އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ އިން ހޯދައިފި އެވެ.
ވާދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ގދ. ފަރެސްމާތޮޑާ 3-1 އިން ބަލިކޮށްގެންނެވެ.
ގދ. އަތޮޅުން މުބާރާތުގައި ވާދަކުރީ ދެ ޓީމެވެ. ފައިނަލް މެޗު ކުޅުނީ ފަރެސްމާތޮޑާގަ އެވެ.
ރޭގެ މެޗުގައި ވާދޫގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނާއިލް އެވެ. ދެ ވަނަ ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އަބްދުﷲ އާހިލް އަލީ އެވެ. އޭގެފަހުން 28 ވަނަ މިނެޓުގައި ވާދޫގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިޔާދު އަލީ އެވެ. ފަރެސްމާތޮޑާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝަހުމް އެވެ.
ޗެމްޕިއަންކަން ހޯދީ ވާދޫ އަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެޓީމުން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ވެސް އެއް އަހަރު ވާދަކޮށްފަ އެވެ.
ގދ. އަތޮޅުން ފައިނަލުގައި ވާދަކުރި ދެ ޓީމު ދެން ކުޅޭނީ ޒޯން ބުރުގަ އެވެ.
https://fahuminet.com/tournaments/fam-gdh-atoll-futsal-championship
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި މިހާރު ކުރިއަށްދަނީ ގއ. އަތޮޅާއި ލ. އަތޮޅުގެ މެޗުތަކެވެ. މުބާރާތުގެ ލ. އަތޮޅު ފައިނަލުގައި ގަމާއި އިސްދޫ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފަހު ދެން ކުރިއަށްދާނީ ޒޯން ޗެމްޕިއަންޝިޕްގެ މެޗުތަކެވެ. ޒޯން ބުރުގެ މެޗުތައް ވެސް މި މަހު ކުޅެން ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ.