DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޯރިގަދަ ފައިނަލެއް، ގޮއިދޫ ފުޓްސަލް މުބާރާތުގެ ތަށި ޔުނީކް ބޯއީޒް އުފުލާލައިފި
ފޯރިގަދަ ފައިނަލެއް، ގޮއިދޫ ފުޓްސަލް މުބާރާތުގެ ތަށި ޔުނީކް ބޯއީޒް އުފުލާލައިފި

ފޯރިގަދަ ފައިނަލެއް، ގޮއިދޫ ފުޓްސަލް މުބާރާތުގެ ތަށި ޔުނީކް ބޯއީޒް އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 16 ސެޕްޓެމްބަރު 2026

ށ. ގޮއިދޫ ކައުންސިލް އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔުނީކް ބޯއީޒް ހޯދައިފި އެވެ. 

ގޮއިދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުން ޔުނީކް ބޯއީޒް މޮޅުވީ ޔުނިޓީ ރެކްރިއޭޝަން ކްލަބާ ވާދަކޮށްގެންނެވެ. 

ވާދަވެރި އަދި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ޔުނީކް ބޯއީޒް ކުރި ހޯދީ 5-4 އިންނެވެ. 

މެޗު އެއްވަރުވިއިރު، ޔުނީކް ބޯއީޒްގެ ތިން ގޯލުގ ެތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މިސްބާހު އެވެ. އެޓީމުގެ ތިން ވަނަ ގޯލު ޖެހީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. ޔުނިޓީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު މުހައްމަދު ޝާން ޖެހިއިރު އަނެއް ގޯލު ޖެހީ ހުސައިން ނިހާލް އެވެ. 

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ޔުނިޓީގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. ޔުނީކް ބޯއީޒް އިން ޗެމްޕިއަންކަން ކަށަވަރުކުރީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ. އެޓީމަށް ޗެމްޕިއަންކަން ކަށަވަރުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ވަނީ ލީގު ބުރުގެ ފަހު މެޗާ ހަމައިން އެޓީމާ ގުޅި، ޗެމްޕިއަންކަން ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ބޯއީޒް އަށް ފައިނަލުގައި ދެ ގޯލު ޖަހައިދިން މުހައްމަދު މިސްބާހު އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެފްޓީ ކިންގްސް އެވެ.  

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ، ޔުނީކް ބޯއީޒް އަށް ތަށި ހޯދައިދިން ކޯޗު ޒުހައިރު އާދަމް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ބައިސާގެ އަހުމަދު އަތޫފް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ، ރޯޔަލް ޗެލެންޖާސް ޓީމަށް 9 ގޯލު ކާމިޔާބުކޮށްދިން އިބްރާހީމް އައިމަން އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ޔުނިޓީގެ މުހައްމަދު ހުޒާމް، ޔުނީކް ބޯއީޒްގެ އަބްދުﷲ ރިޒާން، ޔުނިޓީގެ މުހައްމަދު ޝާން، ޔުނީކް ބޯއީޒްގެ އަބްދުﷲޒިޔާން (ޖަންކީ) އަދި ޔުނިޓީގެ ޝައިހާން ބިން މުހައްމަދު އިބްރާހީމް އެވެ. 

މުބާރާތުގެ ކިންގުގެ މަގާމް ހޯދީ، ޗެމްޕިއަން ޔުނީކް ބޯއީޒްގެ އަބްދުﷲ ރިޒާން އެވެ. 

https://fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal

ގޮއިދޫ ފުޓްސަލް މުބާރާތުގައި މިއަހަރު ވަނީ ހަތް ޓީމު ވާދަކޮށްފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްގެންދިޔައީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ލީގު ބުރުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން، ފައިނަލުގެ ޖާގަތައް ަކަށަވަރުވީ ވެސް ފަހު މެޗުތަކުގަ އެވެ. 

ގޮއިދޫ ސްޕޯޓްސް ފިއެސްްޓާގެ ފުޓްސަލް މުބާރާތް ނިމުނުއިރު، ދެން އޮންނާނީ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ބަށި މުބާރާތެވެ. މިއީ ކައުންސިލުން އިންތިޒާމުކޮށްގެން ބަށި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 

ގޮއިދޫ ސްޕޯޓްސް ފިއެސްޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings