DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު ތަރުހީބަކާއެކު ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު ހުކުރު ދުވަހު ފަށަނީ
ބޮޑު ތަރުހީބަކާއެކު ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު ހުކުރު ދުވަހު ފަށަނީ
ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު 2025 ގެ ޗެމްޕިއަންކަން ހޯދި ރަސްމާދޫ ޓީމު ތަށްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން

ބޮޑު ތަރުހީބަކާއެކު ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު ހުކުރު ދުވަހު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
23 ގަޑިއިރު ކުރިން 19 ސެޕްޓެމްބަރު 2026

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު 2026 އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.  

ރަސްމާދޫ ކައުންސިލް އިދާރާ އާއި ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އިތުރުން ރަސްމާދޫ ސްޕޯޓްސް ކްލަބް ގުޅިގެން ބާއްވާ މި މުބާރާތުގައި ރ. އަތޮޅުގެ 11 ރަށަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މިއިން ކޮންމެ ރަށަކުންވެސް މުބާރާތުގައި ބައިވެރިވާނީ 40 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

މިދިޔަ އަހަރު ބާއްވަން ފެށި ރ. ވެޓަރަންސް މުބާރާތުގެ ހުރިހާ މެޗެއް މިއަހަރުވެސް ރަސްމާދޫގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރަށް ވުރެ ބޮޑު ތަރުހީބެއް މިއަހަރުގެ މުބާރާތަށް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވެފައިވަނީ ނުވަ ރަށަކުންނެވެ.

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ރަށު ޓީމަށް ކުޅެވޭ ގޮތަށް ހުއްދަ ދެވިފައިވާ މި މުބާރާތުގެ މެޗުތައް މިފަހަރު ކުރިއަށްގެންދަން ރާވާފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ގްރޫޕް ބީގައި ހަތަރު ޓީމު ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ ތިން ޓީމެވެ.

ގްރޫޕް ސްޓޭޖްގައި ކޮންމެ ދުވަހަކު ތިން މެޗު ކުޅޭ ގޮތަށް ތާވަލް ކުރެވިފައިވާ އިރު ގްރޫޕް އޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ރަސްމާދޫ އާއި މިއަހަރު އަލަށް ބައިވެރިވާ އަނގޮޅިތީމުގެ އިތުރުން ރަސްގެތީމާއި، މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި ހުޅުދުއްފާރެވެ.

ގްރޫޕް ބީގައި އިނގުރައިދޫ އާއި މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރި މަޑުއްވަރީގެ އިތުރުން އިންނަމާދޫ އާއި މާކުރަތު ހިމެނޭ އިރު ގްރޫޕް ސީގައި ހިމެނެނީ މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ކުޅުނު މީދޫގެ އިތުރުން ދުވާފަރާއި، މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ އުނގޫފާރެވެ.

މިފަހަރުގެ މުބާރާތުގެ މެޗުތައް ރާވައިފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ އިތުރުން ކޮންމެ ގްރޫޕަކުންވެސް ތިންވަނަ އަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗު މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅެން ތާވަލްކޮށްފައި އޮތީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ހަމައެކަނި ވެޓެރަންސް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "ފަހުމިނެޓް" އެވެ. މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.    

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings