DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޭދޫ ކައުންސިލް ކަޕް: އެންބްލެކްގެ ރަސްކަން ނިންމައި ޑާކް ވުޑަށް އަލުން ތާޖު އަތުލެވޭނެތަ؟
ފޭދޫ ކައުންސިލް ކަޕް: އެންބްލެކްގެ ރަސްކަން ނިންމައި ޑާކް ވުޑަށް އަލުން ތާޖު އަތުލެވޭނެތަ؟
ކްލަބް ޑާކް ވުޑާއި އެންބްލެކް ލީގު ބުރުގައި ވާދަކުރި މެޗުގެ ތެރެއިން. ވާދަވެރި ފައިނަލް މިރޭ އޮންނާނެ. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ފޭދޫ ކައުންސިލް ކަޕް: އެންބްލެކްގެ ރަސްކަން ނިންމައި ޑާކް ވުޑަށް އަލުން ތާޖު އަތުލެވޭނެތަ؟

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން • 22 އޮކްޓޫބަރު 2026

ށ. ފޭދޫގައި މިހާރު ކުރިއަށްދާ ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިރޭ އެންބްލެކާއި، ކްލަބް ޑާކް ވުޑް ބައްދަލުކުރާއިރު މިއީ މި ވަގުތު ފޭދޫގައި އޮތް އެންމެ ވާދަވެރި ދެ ކްލަބެވެ.

އެންބްލެކުން މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދުމުގެ ވަރުގަދަ އަޒުމުގައި ނުކުންނައިރު ކްލަބް ޑާކް ވުޑްގެ އަމާޒަކަށް ވާނީ ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައި އެންބްލެކުން ހަދައިފައިވާ ރެކޯޑާ އެއްވަރުކުރުމެވެ.   

ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ކައުންސިލް ކަޕްގެ ފައިނަލުން ކްލަބް ޑާކް ވުޑް ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް  އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މުބާރާތުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގައި ޖުމްލަ 29 ގޯލް ޖަޖައިފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އަށް ގޯލެވެ.

އެންބްލެކް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އައިސް ސެމީ ފައިނަލްގައި ބަފަނަ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގައި އެންބްލެކުން ކުޅުނު ފަސް މެޗުގައި ޖުމްލަ 27 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް 11 ގޯލް ވަނީ ވަދެފަ އެވެ.

އެންބްލެކުުުގެ އަފްލާޒް ބޯޅަ ހިފައިގެން، ފައިނަލަށް ނުކުންނައިރު ދެޓީމުގައި މަޝްހޫރު ފުޓްސަލް ކުޅުންތެރިން އެބަތިބި. ފޮޓޯ: ފޭދޫ ކައުންސިލް
އެންބްލެކުުުގެ އަފްލާޒް ބޯޅަ ހިފައިގެން، ފައިނަލަށް ނުކުންނައިރު ދެޓީމުގައި މަޝްހޫރު ފުޓްސަލް ކުޅުންތެރިން އެބަތިބި. ފޮޓޯ: ފޭދޫ ކައުންސިލް

ފޭދޫ ކައުންސިލް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކްލަބް ޑާކް ވުޑާއި، އެންބްލެކް ވާދަކުރި މެޗު ޑާކް ވުޑުން ކާމިޔާބުކުރީ 3-5 އިންނެވެ. އެކަމަކު މިރޭގެ މެޗަށް ޑާކް ވުޑް ނުކުންނައިރު އެ މެޗުގެ ނަތީޖާ އަކީ މާ ބޮޑު ފައިދާއެއް ކުރާނެ ނަތީޖާއެއް ކަމަކަށް އެޓީމަކުން ނުދެކެ އެވެ.

ފައިނަލް މެޗު މާ ބޮޑަށްވެސް ތަފާތު ވާނެ. ގްރޫޕް ސްޓޭޖުގައި އަހަރެމެން މޮޅުވެފައި އޮތަސް މި މެޗު ފަސޭހަކޮށެއް އަހަރެމެން ނުނަގާނެ. އެ ޓީމުންވެސް މިރޭގެ މެޗަށް ނުކުންނާނީ ކުރީ ރޭ ހެދުނު މިސްޓޭކްތައް ބަލައިގެން އެކަބްކަން ރަގަޅުކޮށްގެން. އެހެންވީމަ. ފައިނަލް މެޗު ފަސޭހައެއް ނުވާނެ. 

ފައިނަލް މެޗުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ކްލަބް ޑާކް ވުޑްގެ މެނޭޖަރު މުހައްމަދު އަޔާން ބުންޏެވެ.

އަޔާން ފާހަގަކުރި ގޮތުގައި ސެމީ ފައިނަލް ނުކުޅެ ސީދާ ފައިނަލުން ޖާގަ ލިބުމަކީ އެ ޓީމަށް ލިބުނު ފައިދާއެއް ކަމަށާއި، އަނިޔާގައި ތިބި ކުޅުންތެރިންގެ ރިކަވަރީއަށް އޭގެ ސަބަބުން އިތުރު ދުވަސްތަކެއް އެޓީމަށް ލިބުނު ކަމަށެވެ.  މިރޭގެ މެޗަށް ނުކުންނައިރު ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ހައިޝަމްއަށް ކުޅެވޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި، އެ ނޫން އެއްވެސް އަނިޔާގެ މައްސަލައެއް ޓީމުގައި ނެތް ކަމަށް ޑާކް ވުޑުން ބުނެފައިވެ އެވެ.

މެނޭޖަރު އަޔާން ބުނީ މުބާރާތުގެ މިހާތަނަށް ޑާކް ވުޑުން ނެރެފައިވަނީ ކުރިންވެސް އުންމީދުކުރި ވަރުގެ ނަތީޖާ ތަކެއް ކަމަށާއި، އޭގެ ސަބަބުން ފައިނަލް މެޗާ ދޭތެރޭ އޮތް ޔަގީންކަން ބޮޑު ކަމަށެވެ.

"ހަމަ އުންމީދުކުރި ގޮތަށް ހުރިހާ ކަމެއްވެސް އަދި މިދަނީ. އެހެންވީމަ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ފައިނަލް މެޗު ކާމިޔާބުކުރެވޭނެ ކަމުގެ." އަޔާން ބުންޏެވެ.

މުބާރާތުގެ ފައިނަލާ ހަމައަށް އައިއިރު އެންމެ ގިނަ ބަޔަކު ފޭވަރިޓުންގެ ގޮތުގައި ބަލާ ކްލަބް ޑާކްވުޑާ ދެކޮޅަށް އެންބްލެކް މިރޭ ނުކުންނައިރު އެ ޓީމުން އެންމެ ބޮޑަށް ވިސްނާނީ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަގަޅަށް ހިފޭނެ ގޮތަކަށް ޓީމުގެ މަސައްކަތް ބައްޓަން ކުރުމަށް ކަމަށް އެ ޓީމުގެ މެނޭޖަރު އާހިލް އަހްމަދު މުހައްމަދު ވަނީ ބުނެފަ އެވެ.

އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ނިންމާލަން ލިބޭ ބޯޅަތައް ނިންމާ ނުލެވުމުގެ ސަބަބުން ދެން ފަހަތަށް އަންނަ ބޯޅަ ރަގަޅަށް ދިފާއު ނުކުރެވުން. އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ފައިނަލް މެޗަށް ނުކުންނާނީ.

މިރޭގެ މެޗާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން އާހިލް ބުންޏެވެ.

އާހިލް ފާހަގަކުރި ގޮތުގައި ގޯސްތަކެއް ހެދިފައި ހުއްޓަސް މުބާރާތުގައި ޓީމުން ހޯދަމުން އައި ކުރިއެރުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ އެވެ.

"މެޗަކަށްވުރެ މެޗެއް އަންނަނީ ރަގަޅުވަމުން. އިރާދަކުރެއްވިއްޔާ މިފަހަރުވެސް ތަށި ނަގާނީ އެންބްލެކް." އާހިލް ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އެންބްލެކަށް އޮތް އެންމެ ބޮޑު އަނެއް ހިތްހަމަޖެހުމަކީ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުމެވެ. މީގެ އިތުރުން  އެންބްލެކަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަހްމަދު އަފްލާޒް ރަގަޅު ފޯމެއްގައި ހުރުމަކީ ވެސް އެންބްލަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

މުބާރާތުގައި މިހާތަނަށް 13 ގޯލް އަފްލާޒް ކާމިޔާބުކޮށްފައިވާއިރު އޭނައާ އެންމެ ގާތުން ދެން ވާދަކުރާ ދެ ކުޅުންތެރިންނަށް ޖެހިފައިވަނީ 8 ގޯލެވެ.

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

ގޯލް ޖެހުމުގައި އެންބްލެކުން އަފްލާޒް އަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް އިރު ޑާކް ވުޑްގެ ތަފާތަކީ  މުބާރާތުގެ ޓޮޕް ސްކޯރާ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަކީ ޑާކް ވުޑްގެ ކުޅުންތެރިންނަށް ވުމެވެ.

ފޭދޫ ފުޓްސަލް ދަނޑުގައި އެންބްލެކާއި ކްލަބް ޑާކްވުޑް ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 08:15 ގަ އެވެ.

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings