ށ. ގޮއިދޫގައި މިހާރު ކުރިއަށްދާ ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުން އެމްޓީ ސްޕޯޓްސް ކްލަބް މޮޅުވެ އުންމީދެއް ހޯދިއިރު، އެފްޓީ ކިންގްސް އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދު ވެއްޖެ އެވެ.
ގޮއިދޫގެ ހަ ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގައި އިއްޔެ ވެސް ވަނީ ތިން މެޗު ކުޅެފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ރޯޔަލް ޗެލެންޖާސްއާ ވާދަކޮށް ޔުނިޓީ ރެކްރިއޭޝަން ކްލަބް ވަނީ 1-0 އިން މޮޅުވެފަ އެވެ. މެޗުގައި ޔުނިޓީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝައުފާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނިޓީގެ ޝާދިން ބިން މުހައްމަދު އިބްރާހީމް އެވެ.
ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެފްޓީ ކިންގްސް ވަނީ އެފްސީ ޔުނީކް ބޯއީޒްއާ ވާދަކޮށް 1-3 އިން ބަލިވެފަ އެވެ. މި މެޗުގައި ޔުނީކް ބޯއީޒްގެ ތަފާތަކަށްވީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ރިޒާން އެވެ. މެޗުގެ އެޓީމުގެ ތިން ގޯލު ވެސް ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިޒާން އެވެ. އެފްޓީ ކިންގްސްގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ރަމީޒެވެ.
ގޮއިދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފަހު މެޗު ފެނުނީ ފޯރިގަދަކޮށެވެ. ކްލަބް ބައިސާ އާއި ވާދަކޮށް މި މެޗު 4-2 އިން ކާމިޔާބުކުރީ އެމްޓީ ސްޕޯޓްސް ކްލަބެވެ. އެޓީމުން މުބާރާތުގައި ހޯދި ފުރަތަމަ މޮޅުގައި ގޯލުތައް ޖަހައިދިނީ ހުސައިން ވިޔާމް އާއި ހެޓްރިކް ހެދި މުހައްމަދު ޒިމާމް އެވެ. ޒިމާމް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ކްލަބް ބައިސާގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ނިހާލް ކާމިޔާބުކުރި ގޯލެކެވެ. އަނެއް ގޯލު ޖެހީ އަޔާޒް އަބްދުﷲ އެވެ.
މިހާރު ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު އެއް ވަނައިގައި އޮތީ 9 ޕޮއިންޓް ހޯދާފައިވާ ޔުނިޓީ އެވެ. ދެ ވަނައިގައި އޮތް ޔުނީކް ބޯއީޒް އަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 4 ޕޮއިންޓް ލިބިފައިވާ ރޯޔަލް ޗެލެންޖާސް އެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ބައިސާ އާއި ފަސް ވަނައިގައި އޮތް އެމްޓީ ސްޕޯޓްސް އަށް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ.
https://fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal
އިއްޔެގެ މޮޅާ އެކު އެމްޓީ ސްޕޯޓްސް އަށް ވަނީ އުންމީދެއް ލިބިފަ އެވެ. އެކަމަކު ފައިނަލުގެ ޖާގައެއް އެޓީމަށް ލިބެން އޮތީ ބާކީ ދެ މެޗުގައި ހިތްވަރާއެކު ކުޅެ މޮޅުވެގެންނެވެ. ތާވަލުގެ ފުލުގައި އޮތތް އެފްޓީ ކިންގްސް އަށް މިހާރު ވަނީ ފައިނަލުގެ ފުރުސަތު ބަންދުވެފަ އެވެ. އެޓީމު ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ގޮއިދޫ ފުޓްސަލްގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. މިއަދުގެ މެޗުތަކަށް ފަހު ފައިނަލުގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާނެ އެވެ.