ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް ނިމި ޒޯން މުބާރާތުގެ މެޗުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގައި ފުރަތަމަ ފަށާ ގޮތަށް ހަމަޖެހިފައިވަނީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތު ޒޯން 2 ގެ މެޗުތަކެވެ. މަނަދޫގައި ހުރިހާ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި ޒޯނުގެ ކުޅުން މިއަދު ފަށާއިރު މި ޒޯންގައި ހަތް ޓީމަކުން ވާދަކުރެ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ނޯތު ޒޯން 2 ގެ ގްރޫޕް އޭ ގައި ހިމެނެނީ ޅ. އަތޮޅުގެ ޗެމްޕިއަން ހިންނަވަރުގެ އިތުރުން، ބ. ތުޅާދޫ އާއި ރ. އިނގުރައިދޫ އަދި ނ. މަނަދޫ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ނ، ރ އަދި ބ އަތޮޅުގެ ޗެމްޕިއަނުންނެވެ. އެއީ މަގޫދޫ، ދުވާފަރު އަދި އޭދަފުށްޓެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ނޯތު ޒޯން 2 ގެ މެޗުތައް ކުރިއަށްގެންދަން ތާވަލްކޮށްފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ. ސެމީ ފައިނަލްގެ މެޗުތައް އަންނަ މަހުގެ 3 ވަނަ ދުވަހު ކުޅޭގޮތަށް ތާވަލްކޮށްފައިވާއިރު ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.
މިއަދު ފަށާ ނޯތު ޒޯން 2 ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ މަނަދޫ އާއި ހިންނަވަރެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ އިނގުރައިދޫ އާއި ތުޅާދޫ އެވެ.
https://fahuminet.com/tournaments/fam-futsal-north-zone-2
ޒޯން މުބާރާތްތުގެ ތެރެއިން ދެން އެންމެ އަވަހަށް ފަށާނީ ހއ، ހދ އަދި ށ. ހިމެނޭ ނޯތު ޒޯން 1 ގެ މެޗުތަކެވެ. ޖުމްލަ ފަސް ޓީމު ވާދަކުރާ މި ޒޯންގެ މެޗުތައް ފަށަން ތާވަލްކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
ހދ. ނައިވާދޫގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ނޯތު ޒޯން 1 ގައި ނައިވާދޫގެ އިތުރުން ވާދަކުރާނީ ހއ. ގެ ދެ ރަށް ކަމަށްވާ އިހަވަންދޫ އާއި ފިއްލަދޫ އަދި ހދ. ހަނިމާދޫ އާއި ށ. ކަނޑިތީމެވެ. މި ޒޯންގައި ލީގު އުސޫލުން މެޗުތައް ކުޅުމަށް ފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ފައިނަލްގަ އެވެ. ފައިނަލް މެޗު ކުޅެން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.