މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ތުލުސްދޫގައި ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެރަށަށް ނިސްބަތްވާ ކަންމަތި ފުޓްބޯޅަ ކްލަބުން ހޯދައިިިފި އެވެ.
ތުލުސްދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުން ކަންމަތި މޮޅުވީ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާ ވާދަކޮށް 0-1 އިންނެވެ.
މިއީ ކަންމަތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މި ކާމިޔާބީއާ އެކު ކަންމަތި ވެފައިވަނީ މިޔަޓް ފުޓްސަލްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަށެވެ.
ފައިނަލް މެޗުގައި ކަންމަތީގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ދެޓީމުން ވެސް ހަމަލާތައް އުފެއްދި މެޗުގައި ގޯލު ޖަހާނު ފުރުސަތުތައް ތަނަވަސްކުރި އެވެ. ކަންމަތިން އެއް ގޯލުގެ ލީޑެއް ނެގުމަށް ފަހު ވަނީ އެޕޮކަލިޕްސްގެ ވަރުގަދަ އެޓޭކުތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް އެޕޮކަލިޕްސްގެ ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު އަފްލާޒް ހުއްޓުވުމުގައި ކަންމަތިން އިތުރަށް ސަމާލުކަންދީ އެކަން ކާމިޔާބުކުރި އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، އެޕޮކަލިޕްސްގެ ހުސައިން ޝަރީފް (އޮންލީ)، ކަންމަތީގެ ހުސައިން ސުހައިލް (ސޮކޭ)، އެޕޮކަލިޕްސްގެ ގޯލްކީޕަރު ނައްފާޒް ސައުދު، ކަންމަތީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އެޕޮކަލިޕްސްގެ އަހުމަދު އަފްލާޒް އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ކަންމަތީގެ ސޮކޭ އަށެވެ. އެންމެ މޮޅު ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ފައިނަލުގައި ވާދަކުރި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ލިބުނީ ގާފަރުން މުބާރާތުގައި ވާދަކުރި ޓީމު، އެކްސް ބޯއީޒްގެ ތަރި އަހުމަދު ޝަނާން އަށެވެ.
މުބާރާތުގެ ކިންގުގެ މަގާމް ހޯދީ، ކަންމަތިން ތަށި ހޯދިއިރު މޮޅު ކުޅުމެއް ދެއްކި މަޝްހޫރު ފުޓްސަލް ތަރި ޝާއްޕެ އަށެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ތޮލާލް އެވެ.
ފައިނަލް މެޗު ބެލުމަށް ގިނަ ބަޔަކު ތުލުސްދޫ އަށް ވަނީ ގޮސްފަ އެވެ. އަދި، ފައިނަލް މެޗުގެ ކުރިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ.
ކ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގެ ހަތް ވަނަ މުބާރާތުގައި ނުވަ ޓީމަކުން ވާދަކުރި އެވެ. މީގެތެރޭގައި ރަށުން ބޭރު ތިން ޓީމު ހިމެނުނެވެ. އެއީ ގާފަރުގެ އެކްސް ބޯއީޒްގެ އިތުރުން ދިއްފުށި ޓީމާއި ކުޑަވިލިގިލި ރިސޯޓެވެ.

މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ކުޑައިގެ ދަށުގައި ކުރިއަށްގެންދިޔަ ފުޓްސަލް ފިއެސްޓާގެ އިތުރުން، އެއް ދުވަހުގެ އަންހެން ފުޓްސަލް މުބާރާތެއް ވެސް ކުރިއަށްގެންދިޔަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާފުށި އަންހެން ޓީމެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
ދެ ފުޓްސަލް މުބާރާތުގެ އިތުރުން، މިޔަޓުން ވަނީ އެއްބައިވަންތަކަމުގެ ދުވުމެއް ވެސް ތުލުސްދޫގައި ކުރިއަށްގެންގޮސްފަ އެވެ. އަދި ފިއެސްޓާގެ ހަރަކާތެއްގެ ގޮތުގައި އިސްރަށްވެހިންގެ ބައިވެރިވުން ހިމެނޭ އިވެންޓެއް ވެސް ކުރިއަށްގެންދިޔަ އެވެ.
ފަހުމިނެޓުން މިޔަޓް ސްޕޯޓްސް ފިއެސްޓާގެ "ޕީއާރް" ޕާޓްނަރކަން ކުރިއިރު، މި ފިއެސްޓާ ފާހަގަކުރެވުނީ ރާއްޖޭގައި މިހާތަނަށް ރަށެއްގައި ބޭއްވި އެންމެ އިންތިޒާމުތައް ފުރިހަމަ މުބާރާތަށެވެ.