އަންނަ ހުކުރު ދުވަހު ފަށާ ރ. ވެޓަރަންސް ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ރަސްމާދޫ އާއި ރަނަރަޕް މަގާމު ހޯދި ހުޅުދުއްފާރުން މިފަހަރުގެ މުބާރާތަށް ނެރޭ ޓީމު ކުރީ އަހަރަށްވުރެ ވަރުގަދަ ވާނެ ކަމަށާއި، މުބާރާތަށް ވަރަށް ރަގަޅަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ދެ ޓީމުން ވެސް ބުނެފި އެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު 11 ރަށަކުން ވާދަކުރާއިރު މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ރަސްމާދޫ އާއި ހުޅުދުއްފާރު މިފަހަރުގެ މުބާރާތުގައި ލައްވާލީ އެއް ގްރޫޕެއްގަ އެވެ. ޓީމްތައް ތިން ގްރޫޕަކަށް ބަހާލައިފައިވާ އިރު ރަސްމާދޫ އާއި ހުޅުދުއްފާރު ހިމެނޭ ގްރޫޕް އޭ ގައި ދެން ހިމެނެނީ ރަސްގެތީމާއި، މުބާރާތުގައި މިފަހަރު މުޅިން އަލަށް ވާދަކުރާ އަނގޮޅިތީމެވެ.
އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އެކަނި ކުޅުމުގެ ފުރުސަތު އޮތް މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލްގައި ރަސްމާދޫއިން ހުޅުދުއްފާރުގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމާއެކު ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ތަށި ދިފާއުކުރަން ނުކުންނަ ޓީމާ ދޭތެރޭ އޮތީ ބޮޑު އިތުބާރެއް
ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގެގެ ތަށި ދިފާއުކުރަން މުބާރާތް ބާއްވާ ރަސްމާދޫ އިން ނުކުންނައިރު އެ ޓީމަށް އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުބާރާތް އަމިއްލަ ރަށުގައި ކުރިއަށް ދިއުމެވެ. ވަރަށް އެކުވެރި ބަދަހި ގުޅުމެއް އޮތް ރައްޔިތަކު ދިރިއުޅެމުން އަންނަ ރަސްމާދޫގެ ވެޓަރަންސް ޓީމުގެ ފަހަތުގައި މުޅި ރަށް އޮތުމަކީ އެ ޓީމަށް ލިބޭނެ އެންމެ ބޮޑު އެއް އެޑްވާންޓޭޖެވެ.
"ރަށުގެ ރައްޔިތުންގެ ފަރާތުން މިދިޔަ އަހަރުވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ. އެއީ އަޅުގަނޑުމެންގެ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިދިޔަ އަހަރު އަޅުގަނޑުމެންނަށް ތަށި ލިބިފަ އޮތީމަ މިއަހަރު އަދި މާ ބޮޑުވާނެ ކަމަށް މި ބެލެވެނީ ރައްޔިތުންގެ ފަރާތުން ލިބޭ ސަޕޯޓް." ރ. ވެޓަރަންސް މުބާރާތަށް ރަސްމާދޫ ޓީމު ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން އެ ޓީމުގެ މެނޭޖަރު އަހްމަދު މާހިރު ބުނެފައިވެ އެވެ.
މިފަހަރުގެ މުބާރާތަށް ރަސްމާދޫއިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ އިތުރުން ޓީމުގެ ފަރިތަކުރުންތައް ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްދާ ކަމަށް ޓީމުގެ މެނޭޖަރު މައުލޫމާތު ދެއެވެ.
"މިދިޔަ އަހަރުގެ ޓީމުގައި ހިމެނުނު އެންމެ ރަގަޅު ކުޅުންތެރިންގެ އިތުރުން އާ ކުޅުންތެރިން މިފަހަރުގެ ޓީމުގައި ހިމެނޭނެ. ޓީމުގެ ޕްރެކްޓިސް ރަށުގަ ވެސް އަދި މާލޭގަ ވެސް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދޭ. މިފަހަރު ޔަގީނުންވެސް ރަސްމާދޫއިން ނުކުންނަ ޓީމު މިދިޔަ އަހަރު ފެނުނު ޓީމަށް ވުރެ ވަރުގަދަ ވާނެ." މާހިރު ބުނެފައިވެ އެވެ.
މާހިރު ފާހަގަކުރި ގޮތުގައި ރަސްމާދޫއަކީ ތަށި ދިފާއުކުރަން ނުކުންނަ ޓީމު ކަމަށް ވުމާއެކު މުބާރާތުގައި ވާދަކުރާ އެހެން ހުރިހާ ޓީމެއްގެ ސަމާލުކަން އެ ޓީމަށް ހުއްޓޭނެ ކަމަށާއި، އެއީ ކުރިމަތިވާނެ ޗެލެންޖެއް ކަމަށްވިޔަސް ޓީމު ތައްޔާރުވެފައި އޮތް މިންވަރަށް ބަލާއިރު މިފަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރެވޭނެ ފެންވަރު ޓީމުގައި ހުރި ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.
"މިފަހަރުގެ ޓީމާ ދޭތެރޭ އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ޓީމުގެ ފިޓްނަސް ރަގަޅުވުން. ފިޓްނަސް ރަގަޅުކުރުމަށްޓަކައި ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަމިއްލައަށްވެސް ވަނީ ކޮށްފަ. މިކަހަލަ މުބާރާތެއްގަ ފިޓްނަސް ވަރަށް ރަގަޅުވެގެން ކާމިޔާބު ހޯދޭނީ." މާހިރު އިތުރަށް ބުނެފައިވެ އެވެ.
މުޅި ހުޅުދުއްފާރު އޮތީ މުބާރާތް ކާމިޔާބުކުރަން ކެތްމަދުވެފައި
ރަސްމާދޫއާއެކު މިދިޔަ އއަހަރުގެ ފައިނަލްގައި ވާދަކޮށް ހިތްދަތި ގޮތަކަށް ބަލިވި ހުޅުދުއްފާރުން މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަނީ އެ ތަޖުރިބާގެ އަލީގައި އެތައް ފިލާވަޅެއް ދަސްކޮށްގެންނެވެ. ރ. އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ކުޅިވަރު އީދަށް ތައްޔާރުވާން ހުޅުދުއްފާރު ޓީމުން މިހާތަނަށް ކޮށްފައިވާ މަސައްކަތް އެކަނިވެސް އެކަމުގެ ހެއްކަކަކަށް ފުދެ އެވެ.
މިފަހަރުގެ ވެޓަރަންސް ފުޓްސަލް މުބާރާތަށް ތައްޔާރުވުމަށްޓަކައި ހުޅުދުއްފާރުގައި ވަނީ ރަށުގައި ގާއިމުކޮށްފައި ހުރި މުއައްސަސާތަކުގެ މެދުގައި ވެޓަރަންސް މުބާރާތެއްވެސް ކުރިއަށްގެންގޮސްފަ އެވެ. މުބާރާތަށް ޓީމު ތައްޔާރުވަމުން އަންނަތާ މިހާރު ދޮޅު މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
"މިފަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް އަޅުގަނޑުމެން މިއަންނަނީ ތައްޔާރުވަމުން. ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް ރަށުގަ ޕްރެކްޓިސް ކުރަމުން އަންނަތާ މިހާރު ދޮޅު މަސް މިވީ. އެހެންވީމަ ވަރަށް ބޮޑު އުންމީދެއްގަ މި ތިބީ. މިފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ." ހުޅުދުއްފާރު ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އަށް ދިން ހާއްސަ އިންޓަވިއުއްގައި އެ ޓީމުގެ މެނޭޖަރު މުހައްމަދު މުބާރިކް ބުނެފައިވެ އެވެ.
މުބާރިކް ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތަށް ޓީމު ތައްޔާރުވަމުން އަންނައިރު ރަށުގެ ހުރިހާ މުއައްސަސާއަކުންނާއި، ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަނީ އާދަޔާހިލާފު ތަރުހީބެއް ކަމަށެވެ.
"މިއީ މުޅި ރަށަށްވެސް ވަރަށް ހާއްސަ މުބާރާތެއް. މުޅި ރަށް އޮތީ މި މުބާރާތުގެ ތަށި ރަށަށް ގެންނަން ކެތް މަދުވެފަ. އެކަން މި މުބާރާތުގެ ތެރެއިން ވަރަށް ރަގަޅަށް ފެންނާނެ." މުބާރިކް ބުނެފައިވެ އެވެ.
ރ. ވެޓަރަންސް މުބާރާތުތުގެ ގްރޫޕް ސްޓޭޖުފައި ރަސްމާދޫ އާއި ހުޅުދުއްފާރު ވާދަކުރާ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހަވީރު އެވެ. މިއީ މނި ދެޓީމުވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ އެންމެ ފަހު މެޗެވެ.