އާ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު މިއަދަކީ ލީގުގެ ތާރީހްގައި ވަރަށް ހާއްސަ ދުވަހެކެވެ. މިއަދު ހަވީރު ގދ. ގައްދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ގައްދޫ ރިކްރިއޭޝަން ކްލަބު ބައްދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް އަތޮޅު ތެރޭގެ ރަށެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ދިވެހި ލީގުގެ ނަމުގައި 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި ލީގު މުބާރާތުގެ ނަން 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ބަދަލުވެގެން މިހާ ހިސާބަށް އައި އިރު ރަށްރަށުގެ ޓީމުތަކުން ލީގުގައި މީގެ ކުރިން ވާދަކޮށްފައި ވީ ނަމަވެސް ލީގުގެ މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް ހަމަޖެހުނު މިއީ ފުރަތަމަ ފަހަރެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ތޯރިގު (ޓޮމް) މިދިޔަ އަހަރު ހަވާލުވި ފަހުން ދިވެހި ފުޓްބޯޅައަށް ގެނައި އެންމެ ބޮޑު ބަދަލާއެކު މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ހުޅުވާލެވުނު ފުރުސަތުގެ ތެރެއިން ފުރޭނިގެން އައި ދެ ރަށަކުން އަންނަނީ ވާދަކުރަމުންނެވެ. ގައްދޫގެ އިތުރުން މިފަހަރުގެ ލީގުގައި ދެން ބައިވެރިވާ ރަށަކީ ދިއްދޫ އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ ފުރަތަމަ ދިވެހި ޕްރިމިއާ ލީގުގައި މާލެއަށް ނިސްބަތްވާ ޓީމުތަކުން ރަށުން ބޭރުގައި ދިއްދޫ އަދި ގައްދޫއާ ވާދަކުރުރަންޖެހޭ މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ އެ ދެ ރަށުގަ އެވެ.
ޖުމްލަ 10 ޓީމަކުން ވާދަކުރާ ދިވެހި ޕްރިމިއާ ލީގުން ގައްދޫ އާއި ދިއްދޫއަށް ޖާގަ ލިބުނީ އެފްއޭއެމުން އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުން ފެށިގެން ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތްތަކާ ހަމައަށް އައިސް ނޯތު އަދި ސައުތު ރީޖަންގެ ޗެމްޕިއަނުންގެ ގޮތުގައި މާލޭގައި އޮތް ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކޮށް އޭގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ނިއުރޭޑިއަންޓާ ދެކޮޅަށް ގައްދޫއިން އަމިއްލަ ރަށުގައި މިއަދު ނުކުންނައިރު ދިވެހި ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބުކޮށްފައިވާ ނިއުރޭޑިއަންޓް މިފަހަރުގެ ލީގުގައި ކުޅޭ ފުރަތަމަ މެޗަށް މިދިޔަ ބުދަ ދުވަހު ގައްދޫއަށް ދިއުމުން އެރަށުން އެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ގައްދޫ ކައުންސުލްގެ ރައީސް އިލްހާމް ރަޝީދު މެޗުގެ ކުރިން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ވިދާޅުވެފައިވަނީ މިއީ ގައްދޫ އަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި، މި މެޗަށް ގައްދޫ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
"މިއީ ހަގީގަތުގައިވެސް ގައްދޫއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ މިރަށަށް ކުޅެން އަންނަ ޓީމުތަކަށް ފުރިހަމަ މެހްމާންދާރީއެއް އަދާކޮށް، ވީ އެންމެ ރަގަޅަކަށް މެޗުތަކުގެ އިންތިޒާމު ހަމަޖެއްސަން." ގައްދޫ ކައންސިލްގެ ރައީސް އިލްހާމް ރަޝީދު ވިދާޅުވި އެވެ.
https://fahuminet.com/tournaments/dhivehi-premier-league-202627
އިލްހާމް ފާހަގަކުރެއްވި ގޮތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން އެ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށާއި، ރަށުގެ އެންމެންގެ މެދުގައިވެސް މި މެޗަށް ބޮޑު ޝައުގުވެރިކަމެއް އޮތްކަމަށެވެ.
"މިއަދު ވާނެ ގައްދޫގެ ތާރީހުގައިވެސް ދަނޑެއް އެންމެ ގިނަ ބަޔަކު ޖަމާވާ ދުވަހަށް. ދެން ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ އެއް ކްލަބް ކަމަށްވީމަ ކައިރި ރަށްރަށުންވެސް މި މެޗު ބަލަން ގިނަ ބަޔަކު އަންނާނެ ކަމަށް މި ބަލަނީ." ގައްދޫ ކައުންސިލްހެ ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ މާޗު މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ އާއި ނިއުރޭޑިއަންޓް މިއަދު ވާދަކުރާ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.