ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-2 އިންނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރު ސްޕޯޓްސްގެ އަރީން އަބްދުﷲ އިބްރާހީމް ޖެހި ގޯލުންނެވެ.
މާޒިޔާ އިން މެޗު އެއްވަރުކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގައި އިބްރާހީމް އައިސަމް ޖެހި ގޯލުންނެވެ. އެޓީމު މޮޅުވި ގޯލު އޭގެ ފަސް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ބެންޔަމިން ތޯމަސް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ 1-2 އިން އޮޑި ސްޕޯޓްސް ވެސް ބަލިކޮށްފަ އެވެ. ހަތަރު ޓީމު ވާދަކުރާ މުބާރާތުގައި ދެ މެޗުން މޮޅުވުމާއެކު އެޓީމަށް ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ. ނިއު ވަނީ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް 0-5 އިން ބަލިކޮށްފަ އެވެ.
https://www.fahuminet.com/tournaments/cup-winners-cup-2026
މިރޭގެ މެޗުން ނިއު މޮޅުވެއްޖެ ނަމަ މާޒިޔާ އާއި ނިއު އަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެ އެވެ.
ލީގު ބުރުގެ ފަހު މެޗުތައް އޮންނާނީ ހޮނިހިރު ދުވަހު އެވެ. އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 18 ވަނަ ދުވަހު އެވެ.