ފައިނަލުގައި ވާދަވެރި އެންބްލެކް ސްޕޯޓްސް ކްލަބް ބަލިކޮށް، ށ. ފޭދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ތާރީހުގައި ދެ ވަނަ ފަހަރަށް ކްލަބް ޑާކް ވުޑުން ހޯދައިފި އެވެ.
ފޭދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުން ޑާކް ވުޑް މޮޅުވީ 1-6 އިންނެވެ. މިއީ ދެ ޓީމުގެ ވާދަވެރިކަމާއި ތިބި ކުޅުންތެރިންނަށް ބަލާއިރު ފަރަގު ބޮޑު ނަތީޖާ އެކެވެ. މި ދެޓީމު ލީގު ބުރުގައި ކުޅުނު މެޗުން ވެސް ޑާކް ވުޑް މޮޅުވި އެވެ. އެ މެޗު ކާމިޔާބުކުރީ 3-5 އިންނެވެ.
މިރޭގެ ފައިނަލުގައި ފުރަތަމަ ލީޑު ނެގީ އެންބްލެކުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އެވެ. މެޗު ތެރެއަށް ކްލަބް ޑާކް ވުޑަށް ވަދެވުނީ 13 ވަނަ މިނެޓުގައި އެންބްލެކްގެ މުހިއްމު ކުޅުންތެރިޔާ އިބްރާހީމް އަސްވަދު (ގަބޭ) އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު، ކްލަބް ޑާކް ވުޑުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ދެ ވަނަ ގޯލާއި ތިން ވަނަ ގޯލު، 23 ވަނަ މިނެޓާއި 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އަނާން އަލީ އެވެ. އޭގެފަހުން 35 ވަނަ މިނެޓުގައި މުހައްމަދު އިސާމް (ޝަންޓޭ) ގެ ގޯލަކުން ފަރަގު ބޮޑުކުރި އެވެ. ޑާކް ވުޑުގެ ފަހު ދެ ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަހުމަދު މިފްރާހް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝަންޓޭ އެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު ކުރިއަށްދިޔަ ފައިނަލް މެޗަށް ފަހު މަގާތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމުދީފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެންބްލެކްގެ އަފްލާޒް އެވެ. އަފްލާޒް ވަނީ މުބާރާތުގައި 14 ގޯލު ޖަހައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެންބްލެކްގެ ގޯލްކީޕަރު އަހުމަދު ނިޒާހު އާއި، ޗެމްޕިއަން ކްލަބް ޑާކް ވުޑްގެ ޝަންޓޭ އާއި އެޓީމުގެ މާއިލް މުހައްމަދު (މާޓު) އަދި އެޓީމުގެ އަހުމަޒު ފާއިން މުހައްމަދުގެ އިތުރުން އެންބްލެކުގެ އަފްލާޒް އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ރަނަރަޕް އެންބްލެކަށް އިރުޝާދުދިން އަލީ ރަޝީދު އެވެ.

މުބާރާތުގެ ކިންގުގެ މަގާމް ހޯދީ ކްލަބް ޑާކް ވުޑްގެ ޝަންޓޭ އެވެ. ރ. ދުވާފަރަށް އުފަން ޝަންޓޭ އަކީ ރާއްޖޭގައި އެންމެ ވިދުންގަދަ ފުޓްސަލް ތަރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ފޭދޫ ކައުންސިލް ކަޕްގައި މިއަހަރު ފަސް ޓީމު ވާދަކުރި އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދިޔައި ލީގު ބުރުގެ އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބި، ދެ ވަނަ އަދި ތިން ވަނަ ޓީމު ސެމީ މެޗެއް ކުޅެގެން ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭ ގޮތަށެވެ.
ފޭދޫ ކައުންސިލް ކަޕް މިދިޔަ ދެ އަހަރު ވެސް ކާމިޔާބުކުރީ އެންބްލެކުންނެވެ. މިފަހަރު ތިން ވަނަ ތަރި ޖަހަން އެޓީމު ނުކުތީ ވަރުގަދަކޮށެވެ. އަނެއްކޮޅުން ކްލަބް ޑާކް ވުޑުން ނުކުތީ އެންބްލެކުގެ ރަސްކަން ނިމުމަކަށް ގެނެސް އަލުން ފޭދޫގެ އެންމެ އުހަށް އެރުމުގެ އަޒުމުގަ އެވެ.
https://www.fahuminet.com/tournaments/sh-feydhoo-council-cup-2026
ފޭދޫ މުބާރާތުގައި ވާދަވެރިކަން ފެނުނުއިރު، ރަށުން ބޭރުގެ މަޝްހޫރު ކުޅުންތެރިންނާ އެކު މިފަހަރުގެ މުބާރާތް ވެސް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.