ކ. ގާފަރު ކައުންސިލް ކަޕްގެ ކުޅުން ރޭ ފެށިއިރު، ގްރޫޕް އޭގެ ފުރަތަމަ މެޗު އެއްވަރުވެ ގްރޫޕް ބީގެ ފުރަތަމަ މެޗުން ޕެންތާސް މޮޅުވެއްޖެ އެވެ.
ގާފަރުގެ 9 ޓީމާ އެކު ކުރިއަށްދާ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވައިފަ އެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅުނީ ގްރޫޕް އޭ ނުވަތަ މަރުގެ ގްރޫޕުގައި ހިމެނޭ އޯކޭ ބޯއީޒް އާއި ހަންޓާސް އެވެ. މުބާރާތަށް ވަރުގަދަކޮށް ތައްޔާރުވި މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ދެޓީމުން ވެސް ވަރުގަދަކޮށް ޑިފެންސް ކުރި މި މެޗުގައި ދެ ގޯލްކީޕަރުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގޯލު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭކާރުވި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޯކޭ ބޯއީޒްގެ އިބްރާހީމް ރިމާހު (ރިމޭ) އެވެ.

ރޭގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ އޯކޭ ލެޖެންޑްސް އާއި ޕެންތާސް އެވެ. ގާފަރުގެ ލެޖެންޑުން ހިމެނެ ޓީމާ ދެކޮޅަށް ކުޅެ ޕެންތާސް މި މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ޕެންތާސް އިންނެވެ. ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޔޫސުފް ޝާއިފް ޖެހިއިރު ދެ ވަަނަ ގޯލު 12 ވަނަ މިނެޓުގައި ޖެހީ އައްޒާމް ނިޔާޒް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެޖެންޑުންގެ ޓީމުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލެޖެންޑުން ޓީމުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި އަހުމަދު ސާޖިދު ޖެހިއިރު އެއްވަރުކުރި ގޯލު އޭގެ ދެ މިނެޓު ފަހުން ޖެހީ އިސާފް މާހިރު އެވެ.
ޕެންތާސް ދެ ވަނަ ހާފު ވަރުގަދަކޮށް ފަށައި، 25 ވަނަ މިނެޓުގައި އަނެއްކާ ވެސް ލީޑު ނެގި އެވެ. މި ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމް ނިޔާޒް އެވެ. އައްޒާމް ވަނީ ދެ ގޯލާ އެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
މެޗުން ބަލިވިޔަސް ލެޖެންޑްސް ހިމެނޭ ޓީމުން ޕެންތާސްއާ ދެކޮޅަށް މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ.
ގާފަރު ކައުންސިލް ކަޕްގައި މިރޭ ތިން މެޗު ކުޅޭނެ އެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޓީމު ހިމެނޭ ގްރޫޕް އޭގެ ދެ މެޗާއި ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީގެ އެއް މެޗެވެ. މި މެޗުތަކުގެ ޝެޑިއުލް ފަހުމިނެޓުން ބެލުންތެރިންނަށް ލިބެން ހުންނާނެ އެވެ.
https://www.fahuminet.com/tournaments/gaafaru-council-cup-2026
ގާފަރު ކައުންސިލް ކަޕް ކުރިއަށްދަނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ސެމީ މެޗުތައް އޮކްޓޫބަރު 30 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ ޖެހިގެން އަންނަ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ.