންނަ ދެ ޓީމު ވެސް ވަނީ ލީގު ބުރުގައި އެއް ވަނަ ހޯދައިފަ އެވެ. ތިން ޓީމު ހިމެނުނު ގްރޫޕުން މިޑްލް ކްރައުޑް އެއް ވަނަ ހޯދީ ޒިލެފީ ބަލިކޮށް، ދަ ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްގެންނެވެ. ނެކްސަސް ވަނީ ގްރޫޕް ސްޓޭޖުގައި ރިއަލިޓީ އާއި ނެމިސް ސްޕޯޓްސް ކްލަބުގެ އިތުރުން ކަޓައްޕާ އެފްޓީ ވެސް ބަލިކޮށްފަ އެވެ.
ހަންޏާސް ކަޕް މިއަހަރު ކުރިއަށްގެންދަނީ ހަންޏާމީދޫގެ އަމިއްލައް ގްރޫޕަކާއި ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ. ރާއްޖޭގައި ފުޓްސަލް މުބާރާތް ބާއްވާތާ އެންމެ ގިނަ ދުވަސްވީ ޓީމު ކަމަށްވާ ކްލަބް މޯލްޑިވްސްއާ އެކު މި މުބާރާތް ކުރިއަށްގެންދިއުމާއެކު، މުބާރާތް ވަނީ އިތުރަށް ވަރުގަަދަވެފަ އެވެ.
ހަންޏާމީދޫ ފްލޯފިކްސް ހަންޏާސް ކަޕް ފައިނަލް މެޗުގައި މިޑްލް ކްރައުޑާއި ނެކްސަސް ވާދަކުރާ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ. ފައިނަލް މެޗުގެ ލައިވް އަޕްޑޭޓް މި ނޫހުން ގެނެސްދޭނެ އެވެ.