ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގެ ބަށި މުބާރާތުގައި އިއްޔެ ހަވީރު ގްރީން ވިންގްސް އިން އަޒުމް ބަލިކޮށްފި އެވެ.
ގޮއިދޫ ބަށި ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ގްރީން ވިންގްސް 15 ލަނޑު ހެދިއިރު އަޒުމް އަށް ހެދުނީ 13 ލަނޑު 9 ފޯއްޔެވެ.
ގްރީން ވިންގްސް ވަނީ ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ. އެ މެޗުގައި އެޓީމުން ބަލިކުރީ އޯކިޑް އެވެ.
މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވި ގްރީން ވިންގްސް އެވެ. ވީރު އާއި އަޒުމް އަށް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައިވަނީ އޯކިޑް އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވީރު އާއި ގްރީން ވިންގްސް އެވެ. ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު ކުޅޭނީ އޯކިޑާއި އަޒުމް އެވެ.
ފައިނަލުގައި ވާދަކުރާނީ ލީގު ބުރުގެ އެންމެ ކުރި ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.
ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކުރާ ސްޕޯޓްސް ފިއެސްޓާގައި އެންމެ ފުރަތަމަ ކުޅުނީ ފުޓްސަލް މުބާރާތެވެ. ބަށި މުބާރާތަކީ މިފަހަރު މުޅިން އަލަށް ސްޕޯޓްސް ފިއެސްޓާގައި ހިމަނާފައިވާ ކުޅިވަރެކެވެ.