ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ބަށި މުބާރާތް އިއްޔެ ފެށިއިރު، ފުރަތަމަ މެޗު އަޒުމް ކާމިޔާބުކޮށްފި އެވެ.
ގޮއިދޫ ބަށި މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ އަޒުމްގެ އިތުރުން، ވީރު އަދި ގްރީން ވިންގްސްގެ އިތުރުން އޯކިޑް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން އިއްޔެ އަޒުމް މޮޅުވީ ވީރުއާ ވާދަކޮށެވެ. މެޗުގައި އަޒުމް ކުރި ހޯދީ 13 ލަނޑާއެކު އެވެ. ވީރު ޓީމަށް ހެދުނީ 12 ލަނޑާއި 6 ފޯއްޔެވެ.
މުޅި މެޗުގައި ބޮޑު ވާދަވެރިކަމެއް ފެނުނުއިރު، އަޒުމް އަށް މޮޅު ލިބުނީ ވަރަށް ކުޑަ ތަފާތަކުންނެވެ.

ބަށި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޯކިޑް އާއި ގްރީން ވިންގްސް އެވެ. މި މެޗު ފަށާނީ ހަވީރު 4:15 ގަ އެވެ.
ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ކުރި ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ.
މިއީ ގޮއިދޫ ކައުންސިލުން ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ބަށި މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ގޮއިދޫގައި ފޯރިގަދަ ބަށި މުބާރާތެއް ކުރިއަށްދާއިރު، ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް މިހާރު ވަނީ ނިމިފަ އެވެ. ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ޔުނީކް ބޯއީޒް އެވެ.