ފުރަތަމަ ސަފްޙާ / ޚަބަރު / ކަންމަތިން ދެކެމުން އަންނަ ތިން ތަރީގެ ހުވަފެން އެޕޮކަލިޕްސް އަށް މިފަހަރު ބިލާހަކަށް ހެދިދާނެތަ؟
ކަންމަތިން ދެކެމުން އަންނަ ތިން ތަރީގެ ހުވަފެން އެޕޮކަލިޕްސް އަށް މިފަހަރު ބިލާހަކަށް ހެދިދާނެތަ؟
ކަންމައްޗާއި އެޕޮކަލިޕްސްގެ ފައިނަލް މެޗު މިރޭ. ހުސް ތަރިން ހިމެނޭ ވާދަވެރި ފައިނަލް މެޗަށް މުޅި ތުލުސްދޫ އޮތީ ތައްޔާރުވެފަ. ފޮޓޯ: މިޔަޓް

ކަންމަތިން ދެކެމުން އަންނަ ތިން ތަރީގެ ހުވަފެން އެޕޮކަލިޕްސް އަށް މިފަހަރު ބިލާހަކަށް ހެދިދާނެތަ؟

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 13 އޮގަސްޓް 2026

ތުލުސްދޫގައި ކުރިއަށްދާ މިޔަޓް ފުޓްސަލް ފިއެސްޓާ 2026 ގެ ފައިނަލްގައި މިރޭ ވާދަކުރަން ކަންމަތި އެފްސީ އާއި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް ތައްޔާރުވެފައިވާއިރު ފޯރިގަދަ ފައިނަލަކަށް މިރޭގެ ފައިނަލަކަށް ވާނެކަމަށް އުންމީދު ކުރެވޭ ސަބަބުތައް ގިނަ އެވެ.

ކ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ކުލަގަދަ ފުޓްސަލް އީދުގެ ފައިނަލްގައި މިރޭ ކަންމަށްޗާއި، އެޕޮކަލިޕްސް ވާދަކުރާއިރު މި ދެ ޓީމު މި މުބާރާތުގައި އަދި އެއްވެސް ޓީމެއްގެ އަތުން ބަލިވެފައެއް ނުވެ އެވެ.

މިހާތަނަށް މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކަންމަތިން މިފަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު 2022 ވަނަ އަހަރު އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެޕޮކަލިޕްސް ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ.

މުބާރާތުގެ ފައިނަލުން ކަންމަތި އެފްސީ ޖާގަ ހޯދައިފައިވަނީ ހަތަރު ޓީމު ވާދަކުރި ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަލަށް ދަތުރުކޮށް، ސެމީ ފައިނަލްގައި މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އެކްސް ބޯއީޒް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު އެވެ.

އަނެއްކޮޅުން އެޕޮކަލިޕްސް މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ފަސް ޓީމު ވާދަކުރި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައި ސެމީ ފައިނަލްގައި އެންމެ ފަހުގެ ރަނަރަޕް ބްލެކް އީގަލްސްއާ ވާދަކޮށް 0-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރި ކަންމަތި އެފްސީއިން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދުމަށްޓަކައި މިރޭ ނުކުންނައިރު އެ ޝަރަފް ހޯދުމަށްޓަކައި އެންމެ ފުރަތަމަ އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފައި ވަނީ މިރޭ އެ ޓީމާ ފައިނަލްގައި ވާދަކުރާ އެޕޮކަލިޕްސް އިންނެވެ. ކޮވިޑް 19 އާ ގުޅިގެން މުބާރާތް މެދުކަނޑާލުމަށްފަހު އަލުން މުބާރާތް ބާއްވަން ފެށި އަހަރު މުބާރާތުގެ ފައިނަލްގައި ކަންމައްޗާ ވާދަކޮށް އެޕޮކަލިޕްސް އިން ވަނީ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށަށް އުފުލާލައިފަ އެވެ.

އެޕޮކަލިޕްސްގެ އަފްލާޒް އާއި އެޓީމުގެ ބައެއް ކުޅުންތެރިން. އަފްލާޒް ހުއްޓުވަން ކަންމަތިން މިރޭ ވަރުގަދަ ޕްލޭނެއް ހަދާނެ. ފޮޓޯ: މިޔަޓް
އެޕޮކަލިޕްސްގެ އަފްލާޒް އާއި އެޓީމުގެ ބައެއް ކުޅުންތެރިން. އަފްލާޒް ހުއްޓުވަން ކަންމަތިން މިރޭ ވަރުގަދަ ޕްލޭނެއް ހަދާނެ. ފޮޓޯ: މިޔަޓް

ކަންމަތި އެފްސީއެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގެ ތަށި ހޯދައި ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ ފަހުރު ހޯދަން ނުކުތް އަނެއް ޓީމަކީ އެޕޮކަލިޕްސްއާ އެއް ގުރޫޕެއްގައި ވާދަކުރި ދިއްފުށި ފުޓްސަލް ޓީމެވެ. ކ. އަތޮޅުގައި ދެވޭ ފުޓްސަލްގެ އެންމެ ޝަރަފްވެރި އެއް ތަށި ހޯދުމުގެ ފޮނި އުންމީދުގައި ނުކުތް ދިއްފުށީގެ ހުވަފެން ހަގީގަތަކަށް ނުވި މައިގަނޑު އެއް ސަބަބަކަށްވެސް ވީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން އެޕޮކަލިޕްސް އަތުން ބަލިވުމެވެ.

މިރޭ ކުރި ހޯދުމުގެ ފުރުސަތު ބޮޑީ ކޮން ބައެއް؟

މިރޭގެ މެޗަށް ދެ ޓީމު ނުކުންނައިރު މި ދެ ޓީމުންވެސް ވަނީ މުބާރާތުގައި ގިނަ ގޯލްތަކެއް ޖަހައިފަ އެވެ. ކަންމަތިން މި މުބާރާތުގައި މިހާތަނަށް 31 ގޯލް ކާމިޔާބުކޮށްފައިވާއިރު އެޕޮކަލިޕްސް އިން ވަނީ 27 ގޯލް ކާމިޔާބުކޮށްފަ އެވެ. އެޕޮކަލިޕްސްއަށް ވުރެ ކަންމަތި އެފްސީގެ ގޯލްޖެހުމުގެ ރެކޯޑް ރަގަޅަސް ޑިފެންސިވް ރެކޯޑަށް ބަލާއިރު ކުރި ލިބެނީ އެޕޮކަލިޕްސްއަށެވެ. މުބާރާތުގައި ކަންމަތިން ކުޅުނު ހަތަރު މެޗުގައި ޖުމްލަ 10 ގޯލް އެ ޓީމު ކޮޅަށް ވަދެފައިވާ އިރު އެޕޮކަލިޕްސްއިން ކުޅުނު ފަސް މެޗުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ހަތް ގޯލެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު ވެސް ކަންމަތި އެފްސީގެ އެޓޭކް ވަރުގަދަކަން ހާމަވެ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތް ތިން ކުޅުންތެރިން ކަމަށްވާ ހުސައިން ސުހައިލް (ސޮކޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ އިތުރުން އަހްމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) އަކީ ކަންމަތި އެފްސީގެ ކުޅުންތެރިންނެވެ. އެޕޮކަލިޕްސްގެ އަހްމަދު އަފްލާޒް އާއި ހުސައިން ޝަރީފް (އޮންލީ) އުޅެނީ ލިސްޓުގެ ހަތަރު ވަނަ އަދި ފަސްވަނައިގަ އެވެ.

ޓީމު ވަރަގަދަޔަސް ކަންމަތިން ވިސްނަންޖެހޭ ކަންކަން އެބަހުރި

މިރޭގެ މުހިންމު ފައިނަލަށް ނުކުންނައިރު ކަންމަތި އެފްސީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ސްކޮޑް ވަރުގަދަވުން ކަމަށް މެޗުގެ ކުރިން ކަންމަތި އެފްސީގެ މެނޭޖަރު ހުސައިން އާލިމް "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ސެމީ މެޗުގައި ކަންމަތީގެ ޝާއްޕެ ބޯޅަ ފޮނުވާލަނީ. މި ޓީމުގައި ވެސް ތިބީ ހުސް ފުޓްސަލްގެ ތަރިން. ފޮޓޯ: މިޔަޓް
ސެމީ މެޗުގައި ކަންމަތީގެ ޝާއްޕެ ބޯޅަ ފޮނުވާލަނީ. މި ޓީމުގައި ވެސް ތިބީ ހުސް ފުޓްސަލްގެ ތަރިން. ފޮޓޯ: މިޔަޓް

ސޮކޭ އާއި ޝާއްޕެގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އަހްމަދު ހަމީދު (އަންމަޑޭ) މި މުބާރާތުގައި ކަންމަތި އެފްސީއަށް ކުޅެމުން އަންނައިރު، މިއަހަރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމު ހޯދި ޔާމިން މުހައްމަދު (ޔާންޓެ) ވެސް އަންނަނީ މި މުބާރާތުގައި ކަންމަތި އެފްސީ ގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

"އަޅުގަނޑުމެން މިފަހަރު ޓީމު އެކުލަވާލިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ ޓީމުގެ ސްކޮޑް ވަރުގަދަކުރަން. ބެންޗުން އަރާ ކުޅުންތެރިންނަކީ ވެސް ފުރަތަމަ އަރާ ކުޅުންތެރިންހާ މޮޅަށް ކުޅެވޭނެ ކުޅުންތެރިންނަށް ވާން އަޅުގަނޑުމެން ބޭނުންވީ. އޭގެ ނަތީޖާ އަސްލު މިހާ ހިސާބަށް އާދެވުންވެސް މިއީ." އާލިމް ބުނެފައިވެ އެވެ.

އާލިމް ބުނި ގޮތުގައި ޓީމު ވަރަފަދަޔަސް އިދިކޮޅުން ކުޅޭ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި، މެޗަށް ނުކުންނާނީ އެކަންކަމަށް ތައްޔާރުވެގެން ކަމަށެވެ.

އެޕޮކަލިޕްސް ޓީމަކީވެސް މޮޅު ޓީމެއް. ހާއްސަކޮށް އެޓީމަށް ކުޅެމުން އަންނަ އަފްލާޒްގެ ކުޅުން ވަރަށް ތަފާތު. އެއީ އަހަރެމެންގެ ޓީމުން ވިސްނަންޖެހޭނެ ކަމެއް. ކޮންމެ ވަގުތެއްގަވެސް ނަތީޖާ ބަދަލުކޮށްލައިފާނެ ކުޅުންތެރިއެއް އެއީ.

އެޕޮކަލިޕްސް ބޮޑު އިތުބާރެއްގައި

މިރޭގެ މެޗަށް އެޕޮކަލިޕްސް ނުކުންނައިރު އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ތިން ތަރި ޖެހުމުގެ ފުރުސަތު ކަންމައްޗަށް ނުދީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓުގައި އެ ޓީމުވެސް ހިމެނުމެވެ. މިކަން ހާސިލްކުރުމަށްޓަކައި އެޓީމަށް ލިބިފައި އޮތް އެންމެ ބޮޑު އިތުބާރާކީ މުބާރާތުގައި އެ ޓީމު ދައްކަމުން އަންނަ މޮޅު ކުޅުމެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

"އެޕޮކަލިޕްސްގެ ކުޅުން މެޗަކަށްވުރެ މެޗެއް ރަނގަޅުވަމުން އައިސްފަ މިހިރީ. ސެމީ ފައިނަލް މެޗުގެ ނަތީޖާއިން އެކަނިވެސް އެކަން އެބަ އެނގޭ. އަނެއް ކޮޅުން ޓީމުގެ އެކުލެވުން ވަރަށް ބޮޑަށް ރަނގަޅުވެފަ އޮތް ކަމަށް ފެންނަނީ." މިރޭގެ މެޗަށް ނުކުތުމުގެ ކުރިން "ފަހުމިނެޓް" އާ ވާހަކަދައްކަމުން އެޕޮކަލިޕްސްގެ މެނޭޖަރު އަހްމަދު ސާމިރު ބުނެފައިވެ އެވެ.

އަޅުގަނޑުމެން ވާނެ ކަންމަތިން ތިނަވަނަ ތަށި ހޯދަން ނުކުތް ފުރަތަމަ ފަހަރުވެސް އެކަން ނާކާމިޔާބުކޮށްލާފަ. މިފަހަރު ދިއްފުށިން ތިން ތަށި ހޯދަން ކުރި މަސައްކަތްވެސް ނާކާމިޔާބުކޮށްލީ މި ޓީމުން. އެހެންވީމާ. މިފަހަރުވެސް ވަރަށް ބޮޑު އިތުބާރަކާއެކު މި ނުކުންނަނީ.

މިރޭ ކަންމަތި އެފްސީ އާއި އެޕޮކަލިޕްސް ވާދަކުރާ ފައިނަލް މެޗު ފަށާނީ 09:30 ގަ އެވެ.  

 

 

 

 

 

 

 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings