ގާފަރުގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ތިން މެޗު ކުޅުނުއިރު، އެންމެ ވާދަވެރި މެޗުގައި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެކްސް ބޯއީޒް އަތުން އޯކޭ ބޯއީޒް މޮޅުވެއްޖެ އެވެ.
އެކްސް ބޯއީޒް އަކީ ގާފަރު ފުޓްސަލްގައި އެންމެ ކާމިޔާބު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން ފަސް ފަހަރު އެޓީމުން ހޯދާފައި އޮތުމާ އެކު އެކަން ނިމުމަކަށް ގެންނަން މިފަހަރު އެންމެ ވަރުގަދަކޮށް ތައްޔާރުވި އެއް ޓީމަކީ އޯކޭ ބޯއީޒް އެވެ.
ގާފަރު ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އެކްސް ބޯއީޒްގެ މައްޗަށް އޯކޭ ބޯއީޒް ކުރި ހޯދީ 2-0 އިންނެވެ.
މި މެޗުގެ ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ޖެހީ އޯކޭ ބޯއީޒްގެ މާހީ މުފީދު އެވެ. ދެ ވަނަ ގޯލު 21 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނިހާލް އެވެ.
އެކްސް ބޯއީޒް އިން ވެސް ވަނީ މެޗުގައި ހަމަލާތައް އުފައްދައިފަ އެވެ. އެކަމަކު ގާފަރުގެ މަޝްހޫރު ފުޓްސަލް ތަރިން ނިސްބަތްވާ މި ޓީމަށް ރޭ އޯކޭ ބޯއީޒްގެ ގޯލު ފޫއަޅުވާލެވޭގޮތެއްނުވި އެވެ.

މި ދެޓީމުގެ އިތުރުން ގްރޫޕް އޭގައި ހިމެނޭ މާލިންސް ސްޕޯޓްސް ކްލަބާއި ހަންޓާސް އެލީޓް ވެސް ރޭ ކުޅުނެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ ހަންޓާސް އެލީޓް އެވެ.
މެޗުގައި ހަންޓާސް އެލީޓްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނުހާޒު އާއި ސާޖިދު އިބްރާހީމް އެވެ.
ގްރޫޕް ބީގައި ހިމެނޭ އޯކޭ ޔުނައިޓެޑާއި ޖުމެއިރާ ރިސޯޓް ވެސް ރޭ ކުޅުނެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 3-4 އިން ކާމިޔާބުކުރީ އޯކޭ ޔުނައިޓެޑެވެ.

މެޗުގައި އޯކޭ ޔުނައިޓެޑްގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ގައިސަން އަބޫބަކުރު މާހިރު އާއި މުހައްމަދު ނާއިފްގެ އިތުރުން މުހައްމަދު އަބްދުﷲ އަދި ޝަވާން ސާމިރު އެވެ. ޝަވާން ސާމިރު މެޗުގައި ގޯލު ޖެހީ ފަހުމިނެޓުގަ އެވެ. މި ގޯލާ އެކު އެޓީމުން ތިން ޕޮއިންޓް ވެސް ކަށަވަރުކުރި އެވެ.
ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޖުމެއިރާ އަށް ރޭ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިޝާން އާއި ދެ ގޯލު ޖެހި އަހުމަދު ޒާހިދު އެވެ.
https://www.fahuminet.com/tournaments/gaafaru-council-cup-2026
ގްރޫޕް ބީގައި ދެން ހިމެނެނީ ޕެންތާސް އާއި އޯކޭ ލެޖެންޑްސް އެވެ. ފުރަތަމަ ރޭ މި ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ޕެންތާސް އެވެ.
ގާފަރު ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. ސެމީ ފައިނަލަށް ކުރާ އުންމީދުގައި މިރޭގެ މެޗުތަކަކީ މުހިއްމު މެޗުތަކެކެވެ.