ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ދިވެހި ފުޓްބޯޅައިގެ އެވޯޑް ހަފްލާ ހުކުރު ވިލޭރޭ ބާއްވަން ނިންމައި ތައްޔާރީތައް ފަށައިފި އެވެ.
މި ހަފްލާއަކީ މިދިޔަ އަހަރު ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް އިން ފާހަގަކުރެވުނު ކުޅުންތެރިންނާއި، ކޯޗުން އަދި ޓީމުތަކުގެ ކާމިޔާބީ ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ހާއްސަ ހަފްލާއެއް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އެވޯޑް ނައިޓް ހަފްލާގައި ގިނަ އެވޯޑްތަކެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ދޭން ކަނޑައަޅާފައިވާ އެވޯޑްތަކަކީ، ފިރިހެން އަދި އަންހެން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ އެވެ.
އެފްއޭއެމްގެ އަމާޒަކީ މިފަދަ އެވޯޑެއް މެދުވެރިކޮށް ދިވެހި ފުޓްބޯޅަ އާއި ފުޓްސަލްގެ ފެންވަރު މަތިކޮށް، ކުޅުންތެރިންގެ މެދުގައި ވާދަވެރިކަމާއި ހިތްވަރު އާކުރުން. މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެކަން ފާހަގަކުރުމަކީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް
އެފްއޭއެމް
އެފްއޭއެމުން ފުޓްބޯޅަ އެވޯޑް މީގެކުރިން ދިނީ 2018 ވަނަ އަހަރު އެވެ. އޭގެފަހުން ހަތް އަހަރު ފާއިތުވެގެންދިޔައިރު މި އެވޯޑް ހަފްލާ ބާއްވާފައެއްނުވެ އެވެ. މިދިޔަ ހަތް އަހަރުގެ ތެރޭގައި އެފްއޭއެމްގެ އިދާރީ ހިންގުން ފެއިލްވެ ރާއްޖޭގެ ފުޓްބޯޅަ ވެސް ހުއްޓުނެވެ. އެފްއޭއެމް އެވޯޑްސް ހަތް އަހަރަށް ފަހު އަލުން ބާއްވަން ނިންމީ ފުޓްބޯޅަ އަލުން ފެށި މިހާރުގެ އެޑްމިނިސްޓްރޭޝަނުނުންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެވޯޑް ހަފްލާ ބާއްވަން ތައްޔާރުވާއިރު، މިދިޔަ އަހަރުތަކުގައި ފުޓްބޯޅަ ކުޅުންތެރިންނަށް އެވޯޑް ލިބެނީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ ސްޕޯޓްސް އެވޯޑްސްގަ އެވެ.
އެފްއޭއެމް އެވޯޑްސްގެ މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލް ހިމަނާފައިވުމެވެ. މި ނިންމުމާ އެކު ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް ވެސް ހޮވާނެ އެވެ.