މާދަމާ ރޭ ފަށާ ގޮތަށް ހަމަޖެހިފައިވާ ގާފަރު ކައުންސިލް ކަޕްގެ ގުރު ނެގުން ރޭ ބާއްވައިފައިވާ އިރު އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ އެކްސް ބޯއިޒް އާއި އޯކޭ ބޯއިޒް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
އެންމެ ފަހުން ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ކައުންސިލް ކަޕް ތިން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި އެކްސް ބޯއިޒް އާއި އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި އޯކޭ ބޯއިޒް މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ވާދަކުރާއިރު މިދިޔަ އަހަރު އޮތް ކައުންސިލް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރި ހަންޓާސް ވެސް ހިމެނުނީ މި ގްރޫޕްގަ އެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ މިފަހަރު ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުމުގެ އުންމީދުގައި ތިބި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައިވާ މާލިން ސްޕޯޓްސް ކްލަބާއި އަދި މިދިޔަ އަހަރުވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ހަންޓާސް އެލީޓެވެ.
ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ މި މުބާރާތުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދަން ރާވާފައިވާއިރު ގްރޫޕް ބީގައި ހިމެނުނީ އޯކޭ ޔުނައިޓެޑާއި، ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އެންމެ ފަހުން ބޭއްވި ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯކޭ ލެޖެންޑްސްގެ އިތުރުން ޕެންތާސް އާއި ޖުމެއިރާ އޮޅަހަލި އައިލެންޑެވެ.
ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އަށްވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހުޅުވާ މެޗުގައި މާދަމާރޭ ބައްދފަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އޯކޭ ބޯއިޒް އާއި ހަންޓާސް އެވެ. ގްރޫޕް ސްޓޭޖުގައި ޖުމްލަ 16 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކްރޮސް ކޮށް ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.
https://fahuminet.com/tournaments/gaafaru-council-cup-2026
މާދަމާއިން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ އިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލް ކޮށްފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިންގާ ކުޅުންތެރިންގެ ތެރޭގައްި ހިމެނޭ އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝާދުގެ އިތުރުން އިބްރާހިމް ރިމާހް (ރިމޭ) އާއި ސާމިން މުހައްމަދު ފަދަ އެތައް ކުޅުންތެރިންނެއް އެ ރަށަކަށް ނިސްބަތްވާ ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަކް އީދުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.