އެފްއޭއެމް ފުޓްސަލް މުބާރާތުގެ ސައުތު ޒޯން ދޭއްގެ ޗެމްޕިއަންކަން ފުވައްމުލަކުން ހޯދައިފި އެވެ.
ފުވައްމުލަކުގައި ކުޅުނު ފައިނަލް މެޗުން އެޓީމު މޮޅުވީ ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫއާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ފުވައްމުލައް ޓީމުގެ އަހުމަދު އަޖުމަލް އެވެ. ފުވައްމުލަކުން ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅު އިނާން އަހުމަދު އެވެ.
މެޗުގައި ވާދޫ އިން ވެސް ހަމަލާތައް އުފެއްދި އެވެ. އެކަމަކު ފުވައްމުލަކުން ދިޔައީ ވަރުގަދައަށް ޑިފެންސްކޮށް ވާދޫގެ އެޓޭކުތައް ހުއްޓުވަމުންނެވެ.
މި ޒޯނުގައި ދެން ވާދަކުރީ ގދ. ފަރެސްމާތޮޑާ އެވެ. އެޓީމު ވަނީ ލީގު ބުރުގެ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ފައިނަލުން ފުވައްމުލައް މޮޅުވިއިރު، ލީގު ބުރުގައި މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވާދޫ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
https://www.fahuminet.com/tournaments/fam-futsal-south-zone-2
ފައިނަލުގައި ވާދަކުރި މި ދެޓީމު ވެސް ދެން ކުޅޭނީ ސައުތު ރީޖަން ލީގުގަ އެވެ. މި ލީގުގައި ދެން ވާދަކުރާނީ ސައުތު ޒޯން އެކަކުން ފައިނަލަށް ހޮވޭ ދެ ޓީމެވެ. ސައުތު ޒޯން އެކެއްގެ މެޗުތައް ކުރިއަށްދަނީ ތ. ތިމަރަފުށީގަ އެވެ.
އެފްއޭއެމް ފުޓްސަލްގެ ސެންޓްރަލް ޒޯން ދޭއްގެ ސެމީ ފައިނަލް މެޗުތައް ވެސް މިރޭ ވަނީ ކުޅެފަ އެވެ. ދ. ކުޑަހުވަދޫގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ފ. ދަރަނބޫދޫއާ ވާދަކޮށް ކުޑަހުވަދޫ ވަނީ 2-3 އިން މޮޅުވެފަ އެވެ. އަދި، ދެ ވަނަ ސެމީގައި ފ. ނިލަންދޫ އިން ވ. ކެޔޮދޫ ވެސް ބަލިކުރީ ހަމަ 3-2 އިންނެވެ.
ސެންޓްރަލް ޒޯން ދެއަކުން ފައިނަލަށް ހޮވުނު ކުޑަހުވަދޫ އާއި ނިލަންދޫ މިހާރު ވަނީ ރީޖަން ލީގަށް ކޮލިފައިވެފަ އެވެ. މި ރީޖަންގައި ދެން ވާދަކުރާނީ ކ. ގާފަރާއި އއ. ބޮޑުފޮޅުދޫ އެވެ.